ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންގެންދާ ތަހުގީގުގެ ބޭނުމަށް އެ އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދު ހުއްޓުވައި ބަލައި ފާސްކުރުމަށް އޭސީސީގެ މައްޗަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.
މޫސާ ނާޝިދު، މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން، ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގަމުންދާ ކަމަށްބުނެ އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ އެސޯސިއޭޝަން ހިންގުމުގައި އެތަނަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމުގައި އަމިއްލަ މަސްލަހަތު ފުށުއަރާ ފަދައިން އަމަލުކޮށް، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމާއި ހޯދައިދީފައިވާ ކަމަށް ތުހުމަތުކޮށް ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭ ހެކި ހޯދުމަށް ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ ތިން އަމުރެއް ކުރިމިނަލް ކޯޓުން އޭސީސީގެ މައްޗަށް ނެރުނެވެ. އޭގެ ތެރެއިން ތަންތަނާއި ތަކެތި ބަލައި ފާސްކުރުމާ ގުޅޭ ދެ އަމުރު ބާތިލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ހައިކޯޓުގެ ހުކުމްގައި ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، ޖިނާއީ ކުށްކުށާ ގުޅިގެން މީހުން ހުއްޓުވައި، މީހުންގެ ހަށިގަނޑާއި ފޭރާން ބަލައި ފާސްކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުންނަށް ކަމަށް އެ ގާނޫނުގެ 38 ވަނަ މާއްދާގެ (ށ) ގައި، ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނާއި، އެ ނޫން ގާނޫނަކުންވެސް އެފަދަ ބާރެއް އެ ކޮމިޝަނަށް ދީފައިވާކަން ކަނޑައެޅިގެން ބަޔާންކޮށްފައިނުވާ ކަމަށް ދައުލަތުން އެއްބަސްވާތީ އާއި އެފަދަ ބާރެއް އެ ކޮމިޝަނަށް ލިބިފައިވާކަން ގާނޫނަކުން ކަނޑައެޅި ބަޔާންކޮށްފައިނުވާތީ މޫސާ ހުއްޓުވައި ބަލައި ފާސްކުރުމަށް އޭސީސީގެ މައްޗަށް ނެރެފައިވާ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ.
މޫސަގެ ކޮރަޕްޝަންގެ ކަންތައްތަކާ ގުޅޭގޮތުން ބެޑްމިންޓަން އެސޯސިއޭޝަންގައި މަސައްކަތް ކުރި ފަރާތަކުން ވަނީ، ރާއްޖޭގެ ކުޅިވަރުގެ ބޮޑެތި އިދާރާތަކަށް މައުލޫމާތު ހިމަނައި ސިޓީއެއް ފޮނުވައިފައެވެ. ސިޓީގައި ހިމަނާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެސޯސިއޭޝަންގެ ރައީސް މޫސަގެ މަސްލަހަތު އޮންނަ އަސްކަނި ސްޕޯޓްސްއަށް ފައިދާވާ ގޮތަށް ބޯޅަ ގަތުންވެސް ހިމެނެއެވެ. އަސްކަނި ސްޕޯޓްސްއިން އެސޯސިއޭޝަނާ ދެމެދު މިދިޔަ އަހަރު އެކަނި ވެސް، 300،000 ރުފިޔާގެ ވިޔަފާރިކޮށްފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.
އޭގެ އިތުރުން މޫސަގެ މަސްލަހަތު އޮންނަ ގެއަކުން އެޕާޓްމަންޓް ކުއްޔަށް ނަގައި، ކުލި މޫސައަށް ލިބޭ ގޮތަށް އޮންނަ ކަމަށް ތުހުމަތު ވަނީ އަމާޒުވެފައެވެ. އޭގެ އިތުރުން އެސޯސިއޭޝަންގެ ހިންގާ ގަވާއިދާ ހިލާފަށް އެސޯސިއޭޝަނުން ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ކުދިން އަތުން ފީ ނެގުން ވެސް ހިމެނެއެވެ.
މޫސަގެ މައްޗަށް ތުހުމަތުތައް ކުރުމާއެކު އޭނާ އެސޯސިއޭޝަނުގެ އިންތިހާބު އިއުލާނުކޮށް، އާ އިންތިހާބެއް އަވަސް އަރުވާލައިގެން ބާއްވަން މަސައްކަތް ކޮށްފައިވާ އިރު، އެ އިންތިހާބު ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލާއި އޭސީސީންވެސް މިހާރު ވަނީ މަޑުޖައްސާލަން އަންގައިފައެވެ.
"ވަން ސްޕޯޓްސް"އަށް ކަށަވަރުވެފައިވާ ގޮތުގައި އޭސީސީން ބަލަމުންދާ އެއް މައްސަލައަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބީއޭއެމްގެ އިންތިހާބަށް ނުފޫޒު ފޯރުވަން މޫސަ މަސައްކަތް ކުރި މައްސަލައެކެވެ. އެގޮތުން އިންތިހާބުގައި ވޯޓުލެވޭ ފަރާތްތަކަށް ނުފޫޒު ފޯރުވައި، ކޮރަޕްޝަން ހިންގަން މަސައްކަތްތަކެއް ކުރި ކަމުގެ ޝަކުވާ އޭސީސީއަށް ހުށަހެޅިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އޭގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރުގެ ނިންމުމާއި ކޮރަޕްޝަންގެ އިތުރު މައްސަލަތައްވެސް ބެލެމުންދާތީ މިވަގުތު އިންތިހާބު މަޑުޖައްސާލަން އޭސީސީން އެންގި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު