ޕޯޗުގަލް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ މެދު ޕެޕޭ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.
ޕޯޗުގަލްއިން މިފަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުން ރޭ ކަޓައިގެން ދިޔައީ ފްރާންސް ކައިރިން ޕެނަލްޓީގައެވެ. ރޭގެ މެޗަށްފަހު އުމުރުން 41 އަހަރުގެ ޕެޕޭއާއި 39 އަހަރުގެ ރޮނާލްޑޯ ވަރަށް ބޮޑަށް ދެރަވެ ހިތާމަ ކުރި މަންޒަރު ފެނިގެން ގޮސްފައިވެއެވެ.
މިފަހަރުގެ ޔޫރޯގައި ކުޅެ، ޕެޕޭ ވެގެން ގޮސްފައި ވަނީ ޔޫރޯ ތާރީހުގައިވެސް ކުޅުނު އެންމެ ގިނަ ދުވަސްވީ ކުޅުންތެރިޔާއަށެވެ. ޕެޕޭގެ ފަރާތުން މިފަހަރުގެ ޔޫރޯގައިވެސް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ރޭގެ މެޗަށްފަހު ކޯޗު މާޓިނޭޒް ބުނީ މިވަގުތު ބަލީގެ ހިތްދަތުކަމުގައި މުޅި ޓީމު އޮތް ކަމަށާއި އަދި މުސްތަގުބަލަށް ވަކި އެއްޗެއް ނުނިންމާ ކަމަށެވެ.
"ރޮނާލްޑޯ އާއި ޕެޕޭގެ ކަރުނައަކީ މާޔޫސްކަން. ހިތްދަތިކަން. ޕެޕޭއަކީ ޕޯޗުގަލް ފުޓުބޯޅައިގެ ރޯލް މޮޑެލްއެއް. މިފަހަރުގެ ޔޫރޯ އާއި ރޭގެ މެޗުގައި ޕޯޗުގަލްއަށް ޕެޕޭ ދެއްކި ކުޅުން، އަންނަން އޮތް ޖީލުތަކުގެ ކުޅުންތެރިންނަށް މިސާލަކަށް ވެގެންދާނެ. ރޮނާލްޑޯ އާއި ޕެޕޭގެ ނިންމުމެއްވެސް އަދި ނާދޭ. އަދި އަހަރެމެން މިދަނީ ކެޓުމުގެ ހިތްދަތިކަމުން އަރައިގަންނަމުން،" މާޓިނޭޒް ބުންޏެވެ.
ރޮނާލްޑޯއަށްވެސް މިއީ އުނދަގޫ މުބާރާތެކެވެ. އެހެން ހުރިހާ ކުޅުންތެރިންނަށް ވުރެ ގިނައިން މިފަހަރުގެ މުބާރާތުގައި ރޮނާލްޑޯ ޝޮޓް ހެދި ނަމަވެސް، އޭނާއަށް ނިންމާލަން ޖެހުނީ ގޯލެއް ނުޖެހިއެވެ. މިހާތަނަށް ހަ ޔޫރޯ މުބާރާތެއްގައި ކުޅުމުގެ ޝަރަފާ އެކު ރޮނާލްޑޯ ޔޫރޯ ތެރެއިން ބުނީ މިއީ އޭނާގެ ފަހު ޔޫރޯ މުބާރާތްކަން ޔަގީން ކަމަށެވެ.
ރޮނާލްޑޯ ހަ ޔޫރޯއެއްގައި ކުޅެ، އެ މުބާރާތާ ރޭ ވަކިވެގެން ދިޔައީ ރެކޯޑު ގޯލު ޖެހުންތެރިޔާގެ ގޮތުގައެވެ. އެއީ ޖުމުލަ 14 ގޯލު ޖަހާފައި އޮވެގެންނެވެ.
ޕޯޗުގަލް
ޕޯޗުގަލް
ޕޯޗުގަލް
ޕޯޗުގަލް