ޔޫރޯ 2024ގެ ޑްރީމް ޓީމު ނުވަތަ ގަދަ 11 ގައި ސްޕެއިންގެ ހަ ކުޅުންތެރިއަކު ހިމެނިއްޖެއެވެ.
ޔޫރޯގެ ފައިނަލުގައި މި ފަހަރު އިންގްލެންޑާއި ސްޕެއިން ވާދަކޮށް، އެ މެޗު 2-1 އިން ކާމިޔާބު ކުރީ ސްޕެއިނުންނެވެ. ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅުނު ޔޫރޯ ފައިނަލުގައި ސްޕެއިން ހޯދި މޮޅާއެކު އެ ޓީމު ވެފައިވަނީ ޔޫރޯގެ ތާރީހުގައި އެ މުބާރާތުގެ ތަށި ހަތަރު ފަހަރު ހޯދި ހަމައެކަނި ޓީމަށެވެ.
މި ފަހަރުގެ ފައިނަލަށް ނުކުތްއިރު، ޔޫރޯގެ ތަށި އެންމެ ގިނައިން ހޯދި ޓީމުގެ ރެކޯޑް އޮތީ ސްޕެއިންއާއި ޖަރުމަން އަތުގައެވެ. ދެ ގައުމުންވެސް ވަނީ ތިން ތަށި ހޯދައިފައެވެ.
ޔޫއެފާގެ ޓެކްނިކަލް އޮބްޒާވަރުންގެ ޓީމުން ހޮވި އެންމެ މޮޅު ފުރަތަމަ 11 އިއްޔެ ވަނީ އިއުލާންކޮށްފައެވެ. އެ 11ގެ ގޯލްކީޕަރަކީ ފްރާންސްގެ މައިކް މައިގްނަންއެވެ. ޑިފެންސްގައި ހިމެނެނީ ސްޕެއިންގެ މާކް ކުކުރޭލާގެ އިތުރުން ފްރާންސްގެ ވިލިއަމް ސަލީބާއާއި ސްވިޒަލޭންޑްގެ މެނުއަލް އަކާންޖީ އަދި އިންގްލެންޑްގެ ކަޔެލް ވޯކާއެވެ.
ވޯކާ އެ މަގާމުގައި ހިމެނުމުން އެކަމަށް ސޯޝަލް މީޑިއާގައި ފާޑު ކިޔުންތައް އަމާޒުވެފައިވެއެވެ. އިންގްލެންޑް ފައިނަލަށް ދިޔަ ނަމަވެސް ވޯކާއަކީ އެ ގައުމުން ޑްރީމް ޓީމުގައި ހިމެނުނު ހަމައެކަނި ކުޅުންތެރިޔާއެވެ.
މެދުތެރޭގައި ހިމެނެނީ މުޅިންވެސް ސްޕެއިންގެ ކުޅުންތެރިންނެވެ. އެއީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ރޮޑްރީގޯއާއި ފަބިއަން ރުއިޒް އަދި ޑެނީ އޮލްމޯއެވެ. ފޯވަޑް ލައިނުގައި ލެމިން ޔަމާލާއި ނިކޯ ވިލިއަމްސް ހިމެނޭއިރު، ދެން ފާހަގަކޮށްލެވުނީ ޖަރުމަނުގެ ޖަމާލް މުސިއާލާއެވެ.
ސްޕެއިނަށް ގަދަ 11 ހާއްސަވެފައި އޮތްއިރު، މިފަހަރު ޔޫރޯ ސްޕެއިން ކާމިޔާބު ކުރީ ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024