މިރޭ ކުޅުނު އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓާ ސިޓީ ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން ތަށި ހޯދައިފިއެވެ.

ވެމްބްލީގައި ކުޅުނު ފައިނަލް މެޗުން ޔުނައިޓެޑް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ ޔުނައިޓެޑުން އެފްއޭ ކަޕް ހޯދި 13 ވަނަ ފަހަރެވެ. މިރޭގެ ތަށްޓާއެކު ޔުނައިޓެޑަށް ވަނީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ފުރުސަތު ލިބިފައެވެ. އަދި އަންނަ ސީޒަން ހުޅުވަން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ވެސް ސިޓީއާ ދެކޮޅަށް ނުކުންނާނީ ޔުނައިޓެޑެވެ.

މިރޭގެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގު މަގާމުން ދުރުކުރާނެ ކަމަށް މީޑިއާގައި އަޑު ފެތުރިފައި އޮތް އިރު، މެޗުގެ ކުރިން ބޮޑަށް ޕްރެޝަރުވެފައި އޮތީ ޔުނައިޓެޑަށެވެ. ފާޑުކިޔުންތައް ވެސް އިންތިހާއަށް ޔުނައިޓެޑަށް އޮތް ނަމަވެސް، އެޓީމުން ވަނީ ވަރުގަދަ ސިޓީ ބަލިކޮށް ރައްދު ދީފައެވެ.

ލީގު ޗެމްޕިއަން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ހޯދާފައިވާ ސިޓީން މިރޭ ފެށީވެސް އެޓީމުގެ އެންމެ ރަނގަޅު ކުޅުމުގައެއް ނޫނެވެ. އެޓީމުގެ ފަރާތުން ފުރަތަމަ ހާފުގައި ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ފަހަތުން ގޯސްތައް ހެދިތަން މެޗުގެ ކުރީކޮޅުގައިވެސް ފެނުނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގައި ޔުނައިޓެޑުން ދެ ގޯލުގެ ލީޑެއް ނެގިއެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ޔުނައިޓެޑުން ގޯލު ހުޅުވާލީ، ސިޓީގެ ފަހަތުން ޖޮސްކޯ ގްވާޑިއޯލް އާއި ކީޕަރު ސްޓެފަން އޮރިޓޭގާ އަތުން ހެދުނު ގޯހަކުންނެވެ. ޑިފެންޑަރާއި ކީޕަރަށް ހެދުނު ގޯހުގެ ފައިދާ ނަގައި ޔުނައިޓެޑަށް ގޯލު ޖަހައިދިނީ އެލެހާންޑްރޯ ގާނާޗޯއެވެ.

އޭގެފަހުންވެސް ޔުނައިޓެޑު ރަނގަޅަށް ކުޅެފައިވާ އިރު، ނުވަ ވަރަކަށް މިނެޓް ފަހުން ދެވަނަ ގޯލެއް ޖެހިއެވެ. އެ ގޯލު ޖެހީ ޒުވާން ތަރި ކޯބީ މައިނޫއެވެ.

ދެވަނަ ހަފަށް ނުކުމެ، ސިޓީން މެޗަށް އަނބުރާ ވަނުމަށް ކުރި މަސަައްކަތުގައި އާލިން ބްރައުޓް ހާލަންޑް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި އޭގެފަހުން ކައިލް ވޯކާ ފޮނުވާލި ހަމަލާ އާއި ފިލް ފޮޑެންގެ ހަމަލާ ވެސް މަތަކުރީ ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާއެވެ.

މެޗުގައި ސިޓީން ޖެހި ހަމައެކަނި ގޯލު ޖެހީ ޖެރެމީ ޑޮކޫއެވެ. ޑޮކޫގެ އެ ގޯލަކީ އޭރިއާ ބޭރުން ޖެހި ބޯޅައެއް، އޮނާނާއަށް ރަނގަޅު ޕަންޗު ނުކުރެވިގެން ގޮސް ވަން ގޯލެކެވެ.