މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު ދުއްވުމަށް ހާއްސަކޮށްފައިވާ ކާރު ވަގަށް ނެގި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އެމްއޭސީއެލްގެ އެމްޑީ ދުއްވަން ހާއްސަކޮށްފައިވާ ކާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓްރާންސްޕޯޓް އެންޑް ފެރީ ސާވިސް ބިލްޑިންގައި ޕާކުކޮށްފައި އޮއްވައި މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ވަގަށް ނަގާފައިވާ މައްސަލައިގައި ދައުވާކުރަން ފޮނުވީ އެމްއޭސީއެލްގެ ދެ މުވައްޒަފުން ކަމަށްވާ މ. ސީނީއަސުރުމާގެ/ މުހައްމަދު ހައިޝަމް އާއި މ. މޮޑަންކޮމެޓް/ އަހުމަދު ނިޒާމުގެ މައްޗަށް ކަމަށެވެ.

ނިޒާމުގެ މައްޗަށް ކޮށްފައި ވަނީ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި އެއްވެސް މީހަކަށް އޮޅުވާލުމުގެ ނިޔަތުގައި އެއްޗަކަށް ބަދަލު ގެނައުމުގެ ދައުވާއާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ.

މީގެ ތެރެއިން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާގެ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އެއްވެސް މީހަކަށް އޮޅުވާލުމުގެ ނިޔަތުގައި އެއްޗަކަށް ބަދަލު ގެނައުމުގެ ދައުވާގެ އަދަބާއި މުދަލަށް ގެއްލުންދިނުމުގެ ދައުވާގެ އަދަބަކީ، ކޮންމެ ދައުވާއަކަށް ނުވަ މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ހައިޝަމްގެ މައްޗަށް ކޮށްފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއެވެ.