އިންޑިއާ އާއި ރާއްޖޭގެ ހާރިޖީ ގުޅުން ރަނގަޅުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރައްވާ މަސައްކަތްޕުޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖެ އާއި އިންޑިއާގެ ހާރިޖީ ގުޅުން ރަނގަޅު ކުރެއްވުމަށް ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީގެ ދުރު ވިސްނެވުމަށް ތައުރީފުކުރައްވައި މަރުހަބާ ދަންނަވައިފައެވެ. އޭގެ އިތުރުން ރާއްޖެ އާއި އިންޑިއާ އަދި ދެ ގައުމުގެ ރައްޔިތުންނަށް ހެޔޮ ގޮތްވުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.
ނަޝީދު ދެ ގައުމާ ގުޅޭގޮތުން ވާހަކަދައްކަވާފައިވާ އިރު، ރައީސް މުއިއްޒުގެ ސަރުކާރުގެ ކުރީކޮޅު އިންޑިއާއާ ދެމެދު ގުޅުން ހީނަރުވިއެވެ. ސަރުކާރުގެ ބައެއް ބޭފުޅުން އިންޑިއާއަށް ފާޑުކިޔުންތައް އަމާޒުކުރުމާ ގުޅިގެން ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރެވިގެންދިޔަ ނަމަވެސް، މިހާރު އިންޑިއާ އާއި ރާއްޖޭގެ ގުޅުން އަންނަނީ ރަނގަޅުވަމުންނެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެ ގައުމުގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި މިއަދު ހަވީރުގެ ވަގުތެއްގައި ބޭއްވި ރަސްމިއްޔާތެއްގައި މޯދީ ވަނީ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް ހުވާކުރައްވައިފައެވެ. ބޮޑުވަޒީރުކަމުގެ ހުވައި މޯދީއަށް ލައިދެއްވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއެވެ.
އެ ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ގައުމުތަކުގެ އިސްވެރިން ހިމެނޭހެން އެކި ގައުމުތަކުގެ އެތައް ހާސް އިއްޒަތްތެރީންނެއް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މޯދީގެ ޕާޓީ ބާރަތިޔާ ޖަނާތާ ޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަން، ނެޝަނަލް ޑިމޮކްރަޓިކް އެލައިންސްއަށް އިންތިހާބުގައި 293 ގޮނޑި ލިބުނެވެ. އިންޑިއާގެ އިދިކޮޅު ޕާޓީން 234 ގޮނޑި ކާމިޔާބުކުރިއެވެ.
ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު ރައީސް މުއިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އަދި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ގައުމުތަކުގެ އިސްވެރިންނާއެކު ނެންގެވި ހަނދާނީ ފޮޓޯފުޅުގައި ބައިވެރިވެވަޑައިގެންފައެވެ.
އިންޑިއާގެ ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ ޖަވާހަރްލާލް ނެހްރޫއަށްފަހު ތިންވަނަ ދައުރަކަށް އެ ގައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ބޮޑުވަޒީރަކީ މޯދީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު