ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުއެކީގައި ބާއްވައި، ކައުންސިލުތަކުގެ ސައިޒް ކުޑަކުރުމަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ޕީއެންސީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމުގައި ޒިންމާދާރުވާން ޖެހޭ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 120 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދި ރިޔާސީ އިންތިހާބަށް 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

"މި ދެ އިންތިހާބަކީ ހައެއްކަ މަސްދުވަހުގެ ތަފާތެއް، އެއް އިންތިހާބާއި އަނެއް އިންތިހާބު ބާއްވާ ތާރީހާ ދޭތެރޭގައި އޮންނަ ދެ އިންތިހާބު. ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުން. އޭރުން އަޅުގަނޑުމެންނަށް އެބަ ސަލާމަތްކުރެވޭ ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ. އެ 120 މިލިއަން ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންކަން ދައުލަތަށް، ސަރުކާރަށް ނިންމައިދެވޭނެ. އެތައް ކަމެއް ނިންމައިދެވޭނެ. ކުޑަ ރަށެއްގެ މީހުން ދާއިމަށް ބޮޑު ރަށަކަށް ބަދަލުކުރަން ބެލިޔަސް، އެ ފައިސާއިން އެކަން ކުރެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ދެ އިންތިހާބު އެކުއެކީގައި ބާއްވާ ނަމަ، އެއީ ރައްޔިތުންނަށް ވެސް ވަރަށް ފަސޭހަ ކަމަކަށްވާނެ ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ދައުލަތުގެ ބާރުތަކަށް މީހުން ހޮވާ އިރުގައި، ވެރިކަން ކުރުމުގެ ބާރާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ބޭފުޅުން ހޮވާ އިރުގައި، އެ ވިސްނުމުގައި އެ މަސައްކަތްކުރުމަށް ފަސޭހަވެގެންދާ ކަމަށެވެ. އެހެންކަމުން ހަރަދުގެ ގޮތުން ބަލައި އިރުގައި ވެސް ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ އެ ދެ އިންތިހާބު އެކުއެކީގައި ބޭއްވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހު މިކަމުގައި އެބައޮތް. ގާނޫނު އަސާސީއަށް މި އިސްލާހު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން. ރައްޔިތުން މިގޮތަށް ނިންމަވައިދެއްވައިފިއްޔާ ގާނޫނު އަސާސީއަށް އެ އިސްލާހު ގެނެސް، ދެން 2028 ގައި މި ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަކީ އަޅުގަނޑު ދެކޭގޮތުގައި އެންމެ ރަނގަޅު ގޮތް. ރައްޔިތުން އެގޮތަށް ނިންމަވައިދެއްވާނެ ކަމަށް އަޅުގަނޑަށް ޔަގީން. އެހެންވީމާ މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރޭގައި، ކުރިއަށް މިހާރު ހިނގާ ދައުރު ނޫނަސް، ދެން އޮންނަ ދައުރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ގާނޫނު އަސާސީއަށް މި އިސްލާހު ގެންނަން އަޅުގަނޑު ހުށަހަޅާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލުތައް ނުކަތާހާ ވަރަށް ބޮޑު ކަމަށާއި ކައުންސިލުތަކުގެ ސައިޒު ކުޑަކުރުމަކީ ރައްޔިތުންގެ ހަގީގީ ބައިވެރިވުން ދޫކޮށްލުން ނޫން ކަމަށެވެ. އަދި މިހާރު އޮތް ގޮތުގެ ބަދަލުގައި ކުދި އާބާދީތަކަށް ކައުންސިލަށް ރައީސަކާއި ނައިބު ރައީސެއް އިންތިހާބުކުރުމުން ފުދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިސާލަކަށް ދަންނަވަންޏާ، މުޅި ގައުމުގެ ކަންކަން ނިންމަން ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި މި ހޮވާ މީހާއަށް މި ހޮވަނީ އެންމެ މީހެއް. އެހެންވީމާ ރަށެއްގެ 300 މީހުން، 500 މީހުން، 1000 މީހުންގެ ރަށެއްގައި ފަސް މީހުން، ހަތް މީހުން ހޮވުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް. އަޅުގަނޑު ހިތުން ކައުންސިލުގެ ރައީސްގެ ގޮތުގައި އަދި އެ މަގާމަށް ހޮވާ މީހާއަށް ރައްޔިތުން ބޭނުންފުޅުވަންޏާ ކުރީ ޒަމާނުގައި ކިޔާ ގޮތަށް ކަތީބު ކިޔާ ކަމަށްވިޔަސް، ރައްޔިތުންގެ ފަރާތުން ހުންނަ ވެރިއެއްގެ ގޮތުގައި ކައުންސިލުގެ ރައީސަކާއި ނައިބު ރައީސެއް ހޮވީމާ އާބާދީގެ ގޮތުން ކުދި ރަށްތަކަށް ފުދޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އާބާދީގެ ގޮތުން އެއަށްވުރެ ތަންކޮޅެއް ބޮޑެތި ރަށްތަކަށް އެއަށްވުރެ އަދަދު ބޮޑުކޮށްލިޔަސް، އަދި ސިޓީތަކަށް އެއަށްވުރެ ތަންކޮޅެއް ބޮޑުކޮށްލިޔަސް، މިހާރަށްވުރެ އެތައް ގުނައަކުން ކައުންސިލުތަކުގެ ސައިޒު ކުޑަކޮށްލުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި، ރައްޔިތުންގެ ވިންދާ ގުޅޭ ގޮތް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި އެ އިސްލާހު ގެންނެވުމަށް ވެސް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.