އިންޑިއާގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމަށް ހުޅުވާލި ފުރުސަތުގައި 291 ހުށަހެޅުމެއް ލިބިފައިވާ ކަމަށް އިންޑިއާ ފުޓުބޯޅަ ފެޑަރޭޝަނުން ބުނެފިއެވެ.
އިންޑިއާގެ ގައުމީ ޓީމުގެ ކޯޗު ކަމާ ފަސް އަހަރު ވަންދެން ހަވާލުވެ ހުރި ކޯޗު، އީގޯ ސްޓިމަކް މަގާމުން ވަކިކުރަން އެ ގައުމުގެ އެފްއޭއިން ސިޓީ ފޮނުވީ މިދިޔަ ޖޫން މަހު 18 ވަނަ ދުވަހުއެވެ. ސްޓިމަކް މަގާމުން ދުރުކޮށްފައި ވަނީ އޭއެފްސީ އޭޝިއަން ކަޕާއި ފީފާ ވޯލްޑް ކަޕްގެ ކޮލިފިކޭޝަންގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމުން ކަމަށް ބުނެއެވެ. އެންމެފަހުން އިންޑިއާ އިން ގަތަރާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވެފައިވާ އިރު، އެ ޓީމަށް ވޯލްޑް ކަޕް ކޮލިފައިންގެ ފަހު ބުރަށް ގޮސް އޭޝިއަން ކަޕަށް ދާން ފުރުސަތު ވަނީ ގެއްލިފައެވެ.
ސްޓިމަކް، އިންޑިއާއާ އެކު 2019 އަދި 2023 ވަނަ އަހަރު އޭޝިއަން ކަޕަށް ގޮސްފައިވާ އިރު، އޭނާ ވަނީ ދެ ފަހަރަށް ސާފް ޗެމްޕިއަންޝިޕް އުފުލާލައިފައެވެ. ސްޓިމަކާ އެކު އިންޑިއާއިން ކުޅުނު 53 މެޗުގެ ތެރެއިން 19 މެޗުން އެ ޓީމު މޮޅުވި އިރު، ބަލިވީ 20 މެޗުންނެވެ. އޭގެ ތެރެއިން 14 މެޗު އެއްވަރުވި އިރު، އޭނާގެ މޮޅުވުމުގެ ޕަސެންޓަކީ 35.8 ޕަސެންޓެވެ.
އިންޑިއާ އެފްއޭއިން އާ ކޯޗެއް ހޯދަން ކުރި އިއުލާނުގެ މުއްދަތު ހަމަވެފައި ވަނީ މިމަހުގެ ތިންވަނަ ދުވަހަށެވެ. އެފްއޭގެ ރައީސް ކަލްޔާން ޗައުބޭ ވިދާޅުވެފައި ވަނީ 291 ކޯޗަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންޑިއާގެ ކޯޗުކަމަށް ޝައުގުވެރިވެފައިވާ ކަމަށާއި، މިމަސް ނިމުމުގެ ކުރިން އާ ކޯޗު އިއުލާނު ކުރައްވާނެ ކަމަށެވެ.
އިންޑިއާގެ ޒަމާންވީ ކެޕްޓަން ސުނިލް ޗެތުރީ ދާދިފަހުން ގައުމީ ޓީމުން ރިޓަޔާކޮށްފައިވާ އިރު، އިންޑިއާއިން އަންނަނީ އާ ޖީލެއް ބިނާކުރުމަށް ތައްޔާރުވަމުންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އިންޑިއާއިން ގައުމީ ޓީމަށް ކޯޗެއް ނެގުމުގައި އެންމެ ބޮޑަށް ސަމާލުކަން ދޭނީ ދުރު ރާސްތާ ޕްލޭނެއް ތަންފީޒުކުރެވޭ ކޯޗަކަށް ކަމަށެވެ.
އިންޑިއާއިން އަންނަ އޮކްޓޯބަރު މަހު ޓްރައި ނޭޝަންސް ކަޕެއް ކުޅުމަށްވެސް ވަނީ ތައްޔާރުވަމުންނެވެ. އެއީ ވިއެޓްނާމާއި ލުބުނާންގެ އިތުރުން އިންޑިއާ ވާދަކުރަން ތައްޔާރުވަމުންދާ ޓްރައި ނޭޝަންސް މުބާރާތެކެވެ. އެ މުބާރާތް އިންޑިއާގެ އެފްއޭއިން ވަނީ މިހާރު ރަސްމީކޮށް އިއުލާނުކޮށްފައެވެ.
ސްޓިމަކް ވަކިކުރުމުން އޭނާ ވަނީ އެފްއޭއާ ގުޅުވައިގެން އިންޒާރުތަކެއްވެސް ދީފައެވެ. ސްޓިމަކް އީމެއިލެއްގައި އެފްއޭއަށް ބުނީ އެއްބަސްވުން ބާތިލުކުރުމުން އޭނާއަށް ދޭން ޖެހޭ ބަދަލު 10 ދުވަހުގެ ތެރޭގައި ދޭން ޖެހޭނެ ކަމަށާއި ނުދީފިނަމަ، އިންޑިއާގެ އެފްއޭ ގޮވައިގެން ފީފާއަށް ދާނެ ކަމަށެވެ.
ސްޓިމަކް ރުޅިގަދަވެގެން ބުނެފައި ވަނީ ހަގީގަތް ހާމަކުރަން އޭނާއަށް އަބަދުވެސް އެފްއޭއިން ހުރަސް އަޅާ ކަމަށާއި އޭގެ ސަބަބުން ޕްރެޝަރު ބޮޑުވެ ސިއްހީ މައްސަލަތައް، ހިތުގެ މައްސަލަތައް ދިމާވެފައިވާ ކަމަށެވެ. އެގޮތުން އޭޝިއަން ކަޕްގެ ކުރި ހިތުގެ އޮޕަރޭޝަނެއް ކުރަން ޖެހުނު ނަމަވެސް، ގައުމީ ޓީމަށް ފުރިހަމަ މަސައްކަތްތަކެއް ކޮށްދިން ކަމަށެވެ.
ސްޓިމަކް ބުނީ އުންމީދަކީ އިންޑިއާގެ ފުޓުބޯޅަ، ކޮރަޕްޝަނާއި ނުފޫޒުގެ ހަޑިކަމުން އަރައިގަތުން ކަމަށާއި އިންޑިއާއަކީ އަބަދުވެސް އޭނާއަށް ހާއްސަ ގައުމަކަށް ވާނެ ކަމަށެވެ.
ސްޓިމަކާއި އިންޑިއާ ފެޑަރޭޝަނާ ބައެއް މައްސަލަތައް ޖެހި، ބައެއް މެޗުތަކަށް ކުޅުންތެރިން ތައްޔާރު ކުރުމަށާއި އޭޝިއަން ކަޕަށް ޓީމު ތައްޔާރުކުރަން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް އޭނާ ވަނީ ކުރިންވެސް ބުނެއެވެ. އެއީ ލީގު މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާތީއެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ