ޗައިނާގެ ޗޮންޗިން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.
ޗޮންޗިން ސިޓީގެ އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އިއްޔެ ފެށީ ސްރީ ލަންކާގައި ޓްރާންސިޓް ކުރުމަށްފަހު އަންނަ ގޮތަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ހަވީރު ޖެއްސި އެ އެއާލައިންގެ ފުރަތަމަ ފްލައިޓުގައި 82 ފަސިންޖަރުން ރާއްޖެ އައިސްފައިވެއެވެ.
މި އެއާލައިނުން އައި ފުރަތަމަ ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ވީއައިއޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް، ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާންގް ލީޝިން، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު، ޗޮންގިންގް އެއާލައިންގެ ވައިސް ޕްރެސިޑެންޓް ޝިޔެ ޖިންގްޕިންގެ އިތުރުން އެމްއެމްޕީއާރުސީ، މަޓާޓޯ އަދި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ، އެމްއޭސީއެލް އިން އަބަދުވެސް މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ސިނާއަތާއި ދުނިޔެއާއި ގުޅުވާލަދޭ ފާލަމެއްގެ ގޮތުގައި ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅިގެން ރާއްޖެއަށް ގިނަ އެއާލައިންތައް ގެނައުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާއިރު، ޗައިނާގެ މުހިންމު ސިޓީތަކުން ރާއްޖެއަށް ދަތުރުކުރަން ފެށުމަކީ އިގުތިސާދީ އެކި ދާއިރާތަކުން ރާއްޖެއަށް ކުރިއެރުން އަންނާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ޗޮންޗިން އެއާލައިން އިން ރާއްޖެއަށް ހަފުތާއަކު ތިން ދަތުރުކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ 165 ސީޓުގެ ފްލައިޓެވެ. ޗައިނާގެ ތިން އެއާލައިނަކުން މިހާރުވެސް ރާއްޖެއަށް ދަތުރުތައް ކުރެއެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއާލައިންސް އަދި ޗައިނާ އީސްޓާންއެވެ.
ޚަބަރު
ޚަބަރު
ޚަބަރު