ރާއްޖޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގައި ސްރީ ލަންކާއިން ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް ބަލިކޮށްފިއެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ލަންކާއިން ނޭޕާލް ބަލިކުރީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ލަންކާއިން 20-25 އިންނެވެ. އެހެންނަމަވެސް ދެން ޖެހިގެން އައި ސެޓު، ނޭޕާލުން 24-26 އިން ގެންދިޔައެވެ. މެޗުގެ ފަހު ދެސެޓު ލަންކާއިން ގެންދިޔައީ 25-11 އަދި 25-18 އިންނެވެ.

ފުރަތަމަ ސެޓު ދާދި ހަމަހަމަކޮށް ފެނިގެން ގޮސްފައިވާ އިރު، ނޭޕާލުން ފެށީ ލީޑު ކުރަމުންނެވެ. އެހެން ނަމަވެސް، ސެޓުގެ މެދު ތެރެއިން ލަންކާއިން މަޑުމަޑުން އެޓޭކްތައް ވަރުގަދަކޮށް، ލީޑު ނެގިއެވެ. ދިގު ރެލީތަކެއް ސެޓުގައި ފެނިގެން ގޮސްފައިވާ އިރު، ސެޓުގެ ފަހު ކޮޅަށް ގޮސް ލަންކާއިން ބޮޑު ލީޑެއް ނެގިއެވެ. އެހެން ނަމަވެސް ނޭޕާލުން ފަހު ކޮޅަށް ގޮސް، އަނެއްކާވެސް ސްކޯގެ ފަރަގު ކުޑަކުރިއެވެ. ލަންކާ އެއް ޕޮއިންޓަށް ވެފައި އޮއްވާ ނޭޕާލުން ރަނގަޅަށް ކުޅެ، ގާތް ކުރިއެވެ. އެހެން ނަމަވެސް ލަންކާއިން ސެޓު ގެންދިޔައީ 25-20 އިންނެވެ.

ދެވަނަ ސެޓުގެވެސް ފަށައިގެން ލަންކާއިން ލީޑު ކުރަމުން ގޮސް، 10-9 ގައިވެސް އޮތެވެ. އެހެންނަމަވެސް އެހިސާބުން ނޭޕާލުން ސެޓުގެ އޮއިވަރު ބަދަލުކޮށްލިއެވެ. ފަހަތުން އަރައި މެޗުގެ ލީޑު ނަގައި، 12-11 އަށް ހަދައި، ދެން ސެޓު ދިޔައީ އެއްވަރުވަމުންނެވެ. 21-21 އިންވެސް ސެޓު އެއްވަރުވެފައި އޮތް އިރު، ގާތްގާތުގައި ޕޮއިންޓް ގޮސް، ސެޓު ނޭޕާލުން ގެންދިޔައީ 26-24 އިންނެވެ.

ނޭޕާލުން ދެވަނަ ސެޓު ގެންދިޔަ ނަމަވެސް، ލަންކާއިން ތިންވަނަ ސެޓުގައި ފެނުނީ މާ ބޮޑަށްވެސް މޮޅުކޮށެވެ. ސެޓުގެ އެންމެ ކުރިން ފެށިގެން ލަންކާއިން ލީޑު ކުރަމުން ގޮސް، އެޓީމުން ނޭޕާލަށް ސެޓު ގެއްލުވާލީ 25-11 އިން ސެޓު ގެންގޮސްގެންނެވެ. އެއީ މެޗުގެ އޮއިވަރުވެސް ބަދަލުވި ވަގުތެވެ. އެ ސެޓާއެކު ލަންކާއަށް އުންމީދު އާވިއެވެ. ނޭޕާލްގެ ފަރާތުން ސެޓުގައި ފެނުނީ ވަރަށް ބޮޑަށް ވަރުބަލިކޮށެވެ.

ހަތަރުވަނަ ސެޓުގައި ލަންކާއިން ވަރަށް ޔަގީންކޮށް، ސެޓުގެ ކުރިން ފެށިގެންވެސް ލީޑުގައި ކުޅެމުން ދިޔައެވެ. ނޭޕާލުން ވަރަށް ބޮޑަށް ވަރުބަލިވެ، އުނދަގޫތަކާ ކުރިމަތިލާފައިވާ އިރު، އެޓީމުން ހިތްވަރާއެކު ސެޓުގެ މެދު ތެރެއިން 13-13 އިން އެއްވަރުވެސް ކުރިއެވެ. އެހެން ނަމަވެސް ސެޓުގެ ފަހުކޮޅަށް ގޮސް، ލަންކާއިން ޑިފެންސާއި އެޓޭކްވެސް ރަނގަޅުކޮށް ނޭޕާލް ބަލިކުރިއެވެ. ހާއްސަކޮށް ލިބަރޯގެ ތަފާތު ފެނިގެންވެސް ދިޔައެވެ. ސެޓު ލަންކާއިން ގެންދިޔައީ 25-18 އިންނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ރާއްޖެ ވަނީ ކިރިގިސްތާނު ކައިރިން ސީދާ ތިން ސެޓުން ބަލިވެފައެވެ. މުބާރާތުގައި މިއަދުވެސް ދެމެޗެއް އޮންނާނެއެވެ. ހަވީރު އޮންނަ މެޗުގައި ރާއްޖެއިން ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި މިރޭ އޮންނާނީ ކިރިގިސްތާނާއި ނޭޕާލް ވާދަކުރާ މެޗެވެ.