މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ދިވެހިންނާ ހަވާލުކޮށްފިއެވެ.
މާލޭގައި ހުރި މިސްކިތްތަކުގެ ތެރެއިން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރަމުން އައިސްފައި ވަނީ ބިދޭސީންނެވެ.
ސިޓީ ކައުންސިލުން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ ސިޓީ ކައުންސިލުން ހުޅުމާލޭގައި ބަލަހައްޓަމުންދާ 10 މިސްކިތަކާއި މާލޭގައި ބަލަހައްޓަމުންދާ 22 މިސްކިތެއް އަދި ވިލިމާލޭގައި ބަލަހައްޓަމުންދާ ދެ މިސްކިތެއް ފޮޅައި ސާފު ކުރުމުގެ މަސައްކަތް މިއަދު ފެށިގެން ކުރާނީ ދިވެހިން ކަމަށެވެ.
މިސްކިތްތައް ފޮޅައި ސާފު ކުރާ މީހުންނަށް މުސާރައިގެ ގޮތުގައި މަހަކަށް 12،000 ރުފިޔާ ލިބެއެވެ.
ސިޓީ ކައުންސިލުން ވަނީ މިސްކިތް ފޮޅާ ސާފުކުރުމުގެ ވަޒީފާއަށް މިދިޔަ ފެބްރުއަރީ މަހުގައި ހުޅުވާލައިފައެވެ. އެ ފަހަރު 114 ދިވެހިން ހޯދަން އިއުލާން ކުރުމުން ކުރިމަތިލީ 14 މީހުންނެވެ. ތަރުހީބު ދަށްވުމުން ކައުންސިލުން އުސޫލަށް ބަދަލު ގެނެސް، އެ މަގާމަށް ނަގާ ވަގުތީ މުވައްޒަފުންނަށް މަދުވެގެން ތިން އަހަރުގެ ކޮންޓްރެކްޓެއް ހާއްސަ ކުރުމަށް ނިންމައި އަލުން މިދިޔަ މާޗު މަހު އިއުލާން ކުރިއެވެ. މިފަހަރު އިއުލާން ކުރީ 110 މީހުން ހޯދުމަށެވެ.
ކައުންސިލުން ބުނެފައިވަނީ މާޗު މަހު ކުރި އިއުލާނާ ގުޅިގެން 230 އަށްވުރެ ގިނަ ދިވެހިން އެ ވަޒީފާއަށް ކުރިމަތިލައިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު