ރާއްޖޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ އިން ކުޅުނު ދެވަނަ މެޗުގައި މިއަދު ސްރީ ލަންކާ ކައިރިން ބަލިވެއްޖެއެވެ.
ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ލަންކާ އިން ރާއްޖެ ބަލިކުރީ ސީދާ ތިން ސެޓުންނެވެ. މިއަދުގެ މެޗަށް ރާއްޖެ ނުކުތްއިރުވެސް އޮތީ ފުރަތަމަ މެޗުގައި ކިރިގިސްތާން ކައިރިން ތިން ސެޓުން ބަލިވެފައެވެ. ލަންކާ އޮތީ ނޭޕާލް ކައިރިން 3-1 ސެޓުން މޮޅުވެފައެވެ.
މިއަދުގެ މެޗުގައި ލަންކާ އިން ރާއްޖެ ކައިރިން ސެޓުތައް ގެންދިޔައީ 25-8, 25-9 އަދި 25-16 އިންނެވެ.
ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ރާއްޖެއިން ކޮންމެވެސް ވަރަކަށް ރަނގަޅަށް ކުޅެ، ސެޓުގައި ލަންކާއާ ވާދަކޮށްލި ނަމަވެސް، ދެން ކުޅުނު ދެ ސެޓުގައިވެސް ލަންކާ ފެނުނީ މާބޮޑަށްވެސް ރަނގަޅަށެވެ. ލަންކާގެ ބާރު ހަމަލާތަކެއް މެޗުގައި ފެނިގެންދިޔައިރު، ފަހު ދެ ސެޓުގައިވެސް ރާއްޖޭގެ ކުޅުންތެރިންގެ އަމިއްލަ ގޯސްތައް ފެނިގެންދިޔައެވެ.
މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ކިރިގިސްތާނުން ސީދާ ތިން ސެޓުން ނޭޕާލް ބަލިކުރި އިރު، ލަންކާއާއި ކިރިގިސްތާނުން ވަނީ އެއްވަނަ އަދި ދެވަނަ މަގާމު ޔަގީންކޮށްފައެވެ.
މުބާރާތުގެ ލީގު ބުރުގައި ރާއްޖެއިން ކުޅޭ ފަހު މެޗުގައި މާދަމާ ހަވީރު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް