ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) ގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ގ. ޝާރާޒް، މުހައްމަދު މަފާޒު އަލުން ބަންދުކުރުމަށް ހައިކޯޓުން އަމުރު ކޮށްފިއެވެ.
ނަދީމުގެ މަރުގެ މައްސަލައިގައި ދައުލަތުން ކުރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ ގ. ޝާރާޒް މުހައްމަދު މަފާޒު ހުސެއިން ސަލީމާއި ރ. އިންނަމާދޫ/ ސަމަންތާ, ހުސެއިން ޝާމިން އާއި، ގއ. ގެމަނަފުށި/ ހަވާސް, މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން/ ވިދާތަރި, އަލީ ނިފާޒުގެ މައްޗަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިމިނަލް ކޯޓުގައި މި ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމުން، ކުށް ސާބިތު ނުވާ ކަމަށް ނޮވެމްބަރު 14، 2022 ގައި ކުރިމިނަލް ކޯޓުން ކަނޑައެޅުމުން، އެ މީހުން މިނިވަންވިއެވެ.
ނަމަވެސް ކުރިމިނަލް ކޯޓުގެ ހުކުމާ މެދު ހިތްހަމަ ނުޖެހިގެން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހަމަ އެއާއެކު އެ މީހުންގެ ކުށުގެ ރެކޯޑަށް ބަލައި ބަންދުކޮށްދިނުމަށް ވެސް ހައިކޯޓުގައި އެދުނެވެ.
ނަމަވެސް އެ ހަތަރު މީހުންގެ ތެރެއިން ލ. ގަން ވިދާތަރި އަލީ ނިފާޒު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށް، ދެން ތިބި މީހުން ބަންދު ނުކުރަން 26 ޑިސެމްބަރު 2023 ގައި ހައިކޯޓުން ހުކުމް ކުރިއެވެ.
ކޯޓުގެ ހުކުމްގައި ބުނީ އެ މީހުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތު އޮތް މަފާޒް އޭރު ހުރީ އެހެން މައްސަލައެއްގެ ބަންދުގައިކަންވެސް ހުކުމްގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެ މައްސަލައިގައި މަފާޒު ބަންދުކުރަން ހުށަހެޅި މައްސަލައަށް ހައިކޯޓުން ގޮތެއް ނުނިންމައެވެ.
އެހެންކަމުން އޭރު މަފާޒު ބަންދުގައި ހުރި މުއްދަތު ހަމަވެ، އޭނާ ބަންދުން ދޫވުމުން އަލުން އޭނާ ބަންދުކޮށްދިނުމަށް އެދި ދައުލަތުން ހައިކޯޓަށް ހުށަހެޅިއެވެ. މިމަހުގެ ނުވަ ވަނަ ދުވަހު ހައިކޯޓުގައި އޮތް އިސްތިއުނާފު އަޑުއެހުމުގައި އޭނާ ބަންދު ކުރަން ހައިކޯޓަށް ހުށަހަޅުއްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ ފާތުމަތު ނިއުޝާ ވިދާޅުވީ މަފާޒުގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން މީހަކު މެރުމުގެ ދައުވާ ކަމަށާއި އެ މައްސަލައިގައި ހައްޔަރު ކުރި ތާރީހުން ފެށިގެން ހުކުމް ކުރުމާ ހަމައަށް އޭނާއަކީ ބަންދުގައި ހުރި މީހެއް ކަމަށެވެ.
ނަމަވެސް އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އޭނާ މިނިވަންވެ މުޖުތަމައުގެ ތެރެއަށް ދޫވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ބަންދު ކުރަން ޖެހޭކަން ފާހަގަކުރައްވައި ނިއުޝާ ވިދާޅުވީ، ކުރިމިނަލް ކޯޓުން ހުކުމް ކުރި ތާރީހުގެ ފަހުން ތަކުރާރުކޮށް އެކި ދުވަސް މަތިން އެކި ބާވަތުގެ މައްސަލަތަކުގައި މަފާޒު ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި އޭނާގެ މައްޗަށް ހައިކޯޓަށް ހުށަހަޅާފައިވާ ބާވަތުގެ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީތައް ހިންގުމާ ބެހޭ މައްސަލަތަކުގައި ހައްޔަރުކޮށް އޭނާ ބަންދުގައި ބަހައްޓާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ ތެރެއިން ދެ މައްސަލައެއްގައި ދައުވާ އުފުލައި ޝަރީއަތްތައް ކުރިއަށްދާ ކަމަަށްވެސް ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް މައްސަލައިގައި ދާދި ފަހަކާ ޖެހެންދެން ބަންދުގައި ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލުމުން މަރުގެ މައްސަލައިގައި އޭނާ ބަންދުކުރުމަަށް، ހައިކޯޓުން ފާހަގަކުރި ގޮތުގެ މަތިން ހުށަހެޅުއްވީ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ބަންދުން ދޫކުރި ފަހުން ކުރަމުންދިޔަ ކުށްތަކުންވެސް އޭނާގެ ކިބައިން މުޖުތަމައަށް އޮތް ނުރައްކާ އިތުރަށް ފާޅުވެގެންވާ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
އެދުވަހުގެ އަޑުއެހުމުގައި މަފާޒުގެ ވަކީލު ނޫރުއްސަލާމް ވިދާޅުވީ، ކުރީގެ މައްސަލައިގައި އޭނާ ބަންދުން މިނިވަންވިތާ ތިން މަސް ދުވަސް ވެފައިވާ ކަމަށާއި އެ މުއްދަތުގައި ކުށުގެ ރެކޯޑެއް ނެތް ކަމަށެވެ. ނަދީމްގެ މައްސަލައިގައި ދަށު ކޯޓުގައި ޝަރީއަތް ހިނގި އިރު ވެސް އެތައް އަހަރެއް ވަންދެން މަފާޒް ބަންދުގައި ހުރި ކަމަށާއި އެހެންވެ، އަނެއްކާވެސް އިސްތިއުނާފު މަރުހަލާގައި ބަންދު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވަކީލުން ވިދާޅުވިއެވެ. އޭނާ ދޫކޮށްލާފައި ބެލެހެއްޓިޔަސް، އެހެން މައްސަލައެއް ފެންމަތިވެއްޖެނަމަ، އޭނާ ހައްޔަރު ކުރުމުގެ ފުރުސަތު އޮންނާނެކަން ވަކީލުން ވިދާޅުވިއެވެ.
އެހެންކަމުން ކޯޓުގައި ވަކީލު އެދުނީ ޝަރުތުތަކާ އެކު ނަމަވެސް މަފާޒް ބަންދުން ދޫކޮށްފައި ބަހައްޓައިދިނުމަށެވެ.
ނަމަވެސް އިސްތިއުނާފު ޝަރީއަތް ނިމެންދެން މަފާޒު ބަންދުގައި ބެހެއްޓުމަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ނިންމުމަށް މިއަދު ބޭއްވި އަޑުއެހުމުގައި މިއަދުން ފެށިގެން މި މައްސަލައިގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި މަފާޒު ބަންދު ކުރުމަށް، މި މައްސަލަ ބައްލަވާ ހައިކޯޓުގެ ބެންޗުގެ ރިޔާސަތުގައި ތިއްބެވި ތިން ފަނޑިޔާރުގެ އިއްތިފާގުން ވަނީ އަމުރު ކުރައްވައިފައެވެ.
ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހަސަން މަޒީދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. މި މައްސަލައިގެ ބެންޗުގެ ރިޔާސަތަކީ އިސް ފަނޑިޔާރު ޝަހީދެވެ.
ޚަބަރު
ޚަބަރު
ޚަބަރު