ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް ކޯޑް ކުރަން ދަސްކޮށްދޭން ހިންގާ "ގާލްސް ޓު ކޯޑް" ޕްރޮގްރާމްގެ ހއ. ދިއްދޫ އެޑިޝަން އިއްޔެ ފަށައިފިއެވެ.

އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ކޯޑިން ހުނަރު ދަސްކޮށްދޭ އެ ޕްރޮގްރާމަކީ އަންހެން ކުދިން ބާރުވެރިކުރުވުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް ހާއްސަކޮށްފައިވަނީ 10 އަހަރާއި 13 އަހަރުގެ އަންހެން ކުދިންނަށެވެ.

ދިރާގުން ބުނީ، "ގާލްސް ޓު ކޯޑް" ދިއްދޫ އެޑިޝަން އިއްޔެ އިން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާއިރު އެ ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް އެ ދާއިރާއަށް ޝައުގުވެރިކުރުވުން ކަމަށެވެ. އަދި ކޯޑިންގެ ތަޖުރިބާއެއް ނެތް ބައިވެރިންނަށްވެސް އެ ޕްރޮގްރާމް މެދުވެރިކޮށް އަމަލީ ގޮތުން ކޯޑްކުރަން ދަސްކޮށް، ޕްރޮގްރާމް ނިމޭއިރު އާދައިގެ ވެބްސައިޓްތައް އުފައްދަން ދަސްވެގެންދާނެ ކަމަށް ބުންޏެވެ.

ދިރާގުގެ މެނޭޖަރު، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވީ ޝާމިލު މުޖުތަމައެއް ބިނާކުރުމާއި އަންހެނުން ބާރުވެރިކުރުވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒު ކަމަށެވެ. އެގޮތުން ދިއްދޫއަށް ހާއްސަކޮށްގެން ކުރިއަށްދާ އެ ޕްރޮގްރާމުގެ އަމާޒަކީ އަންހެން ކުދިންނަށް ކޯޑިން ހުނަރު ދަސްކޮށްދީ، އަމިއްލަ ނަފުސަށް ކުރާ އިތުބާރު އިތުރުކުރުމަށް ހިތްވަރު ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ އާ ޖީލެއްގެ އަންހެން ލީޑަރުންތަކެއް އުފެދި، ޓެކްނޮލޮޖީގެ ސިނާއަތުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުން ފެނިގެން ދިއުން." ބިޝާރާ ވިދާޅުވިއެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ މަރިޔަމް އަސްނާ ސައީދު ވިދާޅުވީ އެ ޕްރޮގްރާމަކީ ހަމައެކަނި ކޯޑްކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ނޫން ކަމަށާއި އެ ޕްރޮގްރާމުން 21 ވަނަ ގަރުނަށް ބޭނުންވާ މުހިންމު ޑިޖިޓަލް ހުނަރުތައް ދަސްކޮށް، އުފެއްދުންތެރިކަން އިތުރުކޮށް އީޖާދުކުރުމަށް އަންހެނުން ބާރުވެރިކުރުވާނެ ކަމަށެވެ.

"ގާލްސް ޓު ކޯޑް" ޕްރޮގްރާމްގެ ދިއްދޫ އެޑިޝަނަކީ އެ ސީރީޒްގެ ފަސް ވަނަ ޕްރޮގްރާމެވެ. މީގެ ކުރިން އެ ޕްރޮގްރާމް ވަނީ ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ލ. އަތޮޅުގައި ބާއްވައިފައެވެ.