ވިލިމާލޭ ޕާކެއްގެ ތެރޭގައި ގުރޫޕަކުން ހަމަލާދީ ނ. މާޅެންދޫ/ ވައިޓް ހައުސް، އަހުމަދު މިރުޒާ މަރާލިކަން ސާބިތުވެ، މަރަން ހުކުމްކުރި، ޏ. ފުވައްމުލަކު ޒާވިއާ އަބުދުالله ނަޒީފަށް މިރުޒާގެ ހުރިހާ ވާރިސުން މައާފުދީފައިވާތީ، އޭނާގެ މައްޗަށް ތައުޒީރީ އަދަބެއްގެ ގޮތުން 17 އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
މިރުޒާ މަރައިލީ 2011 ގައި ވިލިމާލޭ ޕާކު ތެރޭގައި އޭނާގެ ބޮލުގައި ލަކުޑިބުރިއަކުން ޖަހައިގެންނެވެ. މިރުޒާ މަރުވީ މި ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށެވެ.
މި މައްސަލަ ކުރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އިރު، މިރުޒާގެ ބައްޕަ ހިމެނޭ ގޮތުން އޭނާގެ ވާރިސުން އެދިފައި ވަނީ މިރުޒާގެ މަރުގެ ބަދަލުގައި ނަޒީފަށް މަރުގެ އަދަބު ދިނުމަށެވެ. އެހެންކަމުން ކުރިމިނަލް ކޯޓުން ނަޒީފު މެރުމަށް ހުކުމް ކުރިއެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ނަޒީފު މެރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއީދު ކުރިއެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އިރު، މިރުޒާގެ ހުރިހާ ވާރިސުން ނަޒީފަށް މައާފުދީ މިރުޒާގެ މަރުގެ ބަދަލުގައި ގިސާސް ހިފުމަށް ބޭނުން ނުވާ ކަމަށް ބުންޏެވެ. އެހެންކަމުން މަރުގެ ހުކުމުން ނަޒީފު ސަލާމަތްވިއެވެ.
އިސްލާމީ ޝަރީއަތުގައި ހާކިމްއަށް ލިބިގެންވާ ބާރުގެ ދަށުން މި މައްސަލައިގައި ގާނޫނުލް އުގޫބާތުގެ ދަށުން ނަޒީފަށް ތައުޒީރީ އަދަބެއް ކަނޑައަޅަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، އެ އަދަބުގެ މިންވަރު ކަނޑައެޅުމަށް މި މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށްޓަކައި ހައިކޯޓަށް ފޮނުވައިލިއެވެ.
މި މައްސަލަ ހައިކޯޓަށް ފޮނުވައިލުމުން، އެ ކޯޓުގައި ކުރިއަށް ގެންދިއަ ޝަރީއަތުގެ މަޖިލީހުގައި މައްސަލައިގެ ހަސްމުންނަށް ދިން ފުރުސަތުގައި ފާހަގަކުރާނެ އިތުރުކަމެއް ނެތްކަމަށް ދެ ފަރާތުންވެސް ވަނީ ބުނެފައެވެ.
އެހެންކަމުން މި މައްސަލައިގައި ނަޒީފުގެ މައްޗަށް އަދަބު ކަނޑައެޅުމަށްޓަކައި، މި މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށް މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައި ހުކުމް ކުރީ ހުސްވި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ގައެވެ.
އެހެންކަމުން ނަޒީފުގެ މައްޗަށް 17 އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން މިއަދު ކުރީ، ސުޕްރީމް ކޯޓުގެ އެ އެންގުމުގެ ދަށުންނެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން ހަމްޒާ ބަންދުކުރީ އޭޕްރީލް 13، 2011 ގައެވެ. އޭނާ ބަންދުގައި ހުންނަތާ 13 އަހަރާއި އެއް މަހާއި 16 ދުވަސް ވެފައިވެއެވެ. އެ ހެންކަމުން އޭނާގެ ހުކުމުން އެ މުއްދަތު އުނިި ކުރުމުން، އޭނާ ޖަލުގައި ތަންފީޒު ކުރަން ޖެހޭނީ ހަތަރު އަހަރާއި ފަސް މަހާއި 14 ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު