ޕީއެސްޖީގައި ބައިވަރު ހިތްހަމަ ނުޖެހުންތައް ހުރި ކަމަށާއި އެވާހަކަ ނުދައްކަން ހުރިޔަސް ހަގީގަތް ހާމަކުރަން ބޭނުންވާ ކަމަށް ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ބުނެފިއެވެ.

އެމްބާޕޭ އޭނާގެ ހުވަފެނީ ކްލަބު ރެއާލް މެޑްރިޑަށް މީގެ ދެ ދުވަސް ކުރިން ރަސްމީކޮށް ސޮއިކޮށްފައިވާ އިރު، އެ ޓްރާންސްފާއަށް އެމްބާޕޭ ވަނީ ގިނަ ގުރުބާނީތަކެއް ވެފައެވެ. މި ސީޒަން ނިންމައި އެމްބާޕޭ ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ ދޫކޮށްލަން އުޅުމުން، ކްލަބުގެ ރައީސް ނާސިރު އަލް-ހެލައިފީ ވަނީ އެމްބާޕޭގެ އެއްބަސްވުން އާކުރަން ޖެހޭނެ ކަމަށް ބުނެ އިންޒާރުވެސް ދީފައެވެ. އަދި ޕީއެސްޖީގެ ތަމްރީނުތަކުންވެސް އޭނާ އެއް ފަރާތް ކުރިއެވެ.

ސީޒަން ފެށުމުގެ ކުރިން އެމްބާޕޭ ޓީމުން ބާކީ ކުރިކުރުމަށް ވާހަކަ ދައްކަމުން އޭނާ ބުނީ އެކަމުން ސަލާމަތް ކޮށްދިނީ ކޯޗު ލުއިސް އެންރީކޭ އާއި ޓެކްނިކަލް ޑިރެކްޓަރު ލުއިސް ކަމްޕޯސް ކަމަށެވެ. އެހެން ނަމަވެސް، އެތައް ގޮތަކަށް ޕީއެސްޖީގައި ހިތްހަމަ ނުޖެހި ހުރި ކަމަށްވެސް އެމްބާޕޭ ބުންޏެވެ.

އޭނާ ބުނީ އެ ދެ މީހުން ޕީއެސްޖީގައި ނެތްނަމަ، މިދިޔަ ސީޒަނުގެ އެއްވެސް މެޗެއް ކުޅެން ފުރުސަތު ދޭން ޕީއެސްޖީގެ މެނޭޖުމަންޓް ބޭނުންނުވި ކަމަށެވެ.

"ޕީއެސްޖީގައި އަހަރެން ހުރީ އުފަލަކުން ނޫން. ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި. އެކަމަކު މި ވާހަކަތައް މިގޮތަށް ދެއްކުމަކީ ކާންދިން އަތުގައި ދަތް އެޅުން. އަދި އަހަރެން ދިފާއު ކުރި މީހުންގެ މޫނުމަތީގައި ކޮޅުފައިންވެސް ޖެހުން. އެހެންނަމަވެސް، އެ މީހުންގެ ތެރޭގައި އަހަންނާ ހިތްހަމަ ނުޖެހުނު އެތައް ބަޔަކު ތިބި،" އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ ބުނީ މިދިޔަ ސީޒަނުގައި އޭނާ އުފުލަން ޖެހުނު ތަކުލީފާއި ދިމާވި ކަންތައްތަކުގެ ތެރެއިން ހޯދުނު ކާމިޔާބީއަށް އުފާކުރާ ކަމަށެވެ. އެހެން ނަމަވެސް، މިދިޔަ ސީޒަނުގައި ކަންތައް ދިމާވިގޮތަށް މާޔޫސްކަމުގައި ދެން ފުޓުބޯޅަ ކުޅެން ބޭނުން ނުވާ ކަމަށްވެސް އެމްބާޕޭ ބުންޏެވެ. އޭނާ ބުނީ ރެއާލަށް ސޮއިކުރެވުމަކީ ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށެވެ.