ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2025 ގެ ގްރޫޕް ސްޓޭޖުގައި އިއްޔެއާއި ރޭ ކުޅުނު މެޗުތަކާއެކު ކަންމަތި އެފްސީއަށް ކުއާޓާ ފައިނަލް ޔަގީން ވެއްޖެއެވެ.
މިއަހަރުގެ މުބާރާތުގައި ޖުމުލަ 13 ޓީމަކުން ވާދަކުރާ އިރު، ގްރޫޕް ސްޓޭޖު ކުރިއަށްދަނީ ހަތަރު ގްރޫޕެއްގެ މެދުގައެވެ.
އިއްޔެ ހަވީރު ގޯޅިއަންސްއިން އިން ގްރޫޕް ޑީގައި ކުޅުނު މެޗުގައި ޖީ ސްޓާ ކައިރިން 5-2 އިން މޮޅުވެ، ކުއާޓާގެ ފުރުސަތު ހޯދި އިރު، އެމެޗުގައި ގޯޅިއަންސްގެ ގޯލްތައް ޖަހައިދިނީ އަލީ އަލްސަންއާއި އަބްދުﷲ ފިޒާންއެވެ. އަލްސަން މެޗުގައި ހެޓްރިކް ހެދި އިރު، ފިޒާން ވަނީ ދެ ގޯލް ޖަހައިފައެވެ.
ޖީ ސްޓާގެ ގޯލްތައް ޖެހީ އިސްމާއީލް އަފާޒާއި މުހައްމަދު ފައްޔާޒެވެ. އެ ގްރޫޕްގައި ދެން ބާކީ އޮންނާނީ ގޯޅިއަންސްއާއި ބީޖީއެސްސީ ކުޅޭ މެޗެވެ.
ކަންމަތީ އެފްސީން ވަނީ ގްރޫޕް ސީގައި ކުޅުނު ދެމެޗުންވެސް މޮޅުވެ، އެ ގްރޫޕްގެ އެއްވަނަ ޔަގީން ކޮށްފައެވެ. އިއްޔެ އެޓީމުން ޔޫތު އެކަޑެމީ ބަލިކުރީ 10-4 އިންނެވެ.
މެޗުގައި ކަންމަތި އެފްސީގެ އާދަމް ނާސިހު (އާދަންނާ) ފަސް ގޯލް ޖެހި އިރު، ޒައިދާން އަބްދުﷲ (ޒައިއްކޮ) އާއި މުހައްމަދު ސިނާހް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހައިފައެވެ. އޭގެ އިތުރުން މުހައްމަދު ރަވާއު ވަނީ މެޗުގައި ގޯލް ޖަހައިފައެވެ.
ޔޫތު އެކަޑެމީގެ ގޯލްތައް ޖަހައިދިނީ ޔޫސުފް ޒައުލްއާއި ހުސައިން ޝިފާޒް، އިދްރީސް އިތޯފް އަންވަރު އަދި އަހުމަދު ސަޖުލް ސުއައިބެވެ.
ލެކްރޯސް އެސްސީން މުބާރާތުގެ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުގައި މާހިންނަ ޔުނައިޓެޑް ބަލިކުރީ 6-4 އިންނެވެ. މެޗުގައި ލެކްރޯސްގެ މުހައްމަދު ޝާއިން (ޝާއިންޓެ) ވަނީ ހަތަރު ގޯލް ޖަހައިފައެވެ.
އެޓީމުގެ އަނެއް ގޯލްތައް ޖަހައިދިނީ ނާއިހް މުފީދް (ނާހު) އާއި އަހުމަދު ހަލީމް (އަންމަޑޭ) އެވެ.
މާހިންނަގެ ގޯލްތައް ޖަހައިދިނީ ހޫދު އަހުމަދު، އަލީ ޝާމް އަދި އަލީ ރިޝްވާނެވެ. ހޫދު ވަނީ މެޗުގައި ދެގޯލް ޖަހައިފައެވެ.
ގްރޫޕް އޭއިން ކަންމަތި އެސްސީން ދެވަނަ މޮޅަކާއެކު ކުއާޓާއާ ގާތަށް ޖެހިލި އިރު، ރޭ އެޓީމުން ފޮއެމަތި ބަލިކުރީ 2-0 އިންނެވެ. މެޗުގައި ކަންމަތި އެސްސީގެ ދެގޯލްވެސް ޖެހީ ރ. ދުވާފަރަށް ނިސްބަތްވާ މުހައްމަދު އިސާމް (ޝަންޓޭ) އެވެ.
އެ ގްރޫޕްގައި ރޭ ލާމު ބްލޫސްއިން އުންމީދެއް ހޯދި އިރު، އެޓީމުން ފޮއެމަތި ޖޫނިއާ ބަލިކުރީ 5-1 އިންނެވެ. ލާމު ބްލޫސްގެ މުހައްމަދު ޒީދާން ޒުހުރީ ދެ ގޯލް ޖެހި އިރު، އިބްރާހީމް ސަމީރާއި އަޒްޔާން އިބްރާހީމްވެސް މެޗުގައި ގޯލް ޖެހިއެވެ. އަދި ހުސައިން ޝައްމާހް އަތުން ބައިކޮޅަށްވެސް ގޯލެއް ވަނެވެ.
ފޮއެމަތި ޖޫނިއާގެ ހަމައެކަނި ގޯލް ޖެހީ އަލީ ނާސިހެވެ.
މިއީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ހަވަނަ މުބާރާތެވެ. މީގެ ކުރިން ބޭއްވި ހުރިހާ މުބާރާތްތައްވެސް ފެނުނީ ވަރަށް ފޯރިގަދަކޮށެވެ. ހާއްސަކޮށް ލ. އަތޮޅުގެ ގިނަ ކުޅުންތެރިންތަކެއްވެސް ފޮނަދޫ ފުޓްސަލް ޗެލެންޖުން ވަނީ ވިދާލައިފައެވެ. މުބާރާތް ލ. އަތޮޅުގެ ކުޅުންތެރިންނަށް ހާއްސަކޮށްފައި އޮންނަ އިރު، ކޮންމެ ޓީމެއްގައިވެސް ރާއްޖޭގެ އެހެން އަތޮޅަކަށް ނިސްބަތްވާ ހަތަރު ކުޅުންތެރިޔަކު ހިމެނުމަށް ފުރުސަތު ދީފައިވެއެވެ.
މި ފަހަރުވެސް ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން މެދުއަވަށު ސްޕޯޓްސް ކްލަބުން ނިންމައިފައިވާ އިރު، މުބާރާތަކީ ލ. އަތޮޅުގެ އެންމެ އަގުބޮޑު މުބާރާތެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް އެމްވީ" އެވެ.
މުޙައްމަދު ޝަމްޢޫން
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް