ހުޅުމާލެ ފޭސް ދޭކާއި ހއ. ދިއްދޫ ފިޔަވައި 2010 ވަނަ އަހަރުން ފެށިގެން ބިން ހިއްކައިފައި ހުރި އެއްވެސް ރަށެއްގައި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ނުވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ބިން ހިންކާފައިވާ ރަށްރަށުގެ ހިއްކާފައިވާ ސަރަހައްދުތަކުގައި ފެނާއި ނާރުދަމާ ނިޒާމު ގާއިމު ކޮށްފައި ނުވާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އެ މައްސަލައިގައި މިނިސްޓަރާ ސުވާލު ކުރެއްވި މެންބަރުންގެ ތެރެއިން ދުވާފަރު މެންބަރު މުހައްމަދު އަލީ ވިދާޅުވީ، ރ. ދުވާފަރު ބިންހިއްކައި ނިމި ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހުމާން ވިދާޅުވީ، އެރަށުން ހިއްކާފައިވާ ބިމުގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމްކޮށްފައި ނެތުމުގެ ސަބަބުން އެ ބިމުން ގޯތި ލިބިފައިވާ މީހުންނަށް ގެދޮރު ބިނާކުރާން ގޮތް ނެތިފައިވާ ކަމަށެވެ. އެހެންކަމުން އެ ބިންތަކުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރެވޭނީ ކޮން ދުވަހުންތޯ އެ މެންބަރުން މިނިސްޓަރާ ސުވާލު ކުރެއްވިއެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޖުމްލަ ގޮތެއްގައި ހުޅުމާލެ ދެވަނަ ފޭސް އާއި ދިއްދޫ ފިޔަަވައި ބިން ހިއްކާފައި ހުރި ރަށްތަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިނުވާ ކަމަށެވެ.

ހާއްސަކޮށް ހިންނަވަރާއި ކުޅުދުއްފުށި ފަދަ ރަށްރަށުގައި އެ މަޝްރޫއު ހިންގާފައި ނުވުމަކީ ވަރަށް ބޮޑު ދެރައެއް ކަަމަށްވެސް ވިދާޅުވިއެވެ. އަދި ބިން ހިއްކުމަކީ ސަރުކާރުން ބޮޑެތި ހަރަދުތަކެއް ކޮށްގެން ކުރާ ކަމެއް ކަމަށާއި އެފަދަ ހިދުމަތެއް ގާއިމްނުކޮށް އެތަންތަން ހުހަށް އޮތުމަކީ އެއްވެސް ފައިދާއެއްނުވެ ސަރުކާރުން ކޮށްފައިވާ ބޭކާރު ބޮޑު ހަރަދަކަށް ވެގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިިނިސްޓަރު ވިދާޅުވީ، އެފަދަ ބިންތަކުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމަށްޓަކައި ކުރަންޖެހޭ މަަަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ. އެގޮތުން އެކަން ކުރެވޭނެ އަގުތައް ހަދާފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.