މިފަހަރުގެ ޔޫރޯއަށް ތައްޔާރުވި އިރު، އެންމެ ގިނަބައެއްގެ އެއް ނަމްބަރު ކުޅުންތެރިޔަކީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއެވެ. މިދިޔަ ބޮޑެތި މުބާރާތްތަކުގައި އޭނާގެ ތަފާތު ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވެސްވެއެވެ. އޭނާއަކީ ފްރާންސަށް އެންމެ މުހިއްމު ކުޅުންތެރިޔާވެސް މެއެވެ. ކަންދިމާކުރި ގޮތުން، ފްރާންސުން މިފަހަރުގެ ޔޫރޯގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި އެމްބާޕޭއަށް ވަނީ ނުރައްކާތެރި އަނިޔާއެއް ވެފައެވެ.
އެ މެޗުގައި ފްރާންސް 1-0 އިން މޮޅުވި އިރު، އެމްބާޕޭގެ ނޭފަތް ބިންދައިގެން ދިޔައީ ފަހު ހާފުގައި، ބޯޅައިގައި ބޮލުން ޖަހަން އުޅެނިކޮށް، އޮސްޓްރިއާގެ ކެވިން ޑެންސޯ ކޮނޑުގައި މޫނު ޖެހިގެންނެވެ. އެ މެޗުގައި އެމްބާޕޭއަށް އަނިޔާވެގެން ފަރުވާ ދިނުމަށްފަހު ނުކުޅެވިގެން ދަނޑުމަތީގައި އިށީނުމުން، ރެފްރީ އޭނާއަށް ރީނދޫ ކާޑެއް ވެސް ދެއްކިއެވެ. ފްރާންސުން އޭނާ ބަދަލު ކުރީ އޭގެ ފަހުންނެވެ. އެމްބާޕޭ ދަނޑުން ބާލައިގެން ގެންގޮސްފައިވަނީ ހޮސްޕިޓަލަށެވެ. ފްރާންސް ފެޑެރޭޝަނުން ބުނީ އެމްބާޕޭގެ އަނިޔާއާ ބެހޭ އިތުރު މައުލޫމާތު އިއްޔެ ހާމަކުރާނެ ކަމަށެވެ. އެހެންނަމަވެސް އެ ތަފްސީލު އަދި ދީފައެއް ނުވެއެވެ.
ޖަރުމަނުގެ ޑުސަލްޑޯފް ހޮސްޕިޓަލާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ އެމްބާޕޭގެ ނޭފަތް ބިނދުނުކަން ޔަގީން ކަމަށެވެ. އަދި އޮޕަރޭޝަނެއް ކުރަން ފުރަތަމަ ނިންމި ނަމަވެސް، ފަހުން އޮޕަރޭޝަން ނުކުރަން ނިންމީ ޔޫރޯ އެއްކޮށް ގެއްލިދާނެތީއެވެ.
ފްރާންސް ފެޑަރޭޝަނުން ބުނެފައިވަނީ މާސްކެއްގައި އެމްބާޕޭ މެޗަށް ނެރެން ތައްޔާރުވެފައިވާ ކަމަށެވެ. އެމްބާޕޭ އިއްޔެ، ބެންޑޭޖުކޮށްގެން ތަމްރީނުތަކަށް ނުކުމެފައިވާ އިރު، އޭނާ މާސްކުގައި ނުކުންނާނެ އިރަކަށް ދިޔައީ އިންތިޒާރުކުރަމުންނެވެ. އެމްބާޕޭ ވަނީ އޭނާ އަޅާނެ މާސްކެއްގެ ހިޔާލު ހޯދުމަށް ސޯޝަލް މީޑިއާގައިވެސް ޖަހައިފައެވެ. އެންމެ ގިނަ ބަޔަކު އޭނާއަށް ހިޔާލު ދިނީ ނިންޖަ ޓާޓަލްގެ ސްޓައިލް މާސްކެއް އެޅުމަށެވެ.
އެ ހިޔާލަށް ފާޑަކަށް އޭނާ ސަމާލުކަން ދިންތަން މާސްކުން ފެނެއެވެ. އެމްބާޕޭ އެޅީ އެ ޑިޒައިންގް ފްރާންސް ގައުމީ ދިދައިގެ ރަމްޒު ފެންނަ މާސްކެކެވެ. މާސްކްގައި އޭނާގެ އިނީޝަލްސްވެސް ޖަހާފައިވެއެވެ. އޭނާ މިއަދު ތަމްރީނުތަކަށް ނުކުމެ، ޓީމާއެކު ތަމްރީނު ކޮށްފައިވެއެވެ. އެމްބާޕޭ ނެދަލޭންޑްސްއާ ދެކޮޅަށް ފެންނާނެކަމުގެ ޔަގީންކަމެއް އަދި ނުދެއެވެ.
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ