ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ސަރުކާރުން ވަޒީފާތައް ބަހާލީ ދޯނިފަހަރަށް މަހަށްވެސް ނުފުރޭ މިންވަރަށް ކަމަށް އެ ސަރުކާރުގެ ޕާޓްނަރެއް ކަމަށްވާ ޖޭޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މިދިޔަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އައުމަށްޓަކައި މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ހައްދެއް ނެތި އެތައް ބަޔަކަށް ވަޒީފާ ދީފައިވާކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ، ސަރުކާރު ކުންފުނިތަކުން ބެލުމެއްނެތި މީހުންނަށް ވަޒީފާ ދީފައިވާ ކަމަށެވެ.

"ފެނަކަ އާއި ސްޓެލްކޯ އާއި އަނެއްބަޔަކާއި އަނެއްބަޔަކާ، ރިޔާސީ އިންތިހާބަށް ކުރިމަތިލީމަ މީހުން ވައްދައިލީ ކިހިނެއްތޯ މަސްދޯނި ފަހަރު މަހައް ފުރުނަ ނުދީ ކޮންމެ މީހަކުވެސް ވަޒީފާއަށް ދާންޖެހޭ އެމިންވަރަށް ދައުލަތުގެ ކުންފުނިތަކަށް މީހުން އިތުރުކޮށްލީ ކިހިނެއްތޯ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް، ބަލަ އެހެން މީހުންވެސް އެކަން ކުރާނެ ނޫންތޯ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެކަންތައްތަކާ ގުޅިގެން ގައުމުގެ އިގުތިސޯދީ ހާލަތު ގޯސްވެ ނުރައްކާ ހިސާބުގައި އޮތް ކަމަށެވެ. އެހެންކަމުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެފިޔަވަޅުތަކަށް ތާއީދު ކުރައްވައި މަރުހަބާ ވިދާޅުވާ ކަމަށެވެ.