މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވި އެސްކްރޯ އެކައުންޓަށް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ޔާމީން ހުޅުވާފައިވާ އެކައުންޓުން ޖަމާކުރި އެއް މިލިއަން ޑޮލަރު ބީއެމްއެލްއަށް ދޫކުރެވޭނެ ކަމަށް އޭސީސީން ބުނެފިއެވެ.
މި މައްސަލައަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުލަތުން ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެ މަނިކުފާނުގެ މައްޗަށް ސާބިތުނުވާތީއާއި އެސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެ މަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާނުކޮށް ހިފެހެއްޓި މައްސަލައިގައި، އެ ފައިސާ ހޯއްދެއްވުމަށް އޭސީސީއާއި ބީއެމްއެލްއާ ދެކޮޅަށް ޔާމީން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައެކެވެ.
ސިވިލް ކޯޓުގައި މި ދައުވާއަށް ޖަވާބުދާރީވަމުން ބޭންކާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ބުނެ ބީއެމްއެލް އިން އިޖުރާއީ ނުކުތާއެއް ނެގިއެވެ. ނަމަވެސް އެ އިޖުރާއީ ނުކުތާ ބަލައިނުގަނެ ސިވިލް ކޯޓުން ނިންމީ އޭސީސީގެ އިތުރުން ބީއެމްއެލްގެ މައްޗަށްވެސް ޔާމީނަށް ދައުވާ ކުރެވޭނެ ކަމަށެވެ. ސިވިލް ކޯޓުގެ އެ ނިންމުން ގާނޫނުތަކާ ހިލާފު ކަމަށް ބުނެ ބީއެމްއެލް އިން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މިއަދުގެ އަޑުއެހުމަކީ ހައިކޯޓުގައި ބޭއްވި އެ މައްސަލައިގެ ދެވަނަ އަޑުއެހުމެވެ.
މީގެ ކުރީގެ އަޑުއެހުމުގައި ހައިކޯޓަށް މައްސަލަ ހުށަހަޅުއްވަމުން ބީއެމްއެލްގެ ގާނޫނީ ވަކީލު މޫސާ ފާރިޝް އަހުމަދު ވިދާޅުވީ، ޔާމީން ސޮއިކުރެއްވި އެސްކްރޯ އެއްބަސްވުމުގައި ބޭންކަށް އެސްކްރޯ އެޖެންޓެއްގެ ދައުރު ދީފައި ނެތް ކަމަށެވެ. އަދި ޔާމީނާއި އޭސީސީއާ ދެމެދުވި އެއްބަސްވުމުގައި "އެސްކްރޯ" ގެ ލަފުޒު ބޭނުންކުރި ނަމަވެސް އެ މުއާމަލާތް ހިންގީ އެސްކްރޯގެ މުއާމަލާތްތައް ހިންގާ ގޮތަކަށް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އެ އެއްބަސްވުމުގެ ދަށުން އޭސީސީގެ ނަމުގައި ބާންކުގައި ހުޅުވީ ކަރަންޓް އެކައުންޓެއް ކަމަށާއި އެއީ އެސްކްރޯ އެކައުންޓެއް ނޫން ކަމަށްވެސް ބުނެފައިވެއެެ. އަދި އެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ 10 ޖޫން 2018 ގައި ކަމަށާއި އެއީ ޔާމީނާއި އޭސީސީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އޭސީސީގެ އެކައުންޓަކަށް ޖަމާކޮށްފައިވާ ފައިސާއެއް ކަމަށްވާތީ އެއަށް އެއްވެސް ބާރެއް ބޭންކަށް ނުހިންގޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ ދައުވާގައި ބޭންކު ނުހިމެނޭނެ ކަަމަށް ވިދާޅުވެ އެ ދައުވާ އިން ބޭންކު އުނިކުރުމަށްވެސް ހައިކޯޓުގައި ބޭންކުގެ ވަކީލު އެދިވަޑައިގެންނެވިއެވެ.
ނަމަވެސް މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ފަރާތްޕުޅުން އެ މަނިކުފާނުގެ ބަދަލުގައި ކޯޓުގައި ތަމުސީލު ކުރައްވާ އެ މަނިކުފާނުގެ ވަކީލު ޝާހުއާއި އޭސީސީގެ ވަކީލު އައިޝަތު ޝުނައިނަތު އަބްދުﷲ ވަނީ ބޭންކަށް ރައްދު ދެއްވައިފައެވެ.
ޝާހު ވިދާޅުވީ، އެ އެކައުންޓާ ގުޅޭ ގޮތުން ޔާމީނާއި އަދި އޭސީސީ އާއެކު ބީއެމްއެލް އިން ކޮށްފައިވާ މުއާމަލާތްތަަކަށް ބަލާއިރުވެސް އެއީ އެސްކްރޯ އެކައުންޓެއްކަން ސާބިތުވާ ކަމަށެވެ. އެ އެކައުންޓް ހުޅުވި ފޯމުގައި ހިމެނޭ ކަރަންޓް އެކައުންޓާއި ސޭވިން އެކައުންޓް ހިމެނޭ ތަނުގައި އެއްވެސް އެއްޗެއް ޖަހާފައިނުވާ ކަމަށާއި އެކައުންޓް ނަމެއްގެ ގޮތުގައި އޭސީސީ ޖެހުމަށްފަހު ބްރެކެޓެއްގައި އެސްކްރޯ އެކައުންޓް ޖަހާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެކަމުންވެސް އެއީ އެސްކްރޯ އެކައުންޓެއްކަން އެނގޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ، އެ އެކައުންޓް ހުޅުވުމުގައި އަމަލުކުރި ގޮތަށް ބަލާއިރު ބީއެމްއެލްއަކީ އެކަމުގެ ބައިވެރިއެއްކަން ސާބިތުވާ ކަމަށާއި އެ ފައިސާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓައ ދިނުމަށް ބޭންކުން އެއްބަސްވެފައިވާކަން، ކަމާބެހޭ ސިޓީތަކުންނާއި އެކަމާބެހޭ އެއްބަސްވުންތަކުން އެނގޭ ކަމަށެވެ. އަދި އެކަމަކީ ބޭންކުގެ އެނގުމާއި ފެނުމުގެ ތެރެއިން ބޭންކުގެ ދައުރެއް އޮވެގެން ކުރިއަށް ގެންދިޔަ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
އޭސީސީގެ ވަކީލާ އައިޝަތު ޝުނައިނަތު ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓުން އޭސީސީގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް ބީއެމްއެލްވެސް ހިމެނޭ ގޮތަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޖަމާކުރި ފައިސާއެއް ކަމަށެވެ. އެސްކްރޯ އެރޭންޖުމެންޓެއް ނެތް ކަމަށް ބޭންކުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އެއްބަސްވުންތަކުން އެނގެން އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ވަކީލާ ވިދާޅުވީ، އެއްބަސްވުންތަކާއި އެކަމާ ގުޅޭ ގޮތުން ބަދަލު ކުރެވުނު ސިޓީތަކާއި ލިޔެކިޔުންތަކަށް ބަލާއިރު، އޭސީސީއާއި ޔާމީނާ ދެބައިވެރިން އެކަމާގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ނަތީޖާއަކީ އެ އެއްބަސްވުމުގެ ދަށުން ބޭންކުގައި ބެހެއްޓިފައިވާ ފައިސާ އާމެދު، އިތުރު ލިޔެކިޔުމަކާ ނުލައި އެއްބަސްވުމާ އެއްގޮތަށް ކަންކުރުމަށް ބޭންކަށް ދެވޭ އިރުޝާދެއް ގޮތަށް ގާނޫނީގޮތުން ބެލުން ކަމަށެވެ.
އަދި އެއީ އެ އެއްބަސްވެފައިވާ ގޮތަށް ބޭންކަށް ދެވޭ އިރުޝާދެއް ކަމަށާއި އެ އެއްބަސްވުމުގައި އެކަމާގުޅޭ އިލްތިޒާމެއް ބޭންކަށް ދިނުން ކަމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭސީސީގެ ވަކީލާ އިތުރަށް ވިދާޅުވީ އެއްވަގުތެއްގައި ސޮއިކުރެވިގެން ގާއިމުކުރި އެ އެއްބަސްވުމުުގެ ތިން އަސްލެއްގެ ތެރެއިން އެއް އަސްލު ބޭންކަށްދީފައިވާ ކަމަށެވެ. އަދި އޭސީސީން ބޭންކުގައި އެދިފައިވަނީ އެސްކްރޯ އެކައުންޓެއް ހުޅުވަން ކަމަށާއި އެކަމާ ގުޅޭ އެއްބަސްވުމުގެ ނަމަކީވެސް އެސްކްރޯ އެކައުންޓެއް ހުޅުވުމުގެ އެއްބަސްވުން ކަމަށްވެސް ވިދާޅުވިއެވެ.
ވަކީލު ވިދާޅުވީ އެސްކްރޯ އެޖެންޓަކަށް އޮންނަ ރޯލް އެއްބަސްވުމުގައި ބޭންކަށް ދީފައިވާކަން ބަޔާންކޮށްފައިވާ ކަމަށާއި އެއީ އެ ފައިސާ ދޫކުރަންޖެހޭ ވަގުތު އައުމުން ދޫކުރުން ކަމަށެވެ.
ތިން ފަރާތުން ދައްކަން ބޭނުންވާ ވާހަކަތައް ނުނިމި އުޅެނިކޮށް މިއަދު ބޭއްވި އަޑުއެހުމުގެ ވަގުތު ވަނީ ހަމަވެފައެވެ. އެހެންކަމުން ފަނޑިޔާރު ވިދާޅުވީ ދެން އޮންނަ ދުވަހަކުން ވަކީލުންނަށް އިތުރު ފުރުސަތެއް އަރުވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު