ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަނުގެ ތަށި ވެމްކޯއިން އުފުލާލައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ވެމްކޯއިން ޕޮލިސް ބަލިކުރީ 3-1 ސެޓުންނެވެ. 2019 ވަނަ އަހަރުގެ އިތުރުން 2022، 2023 ވަނަ އަހަރުވެސް ވެމްކޯއިން ވީއޭއެމް ކަޕް އުފުލާލާފައިވާ އިރު، އެ ހުރިހާ ފައިނަލެއްގައިވެސް އެޓީމުން ވާދަކުރީ ޕޮލިސް ކްލަބާ ދެކޮޅަށެވެ. އެހެންކަމުން މިއީ އެޓީމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
ރޭގެ މެޗުގެ ފުރަތަމަ ސެޓަށް ބަލާއިރު، އެސެޓު ރަނގަޅަށް ފެށީ ވެމްކޯއިންނެވެ. ރަނގަޅު ލީޑެއްގައި ވެމްކޯ ފެށި ނަމަވެސް، ޕޮލިހުން ވަނީ މަޑުމަޑުން ކުޅުން ރަނގަޅުކޮށް، މެޗަށް ވަދެފައެވެ. ވެމްކޯއިން ރަނގަޅު ލީޑެއްގައި ފެށި ނަމަވެސް، ސެޓުގެ މެދުތެރެއިން އެއްވަރުކޮށް، ސެޓު 17-17 ގައިވެސް ވަނީ އެއްވަރުވެފައެވެ. އެހެން ނަމަވެސް އެހިސާބުން ވެމްކޯ ތަފާތު ދައްކައި، 25-19 އިން ސެޓު ކާމިޔާބު ކުރިއެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ވެމްކޯގެ އައިޝަތު މާޖިދާ ވަނީ ސެޓުގައި މޮޅަށް ކުޅެފައެވެ.
މެޗުގެ ދެވަނަ ސެޓުވެސް ވެމްކޯއިން ގެންދިޔަ އިރު، އެ ސެޓު ވެމްކޯއިން ގެންދިޔައީ 25-23 އެވެ. އެ ސެޓާއެކު ވެމްކޯއަށް ސީދާ ތިން ސެޓުން މެޗު ލިބޭނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް، ޕޮލިހުން ހިތްވަރު ކުރިއެވެ. ތިންވަނަ ސެޓުގައި ހައްވާ ރަޝީދާ އާއި ޝަހާ ޝާމިން ފަދަ ކުޅުންތެރިންގެ މޮޅު ކުޅުމާ އެކު ޕޮލިހުން މެޗުގެ ތިންވަނަ ސެޓު ގެންދިޔައީ 13-25 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
އެ ނަތީޖާއާ އެކު ހަތަރުވަނަ ސެޓު ފޯރިގަދަވާނެ ކަމަށް ބެލެވިފައި އޮތް އިރު، އެ ސެޓުގައި ޖޫޒާން ޒަރީރާއި އައިމިނަތު އަރީޝާ ފަދަ ކުޅުންތެރިންގެ ތަފާތާ އެކު ވެމްކޯއިން ގެންދިޔަ ނަމަވެސް، އެ ސެޓުވީ އުނދަގޫ ސެޓަކަށެވެ. ދާދި ގާތްގާތުގައި ނަތީޖާ ފެނިގެން ގޮސްފައިވާ އިރު، މާޖިދާގެ ރަނގަޅު ސްޕައިކްތަކަކާ އެކު ހަތަރު ވަނަ ސެޓު ވެމްކޯއިން ގެންގޮސް ތަށި ޔަގީންކުރީ 25-21 އިންނެވެ.
ފައިނަލް މެޗުގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ މާޖިދާއެވެ.
ރޭގެ ފައިނަލް މެޗަށްފަހު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވާ އިރު، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލްއެވެ.
މިފަހަރު މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް، ޕޮލިހުގެ މާސާ ފާރޫގު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ކޯޗު އަހުމަދު އަދީލް (ބޭބެ) އެވެ.
- އައިޝަތު މާޖިދާ/ ވެމްކޯ
- ހައްވާ ރާޝިދާ/ ޕޮލިސް ކްލަބު
- މަރިޔަމް އަޒުމާ/ ޕޮލިސް ކްލަބު
- އައިމިނަތު ރިޔާޝާ/ ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން
- ޖޫޒާ ޒަރީރު/ ވެމްކޯ
- މާޔާ ހުސައިން/ ވެމްކޯ
- ފައިހާ މުހައްމަދު/ ވެމްކޯ
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް