މިރޭ އިންގްލެންޑާއި ނެދަލޭންޑްސް ވާދަކުރާ މެޗުގެ ރެފްރީ ކަމަށް ނުކުންނަ ޖަރުމަނުގެ ފެލިކްސް ޒްވޯޔާއަކީ މީގެ ކުރިން މެޗު ފިކްސިން މައްސަލައެއްގައި ސަސްޕެންޑް ކޮށްފައިވާ ރެފްރީއެކެވެ. އުމުރުން 43 އަހަރުގެ ޒްވޯޔާ 2005 ވަނަ އަހަރު ރެފްރީކަން ކުރަން ފަށާފައިވާ އިރު، އޭނާގެ މައްސަަލަ ފެންމަތިވެފައި ވަނީ 2006 ވަނަ އަހަރުއެވެ. ޒްވޯޔާއަށް މައްސަލައިގައި ފިޔަވަޅު އަޅާފައި ވަނީ ޖަރުމަނުގެ އެފްއޭއިންނެވެ.

ޒްވޯޔާ ޖަރުމަނު ލީގުގެ މެޗުތަކުގައި ލައިންސްމަންކަން އޭރު ކުރަމުން ގޮސްފައިވާ އިރު، އޭނާއަށް އަދަބު ދީފައި ވަނީ އޭނާ ލައިސްމަންކަން ކުރި މެޗެއްގައި ރެފްރީކަން ކުރި ރޮބާޓް ހޮއިޒާ މެޗު ވިއްކާލި މައްސަލައެއްގައި ޒްވޯޔާ ހިމެނޭތީއެވެ. ހޮއިޒާ، ޖަރުމަނު ލީގުގެ މެޗެއް ފިކްސް ކުރުމަށް ފައިސާ ނަގައިގެން އެ މައްސަލަ ތަހުގީގު ކުރަމުން ގޮސް، ޒްވޯޔާއަށް ފިޔަވަޅު އެޅީ އެކަން އެނގި ހުރެ، އެ ވާހަކަ ނުދައްކަން 250 ޕައުންޑް ހޮއިޒާ އަތުން ނަގާފައިވާތީއެވެ. އެފަހަރު ޖަރުމަނު އެފްއޭއިން ވަނީ ޒްވޯޔާ ހަ މަހަށް ސަސްޕެންޑް ކޮށްފައެވެ.

ޒްވޯޔާ ފަހުން ހޮއިޒާގެ ކޮރަޕްޝަންގެ ވާހަކަ ނޫސްތަކަށްވެސް ކިޔައިދީފައިވާ އިރު، ހޮއިޒާއަށް ވަނީ އުމުރު ދުވަހުގެ ސަސްޕެންޝަނެއް ދީފައެވެ. ޒްވޯޔާ ޓީމަކުން ފައިސާ ނެގުމުގައި ބައިވެރިވެފައި ނުވާތީ އޭނާއަށް ހަ މަހުގެ ސަސްޕެންޝަނެއް ދީފައިވާ އިރު، މިރޭ ކުޅޭ އިންގްލެންޑް ޓީމުގެ ޖޫޑް ބެލިންހަމް ޒްވޯޔާގެ ވާހަކަ ދެއްކުމުން މީގެ ކުރިން ޖަރުމަނު އެފްއޭއިން ވަނީ ބެލިންހަމްއަށް ފިޔަވަޅު އަޅައިފައެވެ.

ބެލިންހަމް، ބްރޫޝިއާ ޑޯޓްމުންޑަށް ކުޅުނު އިރު، ބަޔާން މިއުނިކާ ދެކޮޅަށް ކުޅެ، ޑޯޓްމުންޑް ބަލިވި މެޗަކަށްފަހު އެ މެޗުގައި ރެފްރީކަން ކުރި ޒްވޯޔާ ކުރިން މެޗު ވިއްކާލި ކަމަށް ތުހުމަތުކޮށް ބެލިންހަމް ވާހަކަ ދެއްކުމުން އެފްއޭއިން އެފަހަރު ބެލިންހަމް ޖޫރިމަނާ ކުރިއެވެ. އެއީ 34،000 ޕައުންޑްގެ ޖޫރިމަނާއެވެ. ބެލިންހަމްގެ އުމުރަކީ އޭރު 18 އަހަރެވެ. އެ މެޗަށްފަހު ބެލިންހަމް ބުނެފައި ވަނީ ޖަރުމަނު ފުޓުބޯޅައިގެ އެންމެ ބޮޑު މެޗުގެ ރެފްރީކަން ކުރަން، ކުރިން މެޗު ވިއްކާލި ރެފްރީއަކަށް ފުރުސަތު ދޭން ޖެހޭ ސަބަބު ނުވިސްނޭ ކަމަށެވެ.

ޒްވޯޔާ އަކީ 2012 ވަނަ އަހަރުން ފެށިގެން ފީފާ ރެފްރީއެކެވެ. އެހެން ނަމަވެސް މިއީ އޭނާގެ ފުރަތަމަ ބޮޑު މުބާރާތެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވީއޭއާރް ރެފްރީއެއްގެ ގޮތުގައި ޒްވޯޔާ ހަރަކާތްތެރިވީ ނަމަވެސް، އޭނާ މިހާތަނަށް ޔޫރޯގައި ރެފްރީކަން މި ކުރަނީ އަލަށެވެ. 2023 ވަނަ އަހަރު ނޭޝަންސް ލީގުގެ ފައިނަލުގައިވެސް ޒްވޯޔާ ރެފްރީކަން ކޮށްފައިވާ އިރު، މިފަހަރުގެ ޔޫރޯގައި މިހާތަނަށް ތިން މެޗެއް ޒްވޯޔާ އިންސާފުކޮށްފިއެވެ.

އެއީ އިޓަލީ އާއި އަލްބޭނިއާ ކުޅުނު މެޗުގެ އިތުރުން ޕޯޗުގަލްއާއި ތުރުކީ ވާދަކުރި ގްރޫޕް ސްޓޭޖު މެޗު އަދި، ނެދަލޭންޑްސްއިން ރުމޭނިއާ ބަލިކުރި ގަދަ 16 މެޗެވެ.