ރާއްޖޭގެ ޒުވާން ޓީމުތަކުން ދަތުރު މި ފަށަނީ 2027 ވަނަ އަހަރު ކޮމޮރޮސްގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ފައިނަލުގައި ކުޅުމަށް ކަމަށް ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ލަތީފް އެހެން ވިދާޅުވީ ރޭ ބޭއްވި ކާވާ 20 އަހަރުން ދަށުގެ އަންހެން މުބާރާތް، ރާއްޖޭގައި ފެށުމަށް ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ބޭއްވި ހާއްސަ އިވެންޓްގައެވެ. އެ އިވެންޓްގައި މުބާރާތުގައި ބައިވެރިވާ ކިރިގިސްތާންގެ އިތުރުން ރާއްޖެއާއި ނޭޕާލް އަދި ސްރީ ލަންކާ ބައިވެރިވެފައިވެއެވެ. އޭގެ އިތުރުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުވެސް ރޭގެ އިވެންޓްގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ރޭގެ އިވެންޓްގައި ލަތީފް ވިދާޅުވީ މިހާރު މި ފެށޭ ދަތުރަކީ، 2027 ވަނަ އަހަރުގެ އައިއޯއައިޖީއަށް ފެށޭ ދަތުރެއް ކަމަށާއި، އެ އަހަރު އައިއޯއައިޖީގެ ފައިނަލަށް ދިވެހި ވޮލީ ދެޓީމު ގެންދަން ވައުދުވެވަޑައިގަންނަވާ ކަމަށެވެ.

"މި 20 އަހަރުން ދަށުގެ ޓީމުން އެމްބާކް ކުރަނީ ހާއްސަ ފެށުމެއް. މިއީ ވަރުގަދަ އަޒުމަކާއެކު ފަށާ ދަތުރެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ދަތުރުގެ އުންމީދަކީ 2027 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، ފިރިހެން ޓީމާއި، އަންހެން ޓީމު ފައިނަލްގައި ކުޅުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ހިންގާ ކޮމިޓީން މިވަގުތު މިތިބީ އެ އަޒުމުގައި އެކަމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ތައްޔާރަށް. މިއީ އަޅުގަނޑުމެން ރައްޔިތުންނަށް ވާ ވައުދެއް. އިރާދަކުރެއްވިއްޔާ އައިއޯއައިޖީ 2027 އިން ރާއްޖެއަށް ވޮލީން ދެ ރިހި މެޑަލް ގެނެސްދޭނަން. ތިޔަ ރައްޔިތުން މި ކުޅުންތެރިންނަށް ސަޕޯޓްކޮށް، ތާއީދުކޮށް، ހިތްވަރު ދެއްވާ!" ލަތީފް ވިދާޅުވިއެވެ.

ރޭގެ އިވެންޓްގައި ލަތީފް ވަނީ ވޮލީބޯލް އެސޯސިއޭޝަނާއި ރާއްޖޭގެ ކުޅިވަރު ވުޒާރާއިން މުބާރާތް އިންތިޒާމް ކުރުމަށް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

"ކުޅިވަރަކީ ގުޅުންތެރިކަން އިތުރު ކޮށްދޭނެ ހާއްސަ ބާރެއް ލިބިގެންވާ އެއްޗެއް. މި މުބާރާތުންވެސް ޒުވާން ކުޅުންތެރިންގެ ހުނަރު ފެނުމުގެ އިތުރުން ހާއްސަ ގުޅުންތައް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރަން. އަހަރެން ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް އެދޭ އެދުމެއް އެއީ އެފްއައިވީބީގެ އަސާސްތައް ދަމަހައްޓައި، ވޮލީގެ އަސާސްތައް ފުރިހަމައަށް ދަމަހައްޓަން. މި ފުރުސަތުގައި ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަނަޝާއި، ސްޕޯޓްސް މިނިސްޓަރު ރާފިއުގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރަން، ރާއްޖޭގައި މިފަދަ މުބާރާތެއް ބޭއްވި، އެއްބާރުލުމެއް ލިބިގެންދާތީ،" ލަތީފް ރޭ ދެއްކެވި ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ލަތީފް ވަނީ މުބާރާތުގެ ސްޕޮންސަރުންނާއި އެހެނިގެން ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.