މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގު، އަންނަ ސީޒަނުގައިވެސް އެމަގާމުގައި ބަހައްޓަން އެ ކްލަބުގެ ބޯޑުން ނިންމައިފިއެވެ.

މި ސީޒަނުގައި ޔުނައިޓެޑާއެކު އެފްއޭ ކަޕް ކާމިޔާބުކުރި ޓެން ހާގު، އެ ކްލަބުގައި އިތުރަށް ބަހައްޓަން ބޯޑުން މަޝްވަރާ ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ޔުނައިޓެޑުން ޓެން ހާގު ރިވިއު ކުރުމުގެ މަސައްކަތް ފެށީ އެފްއޭ ކަޕް ފައިނަލަށް ފަހުގައި ކަމަށެވެ. ޔުނައިޓެޑުން އެފްއޭ ކަޕް ފައިނަލަށް ނުކުތްއިރުވެސް، ޓެން ހާގު މަގާމުން ވަކިކުރަން ނިންމާފައި އޮތް ކަމަށް ކުރިން ވާހަކަ ދެކެވުނު ނަމަވެސް، އެ ކްލަބުން ގޮތް ނިންމަން މަޑުކުރީ ސީޒަނަށް ފަހުއެވެ.

ޓެން ހާގާ މެދު ގޮތެއް ނިންމަން މަޝްވަރާކުރަމުން ދިޔަ އިރު، ޔުނައިޓެޑުން އެހެން ބައެއް ކޯޗުންނާ ވާހަކަ ދެއްކި ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ. އެހެން ނަމަވެސް، މިއަދުގެ ނިންމުމާއެކު ބޯޑުން ބުނީ ރިވިއު ކުރަމުންދިޔައީ "ޕޮސިޓިވް" ވިސްނުމެއްގައި ކަމަށެވެ. އަދި ގޮތެއް ނިންމަން ދުވަސް ނެގުމުން ޓެން ހާގު މާޔޫސްވެ، ހިތްހަމަ ނުޖެހިފައި ނުވާ ކަމަށްވެސް ޔުނައިޓެޑުން ވަނީ ބުނެފައެވެ.

ކްލަބުގެ ކޯޗާމެދު ގޮތެއް ނިމުމުން ޔުނައިޓެޑުން މިހާރު ދަނީ ޓެން ހާގުގެ އެއްބަސްވުން އާކުރަންވެސް މަޝްވަރާ ކުރަމުންނެވެ. ޓެން ހާގުގެ އެއްބަސްވުން އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާން އޮތް އިރު، ޓެން ހާގު އެއްބަސްވުން އާކުރަން ތައްޔާރަށް ހުރި ކަމަށްވެސް ނޫސްތައް ބުނެއެވެ.

އުމުރުން 54 އަހަރުގެ ޓެން ހާގު، މިވަގުތު ހުރީ ޗުއްޓީގައެވެ. އޭނާ އާއިލާއާއެކު ޗުއްޓީ ހޭދަކުރަމުންދަނީ ސްޕެއިންގެ އިބީޒާގައެވެ.