ޑޮލަރުގެ ވަގު ވިޔަފާރި ކުރުމުގައި އުޅުނު ދެ ބިދޭސީއަކު އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަންގެ ސޯޝަލް މީޑިއާގައި ބުނީ ރޭ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުންނަ ސަރަހައްދުގައި އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ޑޮލަރުގެ ވަގު ވިޔަފާރި ކުރުމުގައި އުޅުނު ބަންގްލާދޭޝްގެ ދެ މީހަކު ހައްޔަރު ކުރި ކަމަށެވެ.
ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކަން އުޅުނު ހަތް ބިދޭސީން ރާއްޖެއަށް ނާދެވޭ ގޮތަށް ޑީޕޯޓުކުރާނެ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު މިދިޔަ މާޗްމަހުގެ 15 ވަނަ ދުވަހު ވިދާޅުވެފައިވެއެވެ.
އިމިގްރޭޝަންގެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ ބިދޭސީންގެ ތެރޭގައި ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީންނާއި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ވެސް ހިމެނޭ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ގިނަ އޮޕަރޭޝަންތަކެއް ހިންގައި ވޭތުވެދިޔަ އަހަރުތަކާ އަޅައިބަލާ އިރު، ގިނަ އަދަދެއްގެ ބިދޭސީން ފުރުވާލަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ކުރިއަށް އޮތްތަނުގައިވެސް އެ އޮޕަރޭޝަންތައް އިތުރަށް ފުޅާކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަކީ އެ އިދާރާގެ އެންމެ އިސް މަގުސަދު ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު