ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަން އަންނަ ގޮތަށް މިދިޔަ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮށްފައިވާ ކަންތަކާ ބެހޭ ޕާލަމެންޓްރީ އިންކުއަރީއެއް ހަދަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ފާސްކޮށްފިއެވެ.
މިދިޔަ ސަރުކާރުން، 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލަށް އުނިކަން އަންނަ ގޮތަށް ނުރަނގަޅު އަސަރު ކުރާގޮތަށް ސަރުކާރާއި އެކި އެކި އިދާރާތަކުގެ އިސް ވެރިން އަމަލުކޮށްފައިވާ ކަމަށް ވިދާޅުވެ، އެކަންތައްތައް ބެލުމަށް ޕާލަމެންޓްރީ އިންކުއަރީއެއް ހަދަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާންއެވެ.
އަޒާންގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްއެވެ.
ގާސިމް ވިދާޅުވީ، ކޮންމެ ސައުކާރެއް އައިސް ނިމިގެން ދިޔައީމަ ކަންތައް ނިމުނީ ކަމަށް ބަލަމުން އަންނަ ގޮތް ބަދަލު ކުރަންޖެހޭ ކަމަށެވެ.
"ކޮންމެ ސަރުކާރެއް އައިސް ނިމިގެން ދިޔައީމަ އެ ސަރުކާރެއް ނިމުނީ ކަމަށް ހަދައިފައި ހުރިހާ ކަމެއް ދައުލަތުން އޮޅާލައިފައި، މާލިއްޔަތުވެސް އިގުތިސޯދު ވެސް އަދި އިޖުތިމާއީ އަދާލަތުވެސް ހުރިހާ އެއްޗެއް ދުއްވާލައިފައި ދިޔައީމަ ތާކުންތާކު ނުޖެހޭނެ. އެހެންވީމާ 241 ކޮމިޓީއެއް އޮވެ މެންއިންޓޭޑް ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކޮށްފައި އޮވެ އެކަންކަން ނުބެލިދާދިއުން ނިމުމަކަށް ގެނެވޭތޯ މަސައްކަތް ކުރަންޖެހޭ،" ގާސިމް ވިދާޅުވިއެވެ.
- ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުމުގައި ސޮއި ނުކުރުމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެންޑީއެފްއިން އެދުމަށް ފަހު މިދިޔަ ވެރިކަމުގައި އެ އެއްބަސްވުމުގައި ސޮއިކުރި އިރު އެމްއެންޑީއެފްގެ ވިސްނުން ބަދަލުވި ގޮތް
- އުތުރު ތިލަފަޅުގައި ބިނާ ކުރަމުންދާ ސިފައިންގެ އަސްކަރީ ޑޮކްޔާޑާ ގުޅޭ އެއްބަސްވުމުގެ މައްސަލަ
- ޑޯނިއާ އެއްބަސްވުމަށް ވާސިލުވި ގޮތް
މީގެ އިތުރުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް ވަނީ މައްސަލައެއް ބެލުމަށް ހުށަހަޅުއްވައިފައެވެ. އޭނާ ހުށަހެޅުއްވީ ދިވެހިރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލައިގައި މިދިޔަ ސަރުކާރުން އަމަލުކޮށްފައިވާ ގޮތެވެ.
މި ކަންތައްތަކާ ބެހޭ އިންކުއަރީ ކުރިއަށް ގެންދިއުމުގެ ކަންތައްތައް ރާވައި ހިންގުމަށް 241 ކޮމިޓީގެ ސަބް ކޮމިޓީއެއް ވެސް ވަނީ ފާސްކޮށްފައެވެ.
- ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު
- ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް
- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ
- ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު