މީގެ ދެ އަހަރު ކުރިން ފުލުހުން ހިންގި ހާއްސަ ޑްރަގު އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ކުރި މީހުންގެ ތެރޭގައި ހިމެނޭ ގދ. ހޯނޑެއްދޫ/ އިރުމަތީގެ، އަހުމަދު ސުނައިނު (25އ)ގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން އޭނާގެ މައްސަލަ އިސްތިއުނާފު ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރީ ސުނައިން އާއެކު ގދ. ހޯނޑެއްދޫ/ ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) އަދި ގދ. ހޯނޑެއްދޫ/ އަލޯރާ، އަހުމަދު މުޖާހިދު (29އ)ގެ މައްޗަށެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ސުނައިނުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ވާސިލުވި ސަބަބުތަކާއި އޭނާއާ ދެކޮޅަށް ލިބިފައިވާ ހެކި އަދި ގަރީނާތަކަށް ރިއާޔަތް ކުރުމަށްފަހު ކްރިމިނަލް ކޯޓުގެ އެ ހުކުމް އިސްތިއުނާފު ކުރުމަށް ނިންމައިފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އެ ހުމުގެ އިސްތިއުނާފީ މުއްދަތު ހަމަވާނީ މި މަހުގެ އަށްވަނަ ދުވަހަށް ކަމަށާއި އެ މުއްދަތު ހަމަވުމުގެ ކުރިން އިސްތިއުނާފު ހުށަހަޅާނެ ކަމަށްވެސް ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ، 119 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާކުރި މީހުންގެ ތެރެއިން ސުނައިނުގެ ބައި އެކަނި އިސްތިއުނާފު ކުރަން ނިންމީ, މުޖާހިދުގެ ބައި އިސްތިއުނާފު ކޮށްގެން، ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ނިންމުމަށް ބަދަލުގެނެވިދާނެ ކަމަށް ނުފެންނާތީ ކަމަށެވެ.

އެ މައްސަލައިގައި ކުށް ސާބިތުވެ ޖަލަށްލާފައިވަނީ ޒުބައިރު އެކަންޏެވެ. ކުރިމިނަލް ކޯޓުން ވަނީ އޭނާ 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، 100،000 ރުފިޔާއިން ޖޫރިމާނާކޮށްފަ އެވެ.