ރާއްޖެއިން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ދިޔުމަށް ހައްޖު ކޯޕަރޭޝަނުން ހަވާލުވި ހުރިހާ މީހުން ވެސް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ހައްޖުގެ އަޅުކަމަށްފަހު ހައްޖުގެ އަޅުކަމަށް ފަހު މެނިންގޯކޮކަލް ބަލި ޖެހިގެން ނިޔާވި ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެކަމާ ގުޅިގެން ހައްޖު ކޯޕަރޭޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނުން ހަވާލުވި ހުރިހާ ހައްޖުވެރިން މެނިންގޯކޮކަލް ބަލިން ދިފާއުވުމަށް ޖަހާ މެނިންޖައިޓިސް ވެކްސިން އާއި ޕޯލިއޯ އާއި އިންފްލުއެންޒާ ވެކްސިން ވެސް ސައުދީގެ ހައްޖު މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

"ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓުން އެންމެ ހާއްސަ ސަމާލުކަމެއް ދޭ ކަންތައް ކަމުގައި ވެސް މި ފުރުސަތުގައި ދަންނަވަން" ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ނަމަވެސް ބަކާ ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވަނީ އެ ގައުމުގެ ރަސްގެފާނުގެ ހަރަދުގައި މި އަހަރު ގެންދިޔަ މީހުންގެ ގުރޫޕުގައެވެ. ހައްޖުގެ އަޅުކަމަށްފަހު ބަކާ ރާއްޖެ ވަޑައިގެންނެވީ މީގެ ތިންދުވަސް ކުރިންނެވެ.

ރާއްޖެއިން ވަނީ ނުރައްކާތެރި މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނިފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިންވޭސިވް މެނިންގޯކޮކަލިން ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓްކެޓްވީ ފަރާތްތަކަށް މައުލޫމާތުދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށައިފައިވާ ކަމަށެވެ.

"މިއަހަރު ހައްޖަށް ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު" އެޗްޕީއޭއިން ބުންޏެވެ.

ކޮންޓެކްޓުންގެ ގޮތުގައި ބެލެވޭ މީހުންނަކީ ބަލިމީހާއާ އެއް ގެއެއްގައި ދިރިއުޅޭ މީހުންނާއި ބަލިމީހާއާ އެއްކޮށް ވަރަށް ގިނައިރު އެއް ބަހެއްގައި ނުވަތަ އެއް މަތިންދާބޯޓެއްގައި ދަތުރުކުރި މީހުން އަދި ބަލި މީހާގެ ކުޅުފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަކަށް ހުށަހެޅިފައިވާ މީހުންނެވެ.

  • ހުންއައުން
  • ބޮލުގައި ރިއްސުން
  • ކަނދުރާ ވާންވުން
  • މޭނުބައިކޮށް ހޮޑުލެވުން
  • ވާނުވާ ނޭނގޭ ގޮތްވުން
  • ގައިގައި ރަތް ބިހި/ ލައްތަކެއް ނެގުން
  • ފިޓުޖެހުން
  • އަލި ގަދަވުމުން އުނދަގޫވުން
  • ވަރުދެރަވުން
  • ނޭވާ އަވަސްވުން

މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ކަމަށް އެޗްޕީއޭއިން ބުންޏެވެ. ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެ ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ އެއް ދުވަހާއި 10 ދުވަހުގެ ދެމެދުގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ މެނިންޖައިޓްސް ވެކްސިން ޖެހުމުން އެ ބަލިން ރައްކާތެރިކޮށްދޭނެ ކަމަށެވެ. އަދި މެނިންޖައިޓްސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަޑަކަށް ދެ ހަފުތާވަރު ނަގާނެ ކަމަށެވެ.

އެ ބަލިން ރައްކާތެރިވުމަށް މަދުވެގެން ދެ ހަފުތާ ކުރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން ބުންޏެވެ.