ބާސެލޯނާގެ ކޯޗުކަމުގައި ހުރި ޒަވީ ހެނާންޑޭޒްގެ މުސްތަގުބަލާ ދޭތެރޭ ގޮތެއް ނުނިމި، އަދިވެސް ބޯޑުން މަޝްވަރާ ކުރަމުންދާ ކަމަށް ހަބަރުތައް ބުނެފިއެވެ.

ބާސާއަށް މިފަހަރުގެ ލީގުގައި އުނދަގޫތަކެއް ކުރިމަތިވެފައިވާ އިރު، ސީޒަނުގެ ތެރެއިން ޒަވީ ވަނީ މި ސީޒަނަށްފަހު ކްލަބު ދޫކޮށްލާނެ ކަމަށްވެސް ބުނެފައިވެއެވެ. މިއަހަރުގެ ޖެނުއަރީ މަހު ތެރޭގައި ޒަވީ ބުނީ ހުރިހާ އެންމެންވެސް މިހާރު ބޭނުން ވަނީ އޭނާ ކްލަބު ދޫކޮށްލަން ކަމަށާއި މީޑިއާއަށްވެސް ހިތްހަމަ ޖެހުމެއް ލިބޭނީ އޭރުން ކަމަށެވެ. އެހެން ނަމަވެސް އެ ނިންމުން ބަދަލުކޮށް، ކްލަބުގައި މަޑުކުރަން ޒަވީ ފަހުން ނިންމިއެވެ.

އެ ނިންމުން ނިންމާފައި އޮތް ނަމަވެސް، ޒަވީގެ ކުރިމަގަށް ގޮތެއް ނިންމަން ބާސާގެ ބޯޑުން ވަނީ ބޭނުންވެފައެވެ. ބާސާގެ ރައީސް ޖޮއާން ލަޕޯޓާ، ޒަވީ މަޑުކުރުވަން ބޭނުންވި ނަމަވެސް، ބޯޑުން އެކަން ގަބޫލުކޮށްފައި ނުވާ ކަމަށް ނޫސްތަކުން ބުނެއެވެ. އިތުބާރު ނޫސްތަކުން ބުނީ ބާސާގެ ތެރޭގައި ޒަވީއަށް ވާހަކަ ދެކެވެމުންދާ ކަމަށާއި ބޯޑުގައި ދެ ހިޔާލެއް އެކަމުގައި އުޅޭ ކަމަށެވެ.

ޒަވީ ފޮނުވާލަން ބާސާ ބޯޑުން ބޭނުންވީ ސީޒަނުގެ ފަހު މެޗަށްފަހު ދެއްކި ވާހަކައެއްގެ ސަބަބުން ކަމަށްވެސް ނޫސްތައް ބުނެއެވެ. އެގޮތުން ފައިސާގެ ހާލަތުން ރެއާލް މެޑްރިޑާ ވާދަ ނުކުރެވޭނެ ކަމަށް ޒަވީ ބުނެފައިވެއެވެ. އަދި ބާސާގެ ސަޕޯޓަރުން މާޔޫސްވާ ފަދަ ގޮތަކަށް ވާހަކަތައް ދައްކާފައިވެއެވެ.

ޒަވީގެ ކުރިމަގާ ގުޅޭ ގޮތުން އަދި އެއްވެސް ވާހަކައެއް ބާސާއިން މީޑިއާއަށް ހިއްސާކޮށްފައި ނުވާ އިރު، ޒަވީ ދާދިފަހުން ބުނީ ކްލަބުން ނިންމާ ކޮންމެ ގޮތެއް ރަނގަޅު ކަމަށެވެ.

ބާސާގައި ކުޅުންތެރިއެއްގެ ގޮތުގައި 25 ތަށި ހޯދި ޒަވީ، އެ ކްލަބުގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރުއެވެ. އެއީ މާ ބޮޑު ތަޖުރިބާއެއް ނެތިއެވެ. ބާސާގެ ކުރިން ޒަވީ ކޯޗުކަން ކޮށްދިނީ ގަތަރުގެ އަލް ސާދަށެވެ. ބާސާއަށް އައިސް ފުރަތަމަ ސީޒަނުގައި ޒަވީ ލީގު ހޯދި ނަމަވެސް، އޭނާއަށް އެ ކާމިޔާބީ މި ސީޒަނުގައި ތަކުރާރެއް ނުކުރެވުނެވެ.