އިންޓަ މިއާމީގައި ކެރިއަރު ނިންމާލަން ގަސްދުކޮށްފައިވާ ނަމަވެސް، އަދި ފުޓުބޯޅަ ދޫކޮށްލަން ނުވިސްނާ ކަމަށް، ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ ބުނެފިއެވެ.
އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ، 36، އެމެރިކާ ލީގުގެ އިންޓަ މިއާމީއާ ގުޅިފައި ވަނީ ޕީއެސްޖީ ދޫކޮށްލުމަށްފައެވެ. ބާސާގައި އޭނާގެ ކުރިން ހޭދަކުރި ދުވަސްތަކުގައި މެސީ ވަނީ 10 ފަހަރަށް ލީގު ހޯދައި، ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ.
މެސީގެ ކެރިއަރުގައި އެންމެ ބޭނުންވި ވޯލްޑް ކަޕް ތަށިވެސް 2022 ވަނަ އަހަރު އާޖެންޓީނާއާއެކު އުފުލާލާފައިވާ އިރު، މިހާރު ތައްޔާރުވަމުންދަނީ ގައުމީ ޓީމާއެކު ކޮޕާ އެމެރިކާއަށެވެ. މެސީ، މީގެ ދެތިން ދުވަސްކުރިން ބުނެފައި ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށްދާ އިރު، މެންޓަލީ އަދި ފިޒިކަލީ ފިޓްކޮށް ހުރި ނަމަ، އެ މުބާރާތް ކުޅެން ތައްޔާރު ކަމަށެވެ.
މެސީ އިއްޔެ އީއެސްޕީއެންއަށް ބުނެފައި ވަނީ މިހާރު ހާލަތު ހުރިގޮތުން އިންޓަ މިއާމީއަކީ އެންމެ ފަހު ކްލަބު ކަމަށެވެ.
"މިއަދުގެ ހާލަތު ހުރި ގޮތުން، އަހަރެން ދެން އިތުރު ކްލަބަކަށް ނުދާނަން. އެހެންވިޔަސް އަހަރެން އަދި ފުޓުބޯޅަ ދޫކޮށްލަން ތައްޔާރެއް ނޫން،" މެސީ ބުންޏެވެ.
މި ސީޒަނުގައި މިހާތަނަށް އިންޓަ މިއާމީއަށް މެސީ ކުޅުނު 12 މެޗުގައި 12 ގޯލު ޖަހައި، 13 އެސިސްޓް ފުރިހަމަ ކޮށްފައިވެއެވެ. އެ ފޯމުގައި މެސީ އެމެރިކާގައި އޮންނަ ކޮޕާ އެމެރިކާއަށް ނުކުންނާނީ އާޖެންޓީނާއަށް ތަށި ދިފާއުކޮށްދޭށެވެ.
"ޔޫރަޕް ދޫކޮށްލަން ވަރަށް އުނދަގޫވި. އެހެންނަމަވެސް ދުނިޔޭގެ ޗެމްޕިއަންކަން ލިބުމުން އެ ނިންމުމަށް ލޯ ހުޅުވިގެން ދިޔަ. އަހަރެން އަބަދުވެސް ފުޓުބޯޅަ ދެކެ އިންތިހާއަށް ލޯބިވޭ. އަހަރެން ކޮންމެ ދުވަހަކު ޓްރެއިންކޮށް، މެޗުތަކުގައިވެސް ކުރެވުނު ވަރަކަށް އުފާކޮށް، ހިތްހަމަ ޖެހުން ހޯދަން. އަހަރެން އަބަދުވެސް ބިރުގަނޭ،" މެސީ އިތުރަށް ބުންޏެވެ.
މެސީ ބުނީ ފުޓުބޯޅަ ހުއްޓާލުމަކީ އެއްވެސް އިރެއްގައި ބޭނުންވީ ކަމެއް ނޫން ކަމަށެވެ. ހުއްޓާލި ދުވަހަކުން ފުޓުބޯޅަ މަތިން ވަރަށް ބޮޑަށް ހަނދާންވާނެ ކަމަށެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ