ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީ ކުރުމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓަށް 562.5 މިލިއަން ރިޔާލްގެ ދެ ލޯނެއް ސައުދީ ފަންޑުން ނަގާފައިވާ ކަމަށް ސަފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާ ކޮށްފައިވާ އެ ލޯނާބެހޭ މައުލޫމާތުގައިވާ ގޮތުން، އެއާޕޯޓް ތަރައްގީއަށް 375 މިލިޔަންގެ ލޯނެއް ވަނީ ނަގައިފައެވެ. މި ލޯނުގެ އިންޓްރަސްޓް ނަގާފައިވަނީ ވަރަށް ބޮޑު ރޭޓެއްގައި ނޫން ކަމަށް އެ މައުލޫމާތު ހިއްސާކުރި މުވައްޒަފު ވިދާޅުވިއެވެ.

ނަމަވެސް މާލިއްޔަތު ކޮމިޓީގެ މުގައްރިރު މާމިގިނލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ އެއީ އިންޓްރެސްޓް ރޭޓް 2.5 ޕަސެންޓްގައި ހިމެނޭ ލޯނެއް ކަމަށާއި އެހެންމުން އިންޓްރެސްޓަށް 100 ވަރަކަށް މިލިޔަން ޑޮލަރު އަރާނެ ކަމަށެވެ.

ދެން ހިމެނޭ ލޯނަކީ ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ނަގާފައިވާ 187.5 މިލިއަން ސައޫދީ ރިޔާލުގެ ލޯނެކެވެ.

އެ ލޯނުގެ އިންޓްރެސްޓު ރޭޓަކީ ވެސް 2.5 ޕަސެންޓެވެ. އިންޓްރެސްޓު ރޭޓުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ މުޅި ޖުމުލަ 41.8 މިލިއަން ރުފިޔާއެވެ. ލޯނު ސާވިސް ކުރުމުން ހިނގާނެ ކަމަށް ބެލެވެނީ 232.6 މިލިއަން ރުފިޔާއެވެ. އަދި ލޯނުގެ ގްރޭސް ޕީރިއަޑަކީ ފަސް އަހަރެވެ.

ލޯނު ނެގި ބޭނުމުގެ ގޮތުގައި ފިނޭންސް މިނިސްޓަރީން ބުނެފައި ވަނީ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ރައްޔިތުންގެ ރައްކާތެރިކަމާ އެއްގޮތަށް ހިދުމަތް ދޭކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ސިއްހީ ހިދުމަތް ދޭ އިމާރާތްތައް ހެދުމެވެ.

އެގޮތުން ރާއްޖޭގެ ތިން ރަށެއްގައި 50 އެނދުގެ ހޮސްޕިޓަލްތަކެއް އެލޯނުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެ ލޯނު އަނބުރާ ދައްކަންޖެހޭ އެންމެ ފަހު ތާރީހެއް ކަމަށް ހަމަޖެހިފައިވަނީ 2044 ވަނަ އަހަރެވެ.