ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގައި މިއަދު ހަވީރު އައުޓްރީފް އެސްސީން ކުޅުނު މެޗު ބޮޑު ތަފާތަކުން އެޓީމު ކާމިޔާބުކުރި އިރު، އައުޓްރީފް ޔުނައިޓެޑާއި އަމިގޯސް ވާދަކުރި މެޗު އެއްވަރުވެއްޖެއެވެ.

ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގައި ޖުމުލަ 15 ޓީމަކުން ވާދަކުރަމުންދާ އިރު، މިއަދު ހަވީރު ފުރަތަމަ ކުޅުނީ ގްރޫޕް ސީގައި އައުޓްރީފް އެސްސީއާއި ޖީޖީއެސްސީ ވާދަކުރި މެޗެވެ. އެ މެޗުން އައުޓްރީފް އެސްސީ މޮޅުވީ 6-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި އައުޓްރީފް އެސްސީގެ އަލީ ޝިޔާހު، އަލީ ހުމޭޒު، އަދި އަހުމަދު ވިޖުދާން (ވިޖުއްކޮ) މީގެން ކޮންމެ ކުޅުންތެރިޔަކު ގޯލެއް ޖެހި އިރު، އަލީ ޝާމިސް (ތޮއްޕެ) ވަނީ ދެ ގޯލު ޖަހައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ތޮއްޕެއެވެ.

މިއަދުގެ ދެވަނަ މެޗަކީ ގްރޫޕް ބީގެ މެޗެކެވެ. އެ މެޗުގައި އަމިގޯސްއާއި ޔުނައިޓެޑް އައުޓްރީފް ވާދަކޮށް، އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޔުނައިޓެޑް އައުޓްރީފްގެ ތިން ގޯލުވެސް ޖަހައިދިނީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ)އެވެ. އަމިގޯސްގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ މުހައްމަދު އާރިފާއި ޒަޔާން އިބްރާހީމެވެ. އަނެއް ގޯލަކީ ޔުނައިޓެޑް އައުޓްރީފްގެ އިބްރާހީމް ޝަރީފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އެފްއެމްސީން ވަނީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް މިއަހަރުވެސް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ. މުބާރާތުގައި ނަން މަޝްހޫރު ތަރިން ފެނިގެންދާ އިރު، ގްރޫޕް ސްޓޭޖުވެސް ފޯރިގަދަވާނެއެވެ.

ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ. ޕްލެޓިނަމް ސްޕޮންސަރުންނަކީ ކޮކާ ކޯލާ، ޝަބްނަމީ ހޯލްޑިންގްސް، ފޮނަދޫ ކައުންސިލް، ސޯސަން ފިހާރަ، ދަ ސުޕާރީ ފިހާރައެވެ. ސިލްވާ ސްޕޮންސަރުންނަކީ ބެސްޓް ބައި މޯލްޑިވްސް، ރެޑްބުލްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި ފެންސީ ފުޑްސްއެވެ. ލައިވް ޕާޓްނަރަކީ ލާމު ލައިވްއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.

މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް" އިން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުންދާނެއެވެ.