އިންޑިއާގެ ގައުމީ ޓީމުގެ ކޯޗު ކަމާ ފަސް އަހަރު ވަންދެން ހަވާލުވެ ހުރި ކޯޗު، އީގޯ ސްޓިމަކް މަގާމުން ވަކިކުރަން ސިޓީ ފޮނުވުމާ އެކު، އިންޑިއާ ފުޓުބޯޅަ ފެޑަރޭޝަނަށް އޭނާ އިންޒާރު ދީފިއެވެ.
އުމުރުން 56 އަހަރުގެ ސްޓިމަކް މަގާމުން ދުރުކުރަން އިންޑިއާގެ ފުޓުބޯޅަ އިދާރާ އިން ނިންމީ ހޯމަ ދުވަހުއެވެ. އޭނާ މަގާމުން ދުރުކޮށްފައި ވަނީ އޭއެފްސީ އޭޝިއަން ކަޕާއި ފީފާ ވޯލްޑް ކަޕްގެ ކޮލިފިކޭޝަންގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމުން ކަމަށް ބުނެއެވެ. އެންމެފަހުން އިންޑިއާ އިން ގަތަރާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވެފައިވާ އިރު، އެ ޓީމަށް ވޯލްޑް ކަޕް ކޮލިފައިންގެ ފަހު ބުރަށް ގޮސް އޭޝިއަން ކަޕަށް ދާން ފުރުސަތު ވަނީ ގެއްލިފައެވެ.
މި ފަހަރުގެ ކޮލިފިކޭޝަން ކެމްޕޭނުގައި އިންޑިއާ އިން ފުރަތަމަ ކުވައިތު ބަލިކުރި ނަމަވެސް، އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު ދެ މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. އަދި އަމިއްލަ ފަސްގަނޑުގައި ކުވައިތާ ދެކޮޅަށް ފަހުންވީ އެއްވަރެވެ. މި ފަހަރުގެ އޭޝިއަން ކަޕާއި ވޯލްޑް ކަޕްގެ ނަތީޖާ ރަނގަޅު ނޫން ނަމަ، ކުރިން ވެސް އިންތިއުފާ ދޭނެ ކަމަށް ސްޓިމަކް ބުނެފައި އޮތް ނަމަވެސް އޭނާ ވަކި ކުރީ ފެޑަރޭޝަނުންނެވެ.
ސްޓިމަކް އިންޑިއާ ފުޓުބޯޅައާ ގުޅުވައިގެން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ އިންޑިއާ ފުޓުބޯޅަ ދަށަށް ގޮސް، މިހާރު މިއޮތް ހާލަތަށް ދާން މެދުވެރިވި ސަބަބުން ހާމަކުރާނެ ކަމަށެވެ. އެހެން ބުނަމުން އިންޑިއާގެ މީޑީއާ ރަހުމަތްތެރިންނަށް ހާއްސަކޮށް އޭނާ ބުނީ އިންޑިއާ ފުޓުބޯޅައިގައި ކޯޗު ފޮނުވާލުމަށް ވުރެ މާ އަޑީގައި ގިނަ ކަންތައްތަކެއް ހިނގަމުންދާ ކަމަށެވެ. އަދި އެކަންކަމާ ވާހަކަ ދައްކާލަން މާދަމާ ޗެޓް ސެޝަނެއް ބާއްވާނެ ކަމަށެވެ.
އޭގެ އިތުރުން ކްރޮއޭޝިއާގެ ސްޓިމަކް އީމެއިލެއްގައި އެފްއޭއަށް ބުނީ އެއްބަސްވުން ބާތިލުކުރުމުން އޭނާއަށް ދޭން ޖެހޭ ބަދަލު 10 ދުވަހުގެ ތެރޭގައި ދޭން ޖެހޭނެ ކަމަށާއި ނުދީފިނަމަ، އިންޑިއާގެ އެފްއޭ ގޮވައިގެން ފީފާއަށް ދާނެ ކަމަށެވެ.
ސްޓިމަކް ރުޅިގަދަވެގެން ބުނެފައި ވަނީ ހަގީގަތް ހާމަކުރަން އޭނާއަށް އަބަދުވެސް އެފްއޭއިން ހުރަސް އަޅާ ކަމަށާއި އޭގެ ސަބަބުން ޕްރެޝަރު ބޮޑުވެ ސިއްހީ މައްސަލަތައް، ހިތުގެ މައްސަލަތައް ދިމާވެފައިވާ ކަމަށެވެ. އެގޮތުން އޭޝިއަން ކަޕްގެ ކުރި ހިތުގެ އޮޕަރޭޝަނެއް ކުރަން ޖެހުނު ނަމަވެސް، ގައުމީ ޓީމަށް ފުރިހަމަ މަސައްކަތްތަކެއް ކޮށްދިން ކަމަށެވެ.
ސްޓިމަކް ބުނީ އުންމީދަކީ އިންޑިއާގެ ފުޓުބޯޅަ، ކޮރަޕްޝަނާއި ނުފޫޒުގެ ހަޑިކަމުން އަރައިގަތުން ކަމަށާއި އިންޑިއާއަކީ އަބަދުވެސް އޭނާއަށް ހާއްސަ ގައުމަކަށް ވާނެ ކަމަށެވެ.
ސްޓިމަކާއި އިންޑިއާ ފެޑަރޭޝަނާ ބައެއް މައްސަލަތައް ޖެހި، ބައެއް މެޗުތަކަށް ކުޅުންތެރިން ތައްޔާރު ކުރުމަށާއި އޭޝިއަން ކަޕަށް ޓީމު ތައްޔާރުކުރަން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް އޭނާ ވަނީ ކުރިންވެސް ބުނެއެވެ. އެއީ ލީގު މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާތީއެވެ.
ސްޓިމަކް، އިންޑިއާއާ އެކު 2019 އަދި 2023 ވަނަ އަހަރު އޭޝިއަން ކަޕަށް ގޮސްފައިވާ އިރު، އޭނާ ވަނީ ދެ ފަހަރަށް ސާފް ޗެމްޕިއަންޝިޕް އުފުލާލައިފައެވެ. ސްޓިމަކާ އެކު އިންޑިއާ އިން ކުޅުނު 53 މެޗުގެ ތެރެއިން 19 މެޗުން އެ ޓީމު މޮޅުވި އިރު، ބަލިވީ 20 މެޗުންނެވެ. އޭގެ ތެރެއިން 14 މެޗު އެއްވަރުވި އިރު، އޭނާގެ މޮޅުވުމުގެ ޕަސެންޓަކީ 35.8 ޕަސެންޓެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ