މިހާރު ކުރިއަށްދާ އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލްގެ ޖާގަތައް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޓީސީ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

ސަސްއިން ފައިނަލް ޔަގީންކުރީ އިއްޔެ ހަވީރު، އެންމެފަހުގެ ޗެމްޕިއަން ކްލަބު އީގަލްސް 3-1 އިން ބަލިކޮށްގެންނެވެ. އެމެޗުގެ އިތުރުން ރޭގެ މެޗު ފެށުމުގެ ކުރިންވެސް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ވައިސް ކެޕްޓަން، މުހައްމަދު އާރިފް (ބަކާ)ގެ ކުއްލި ވަކިވުމުގެ ހަނދާނުގައި ސުކޫތެއް ގެެނެސްފައިވެއެވެ.

އެމެޗުގެ ފުރަތަމަ ހާފުގައި ސަސްގެ މުހައްމަދު އިޒާން އަލީ ގޯލު ޖަހައި ލީޑު ނެގި އިރު، ދެވަނަ ހާފްގެ ކުރީކޮޅުގައި ސަސްއަށް ޕެނަލްޓީއެއް ލިބި ބޭކާރުވިއެވެ. އެ ޕެނަލްޓީ މުހައްމަދު ހޫދު އަހުމަދު ފޮނުވާލީ މާ ބޮޑަށްވެސް މަތިން ބޭރަށެވެ. އީގަލްސްއިން މެޗު އެއްވަރުކުރީ 78 ވަނަ މިނެޓުގައެވެ. އެ ގޯލު އީގަލްސްއަށް ޖަހައިދިނީ މުހައްމަދު އައިމަނެވެ. އެ ގޯލާއެކު މެޗު އިތުރު ވަގުތަށް ދާން ދަނިކޮށް، 82 ވަނަ މިނެޓު އަދި 99 ވަނަ މިނެޓުގައި ސަސްއިން ގޯލުތައް ޖަހައި ފައިނަލް ޔަގީން ކުރިއެވެ.

ސަސްގެ އެ ގޯލުތައް ޖެހީ ފުރަތަމަ ގޯލުވެސް ޖެހި އިޒާންގެ އިތުރުން ހަސަން ހައިޝަމް މުހައްމަދެވެ.

ޓީސީން ފައިނަލް ޔަގީންކުރީ ރޭ ގައުމީ ދަނޑުގައި ކުޅުނު މެޗު 2-1 އިން ކާމިޔާބު ކޮށްގެންނެވެ. ރޭގެ މެޗުގެ ފުރަތަމަ 10 ވަރަކަށް މިނެޓް ތެރޭގައި ޓީސީން ދެ ގޯލު ޖެހިއެވެ. އެ ދެ ގޯލުވެސް ޖެހީ އާދަމް ޝިޔާން މުހައްމަދެވެ.

ހާފު ނިމުމުގެ ކުރިން މާޒިޔާއިން ގޯލެއް ޖަހައި މެޗުގެ ތެރެއަށް ވަނެވެ. މެޗުގެ 43 ވަނަ މިނިޓްގައި މާޒިޔާގެ ގޯލު ޖެހީ، އަހުމަދު މިލްހާން މުހައްމަދެވެ.

އެ ގޯލާއެކު މާޒިޔާއިން އުންމީދު ހޯދި ނަމަވެސް ދެވަނަ ހާފުގައި އިތުރު ގޯލެއް ނުފެނި، ޓީސީ ވަނީ ފައިނަލް ޔަގީން ކޮށްފައެވެ.

ސަސްއާއި ޓީސީ ވާދަކުރާ ފައިނަލް އޮންނާނީ ހޯމަ ދުވަހުގެ ރޭ 9:00 ގައެވެ.