ފަލަސްތީނުގެ މީހަކު ހިމެނޭ ގޮތަށް މިދިޔަ އަހަރު 11 ބިދޭސީއަކަށް ދިވެހި ރައްޔިތުކަން ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނަރަލް އިސްމާއިލް މަމްދޫހު ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖޭގެ ރަށްވެހިކަން ބޭނުންވެގެން 16 މީހަކު ހުށަހެޅި ކަމަށާއި އޭގެ ތެރެއިން ދިވެހި ރައްޔިތުކަން ދީފައިވަނީ 11 މީހަކަށް ކަމަށެވެ.

އެއީ އެރިޓްރިއާގެ މީހަކާއި ފަލަސްތީންގެ މީހަކާއި އިންޑިއާގެ ތިން މީހަކާއި ސްރީ ލަންކާގެ ފަސް މީހެއް ކަމަށް ވިދާޅުވިއެވެ.

ސިޓިޒެންޝިޕް ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ 7 ޖެނުއަރީ 1969 ގައެވެ. އެ ގާނޫނުގެ ދަށުން މިހާތަނަށް 33 މީހަކަށް ދިވެހި ރައްޔިތުކަން ވަނީ ދީފައެވެ.

އެ ގާނޫނުގައިވާ ގޮތުން ދިވެހި ރައްޔިތުން ދިނުމުގައި ރައްޔިތުކަމަށް އެދޭ މީހާއަކީ ސުންނީ މުސްލިމެއްތޯއާއި ގާނޫނުއަސާސީއާއި ގާނޫނުތައް އެނގޭ މިންވަރާއި އަސާސީ ތައުލީމުގެ ފެންވަރާއި ދިވެހި ބަހުން ލިޔެކިޔުމުގެ ފެންވަރު ވަޒަންކުރާނެއެވެ. އަދި ދިވެހި ރައްޔިތުކަން ހޯދުމަށް އެދި ހުށަހަޅާ މީހާއަކީ މެދުނުކެނޑި ރާއްޖޭގައި 10 އަހަރު އުޅެފައިވާ މީހަކަށް ވާންޖެހެއެވެ.

ގާނޫނުގައިވާ ގޮތުން ބިދޭސީއަކަށް، ދިވެހި ރައްޔިތުކަން ދިނުމުގެ ކަންކަން ފުރިހަމަވޭތޯ ބަލާނީ ފޮރިން މިނިސްޓްރީންނެވެ. ނަމަވެސް ދިވެހި ރައްޔިތުކަން ދިނުމުގެ ބާރު އޮންނާނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.