ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2025 ގެ ކުއާޓާ ފައިނަލް ކުރިމަތިލުންތަކަށް ތައްޔާރުވެއްޖެއެވެ.

މިއަހަރުގެ މުބާރާތުގައި ޖުމުލަ 13 ޓީމަކުން ވާދަކުރާ އިރު، ގްރޫޕް ސްޓޭޖު ކުރިއަށް ދިޔައީ ހަތަރު ގްރޫޕެއްގެ މެދުގައެވެ. އިއްޔެއާއި ރޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުރިއަށް ގޮސްފައިވާ އިރު، އިއްޔެގެ މެޗުތަކަށް ނުކުތް އިރުވެސް ކަންމަތި އެފްސީއާއި ގޯޅިއަންސްއަށް އޮތީ ކުއާޓާ ޔަގީންވެފައެވެ. ކަންމަތި އެފްސީ އޮތީ ގްރޫޕް ސީގެ އެއްވަނަވެސް ޔަގީން ކޮށްފައެވެ.

ގްރޫޕްއޭއިން ކުއާޓާ ޔަގީންކުރީ އެއްވަނަ ހޯދި ކަންމަތީ އެސްސީއާއި ފޮއެމައްޗެވެ. ފޮއެމަތިން ރޭ ކުޅުނު މެޗުގައި 7-3 އިން ލާމު ބްލޫސް ބަލިކުރި އިރު، އެމެޗުގައި ފޮއެމަތީގެ އަލީ މީސާގް ހެޓްރިކް ހެދިއެވެ. އަދި އަހުމަދު ރުވާއު ދެ ގޯލް ޖެހި އިރު، އަނެއް ގޯލް ޖެހީ އަލީ ހުމޭޒެވެ.

ލާމު ބްލޫސްގެ ތިން ގޯލްވެސް ޖެހީ ހުސައިން އަފްހާމެވެ.

އެ ގްރޫޕްގެ އެއްވަަނަ ހޯދި ކަންމަތި އެސްސީން ފޮއެމަތި ޖޫނިއާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި މުހައްމަދު އިސާމް ހެޓްރިކް ހެދި އިރު، ޖުމައިލް ޖަމީލް (ޖުމްބެ) ދެ ގޯލް ޖެހިއެވެ. އަނެއް ގޯލްތައް ޖެހީ އަބްދުﷲ އަރީފާއި އިބްރާހީމް ޝަރީފް، މުހައްމަދު އިޒިޔާން އަދި ހަސަން ނިމާސްއެވެ.

ފޮއެމަތި ޖޫނިއާގެ ހަމައެކަނި ގޯލް ޖެހީ ހުސައިން ޝައްމާހެވެ.

ރޭ ކުޅުނު މެޗުތަކުގެ ތެރެއިން --- ފޮޓޯ/ އިމޭޖަސް އެމްވީ

ގްރޫޕް ޑީގައި ބީޖީއެސްސީއާއި ގޯޅިއަންސް 2-2 އިން އެއްވަރުވި އިރު، އެ ގްރޫޕްގެ އެއްވަނައަކީ ގޯޅިއަންސްއެވެ. ދެވަނައަކީ ބީޖީއެސްސީއެވެ. އެމެޗުގައި ގޯޅިއަންސްގެ ގޯލްތައް ޖެހީ އަލީ އަލްސަންއާއި އަބްދުﷲ ފިޒާނެވެ. ބީޖީއެސްސީގެ ގޯލްތައް ޖެހީ އަހުމަދު އަލްތޯފާއި އަލީ ސިސާނެވެ.

ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ ބެސްޓެވެ. އެޓީމުން އިއްޔެ ހަވީރު ކުޅުނު މެޗުގައި ޔޫތު އެކަޑެމީ ބަލިކުރީ 6-2 އިންނެވެ. ބެސްޓުގެ އަލީ އައްޝަމް ދެ ގޯލް ޖެހި އިރު، އަނެއް ގޯލްތައް ޖެހީ ހުސައިން ފައިސަލާއި އިސްމާއީލް ރާއިދު، މުހައްމަދު އާލިފް އަދި މާއިޝް މުހައްމަދެވެ.

ޔޫތު އެކަޑެމީގެ ގޯލްތައް ޖެހީ މުހައްމަދު އަޔާނާއި ހުސައިން ޝިފާޒެވެ.

ގްރޫޕް ބީއިން މާހިންނައާއި ލެކްރޯސް އެސްސީ ކުއާޓާއަށް ދިޔަ އިރު، އެއްވަނައަށް ދިޔަ ލެކްރޯސް އިއްޔެ ހަވީރު ކުޅުނު މެޗުގައި އައުޓްރީފް އެސްސީ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ލެކްރޯސްގެ ގޯލްތައް ޖެހީ ހުސައިން ނާޝިދު (ނާއްޓޯ) އާއި ޔާމިން މުހައްމަދު (ޔާންޓެ) އަދި އަހުމަދު ހަލީމް (އަންމަޑޭ) އެވެ.

އައުޓްރީފްގެ ދެ ގޯލްވެސް ޖެހީ މުހައްމަދު ޝާހިލްއެވެ.

ރޭ ކުޅުނު މެޗުތަކުގެ ތެރެއިން --- ފޮޓޯ/ އިމޭޖަސް އެމްވީ

މި ފަހަރުވެސް ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން މެދުއަވަށު ސްޕޯޓްސް ކްލަބުން ނިންމައިފައިވާ އިރު، މުބާރާތަކީ ލ. އަތޮޅުގެ އެންމެ އަގުބޮޑު މުބާރާތެވެ.

ކުރިއެކޭ އެއްގޮތަށް މިފަހަރުގެ މުބާރާތުންވެސް ރާއްޖޭގެ ނަން މަޝްހޫރު ތަރިން ފެނިގެންދެއެވެ. މިއީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ހަވަނަ މުބާރާތެވެ. މީގެ ކުރިން ބޭއްވި ހުރިހާ މުބާރާތްތައްވެސް ފެނުނީ ވަރަށް ފޯރިގަދަކޮށެވެ.

ރޭގެ ގްރޫޕް ސްޓޭޖު ފަހު މެޗުތަކަށްފަހު ކުއާޓާގެ ގުރު ނަގާފައިވެސް ވެއެވެ.

https://www.facebook.com/photo?fbid=1243210534514550&set=a.549308090571468

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް އެމްވީ" އެވެ.