މި އަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްސަލް ޓީމަށް ބައެއް ބަދަލުތައް ގެނެސް، އަންނަ މަހު އޮތް ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ފައިނަލް ކޮށްފިއެވެ.

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައިވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދު ދޭނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދީ، ސަރަހައްދީ ފުޓްސަލް ޗެމްޕިއަންކަން ހޯދައިދިން ކޯޗު ފާރޫކް ޒަކީރޯވްއެވެ. ކޯޗު ޓީމާ ގުޅޭނީ މުބާރާތަށް ދާއިރު ޗައިނާއިންނެވެ. އެއީ މިވަގުތު އެހެން މަސައްކަތެއްވެސް ކުރަމުންދާތީއެވެ.

ރާއްޖޭގެ އިތުރުން ޗައިނާގެ މުބާރާތުގައި ވާދަކުރާނީ އެގައުމާއި ދެކުނު ކޮރެއާ އަދި ހޮން ކޮންގް ކަމަށެވެ. އެ މުބާރާތް ޗައިނާގެ ޔިންޗުއާންގައި އޮންނާނީ ލިންގްވޫ ސްޕޯޓްސް ސެންޓަރުގައެވެ. މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗު އަންނަ މަހު ފަސްވަނަ ދުވަހު ދެކުނު ކޮރެއާއާ ދެކޮޅަށް އޮންނަ އިރު، ދެން ކުޅޭ މެޗުގައި ހޮން ކޮންގާ ދެކޮޅަށް ނުކުންނާނީ އެމަހު ހަތްވަނަ ދުވަހުއެވެ. އަދި ޗައިނާއާ ދެކޮޅަށް ރާއްޖޭން ނުކުންނާނީ އަންނަ މަހު ނުވަ ވަނަ ދުވަހުއެވެ.

އެ މުބާރާތަށް ނެގި ސްކޮޑަށް ބަލާއިރު، ސާފް ކާމިޔާބުކުރި ސްކޮޑަށް ފަސް ބަދަލެއް އައިސްފައިވެއެވެ. އެގޮތުން ސާމިން މުހައްމަދު ނަސީރު (ސާންކޮ)، ފައްޔާޒް ފަޔާޒް (ފައިއްޓެ)، ޝަނާން ރަޝާދު، ސާދު މުހައްމަދު ނިޒާރު އަދި އިސްމާއިލް ވަޖީހު (ވައްޖެ) އަލަށް ފައިނަލް ސްކޮޑުގައި ހިމަނާފައިވެއެވެ. ވައްޖެއަކީ ސާފަށް ދިޔުމުގެ ކުރިން ޕްރިލިމިނަރީ ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެކެވެ. އޭނާއަށް އެފަހަރު ޖާގަ ގެއްލުނީ ފަހުވަގުތުއެވެ.

މިފަހަރު ސްކޮޑުގައި ނުހިމެނޭ ކުޅުންތެރިންނަކީ ހުޒައިފަތު ރަޝީދު (ހުޒޭ)، ހުސެއިން ޝަރީފް (އޮންލީ)، އިބްރާހިމް ނާޖިހު (ހޭޓް)، އަބްދުﷲ ޖުނައިދު (ޖެންނޭ) އަދި އަލީ ހައިޝަމް (ޗުމްޕު) އެވެ.

މިފަހަރު ވެސް ޓީމުގެ ކެޕްޓަނަކީ، އެފްއޭއެމް އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިއަކަށް ހޮވުނު މުހައްމަދު އިމްރާން (އިންމި)އެވެ.

ޗައިނާ މުބާރާތަށް ދާ ފުޓްސަލް ޓީމު

  • އިޝާން އިބްރާހިމް (ސައްޓު)
  • އަބްދުﷲ ޝާފިއު (ޝާއްޕެ)
  • އަހުމަދު ހަމީދު (އައްމަޑޭ)
  • ޒައިދާން އަހުމަދު (އަސޫ)
  • އަލީ ޝިޔާހު (ޝިޔާ)
  • އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)
  • އަލީ ޝަމާލް އަބްދުﷲ (ޝަންމު)
  • ސާމިން މުހައްމަދު ނަސީރު (ސާންކޮ)
  • މުހައްމަދު ސާދު ނިޒާރު
  • ފައްޔާޒް ފަޔާޒް (ފައިއްޓެ)
  • ޝަނާން ރަޝާދު
  • އިސްމާއިލް ވަޖީހު (ވައްޖެ)
  • ހުސެއިން ސުހެއިލް (ސޮކޭ)
  • މުހައްމަދު އިމްރާން (އިންމި)