ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ، ނޭފަތް ބިންދައިގެން ދިޔުމާއެކު އަޅަން ޖެހުނު މާސްކްގައި ފުރަތަމަ މެޗެއް ކުޅެފިއެވެ.
ފްރާންސުން މިފަހަރުގެ ޔޫރޯ 2024 ގައި ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ އޮސްޓްރިއާއާ ދެކޮޅަށެވެ. އެ މެޗު 1-0 އިން ފްރާންސުން ކާމިޔާބު ކުރި އިރު، އެމްބާޕޭއަށް ވަނީ އަނިޔާވެފައެވެ. އެމްބާޕޭ ބޯޅައިގައި ބޮލުން ޖަހަން އުޅެނިކޮށް، އޭނާއަށް އަނިޔާވީ އިދިކޮޅު ކުޅުންތެރިޔާ ކޮނޑުގައި މޫނު ޖެހި، ނޭފަތް ބިންދައިގެން ގޮސްގެންނެވެ.
އެ އަނިޔާގެ ސަބަބުން އޮޕަރޭޝަން ކުރަން ފުރަތަމަ އުޅުނު ނަމަވެސް، ފެޑަރޭޝަނުން ނިންމާފައި ވަނީ އޮޕަރޭޝަން ނުކޮށް، މާސްކެއްގައި ކުޅެން ނުކުތުމަށެވެ. އެހެންވެ، ފުރަތަމަ ފަރިތަކުރުންތަކަށް އެމްބާޕޭ ނުކުތީ ފްރާންސްގެ ދިދައިގެ ފަރުމާއެއްގައެވެ. އެ ފަރުމާގެ ސަބަބުން މެޗަށް އެ މާސްކްގައި ނޭރެވޭނެ ކަމަށް ބުނުމުން ފަހުން އެމްބާޕޭ ފެނުނީ ކަޅު މާސްކެއްގައެވެ.
ކަޅު މާސްކެއްގައި އެމްބާޕޭ އެންމެފަހުން މެޗުގައި ބެންޗުގައި އިން ނަމަވެސް، އޭނާ ނެދަލޭންޑްސްއާ ދެކޮޅަށް ކުޅެން އަރާފައެއް ނުވެއެވެ. އޭނާ މެޗު ނިންމާލީ ބެންޗުގައި އިނދެއެވެ.
ފްރާންސްގެ ބެންޗު ޓީމު ފިޓްކޮށް ބޭތިއްބުމަށް، ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ވަނީ އިއްޔެ އެކުވެރިކަމުގެ މެޗެއް ރާވައިފައެވެ. ޖަރުމަނު ކްލަބެއް ކަމަށްވާ ޕަޑޭބޯންގެ 21 އަހަރު ޓީމާ ދެކޮޅަށް ފްރާންސްގެ ބެންޗް ޓީމުން އިއްޔެ ކުޅުނު މެޗުގައި އެމްބާޕޭ ކުޅެފައިވެއެވެ. އެއީ މީޑިއާ އާއި ސްޕޯޓަރުންނަށް ނުވަދެވޭ ގޮތަށް ކުޅުނު މެޗެއް ނަމަވެސް، މެޗުގައި އެމްބާޕޭ ވަނީ ދެ ގޯލު ޖަހައި ދެ އެސިސްޓް ފުރިހަމަ ކޮށްފައެވެ.
ފްރާންސަށް އަދި ގަދަ 16 ޔަގީން ވެފައިނުވާ އިރު، އެޓީމުން ގްރޫޕް ސްޓޭޖު ފަހު މެޗުގައި ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ.
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ