ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2025ގެ ފުރަތަމަ މެޗުތަކުން ފޮއެމައްޗާއި މާހިންނަ ޔުނައިޓެޑް އަދި ކަންމަތި ދެޓީމުންވެސް މޮޅުވެއްޖެއެވެ.

މުބާރާތުގެ ކުޅުން އިއްޔެ ހަވީރު ފޮނަދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާ އިރު، ފުރަތަމަ މެޗުގައި ވާދަކުރީ ގްރޫޕް އޭގެ ފޮއެމައްޗާއި ފޮއެމަތި ޖޫނިއާއެވެ. އެމެޗު ފޮއެމަތިން ކާމިޔާބުކުރީ 16-0 ގެ ސްކޯއަކުންނެވެ.

މެޗުގައި ފޮއެމަތީގެ އަހުމަދު ރުވާއު ފަސް ގޯލް ޖެހި އިރު، ލޫތު އަހުމަދާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)، ކޮންމެ ކުޅުންތެރިޔަކު ހަތަރު ގޯލް ޖެހިއެވެ.

އޭގެ އިތުރުން ފޮއެމަތީގެ ގޯލްތައް ޖެހީ ހާޒިމް ފައުޒީއާއި މުހައްމަދު ސަމާހެވެ. ފޮއެމަތި ޖޫނިއާގެ ހުސައިން ޝައްމާހް އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.

ފޮއެމަތިން އިއްޔެ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އިމޭޖަސް އެމްވީ

ރޭ ވަނީ މުބާރާތުގެ ތިން މެޗު ކުޅެފައެވެ. ގްރޫޕް އޭގެ ދެވަނަ މެޗުގައި ކަންމަތި އެސްސީން 9-3 އިން ލާމު ބްލޫސް ބަލިކުރި އިރު، ކަންމަތީގެ މުހައްމަދު އިސާމް (ޝަންޓޭ) ވަނީ މެޗުގައި ހަތަރު ގޯލް ޖަހައިފައެވެ.

އޭގެ އިތުރުން އަބްދުﷲ އަރީފްގެ ގޯލެއް ފެނިގެން ގޮސްފައިވާ އިރު، ދެން އެޓީމުގެ ގޯލްތައް ޖެހީ ޖުމައިލް ޖަމީލް (ޖުމްބެ) އާއި އިބްރާހީމް ޝަރީފް އަދި މުހައްމަދު އިޒިޔާނެވެ.

ލާމު ބްލޫސްގެ ގޯލްތައް ޖެހީ ހުސައިން އަފްހާމާއި މުހައްމަދު ޒީދާން އަދި އަހުމަދު ރަޝީދެވެ.

މާހިންނައިން ގްރޫޕް ބީގެ ފުރަތަމަ މެޗުން މޮޅުވީ 3-1 އިން އައުޓްރީފް އެސްސީ ބަލިކޮށްގެންނެވެ. މާހިންނަގެ ގޯލްތައް މެޗުގައި ޖެހީ އަލީ ޝާމާއި ހުސައިން ޝިހުބާން އަދި ހޫދު އަހުމަދު ފަތުހީއެވެ.

މާހިންނައިން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އިމާޖެސް އެމްވީ

އައުޓްރީގެ ގޯލް މެޗުގައި ޖެހީ މުހައްމަދު މަޒީނެވެ.

ކަންމަތި އެފްސީން ރޭ ބެސްޓް ކައިރިން ފަސް ގޯލް ޖަހައި، 5-0 އިން މޮޅުވި އިރު، އެމެޗުގައި ކަންމަތި އެފްސީގެ އާދަމް ނާސިހު (އާދަންނާ) އާއި އަހުމަދު އަފްލާޒް، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހިއެވެ. އަނެއް ގޯލް ޖެހީ ހުސައިން ޝަރީފެވެ.

ރޭ ގްރޫޕް ޑީގައި ޖީ ސްޓާ އެސްސީއާއި ބީޖީއެސްސީ ކުޅުނު މެޗު 0-0 އިން އެއްވަރުވި އިރު، އެމެޗުގެ މޮޅު ކުޅުންތެރިޔަކީ ޖީ ސްޓާގެ ކީޕަރު އަބްދުﷲ ނާފިޒެވެ.

މިއީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ހަވަނަ މުބާރާތެވެ. މީގެ ކުރިން ބޭއްވި ހުރިހާ މުބާރާތްތައްވެސް ފެނުނީ ވަރަށް ފޯރިގަދަކޮށެވެ. ހާއްސަކޮށް ލ. އަތޮޅުގެ ގިނަ ކުޅުންތެރިންތަކެއްވެސް ފޮނަދޫ ފުޓްސަލް ޗެލެންޖުން ވަނީ ވިދާލައިފައެވެ. މުބާރާތް ލ. އަތޮޅުގެ ކުޅުންތެރިންނަށް ހާއްސަކޮށްފައި އޮންނަ އިރު، ކޮންމެ ޓީމެއްގައިވެސް ރާއްޖޭގެ އެހެން އަތޮޅަކަށް ނިސްބަތްވާ ހަތަރު ކުޅުންތެރިޔަކު ހިމެނުމަށް ފުރުސަތު ދީފައިވެއެވެ.

މި ފަހަރުވެސް ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން މެދުއަވަށު ސްޕޯޓްސް ކްލަބުން ނިންމައިފައިވާ އިރު، މުބާރާތަކީ ލ. އަތޮޅުގެ އެންމެ އަގުބޮޑު މުބާރާތެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް އެމްވީ" އެވެ.