ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ބާއްވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސް (އޭއެސްޑަބްލިއުސީ) 2024ގެ މި އަހަރުގެ ޕާޓްނަރުން އިއުލާނު ކޮށްފިއެވެ.

އޭއެސްޑަބްލިއުސީގެ ޕާޓްނަރުން އިއުލާނުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލު ސީޕްލޭން ޓާމިނަލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނާއި ސީނިއާ މެނޭޖްމަންޓާއި ޕާޓުނަރުން ބައިވެރިވެލެއްވިއެވެ.

އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެމްޑީ ޝަރީފް ވިދާޅުވީ، ވީއައިއޭ ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ހުންނެވީ ދުރުވިސްނުންތެރި މާސްޓަޕްލޭނަކާ އެކުގައި ކަމަށާއި އެ ޕްލޭންގެ ސަބަބުން ވީއައިއޭއަކީ، ކުރިއަރަމުން އަންނަ އިގުތިސޯދުގެ މުހިންމު ބައިވެރިއަކަށްވާނެ ކަމަށެވެ. އަދި އޭއެސްޑަބްލިޔުސީގެ ސަބަބުން ތަފާތު ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއާ ސާވިސް ވޯލްޑް ކޮންގްރެސްގައި ތަފާތު ނެޓްވޯކިން އަދި ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެންދާނެ. މި ފުރުސަތުގެ ބޭނުން ހިފުމަށް ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ދައުވަތު ދެން. މި ހިތްގައިމު ހަރަކާތުގައި ބައިވެރިވެ، ދެމެހެއްޓެނިވި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ދައުވަތު ދެން،" ޝަރީފް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެމްޕީއާރްސީގެ ޗެއާޕާސަން އައިޝަތު ނޫރައިން ޖަނާހުއެވެ.

ނޫރައިން ވިދާޅުވި ގޮތުގައި، އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ސަބަބުން އާ ޕާޓްނާޝިޕްތަކެއް ގެނެސް، ނެޓްވޯކްތައް ފުޅާވެ، ރާއްޖޭގެ ރަށް ރަށަށް ވައިގެ ދަތުރުފަތުރުގެ ހިދުމަތް އިތުރުވެ، ކޮންމެ އަހަރަކު ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވެގެންދާނެއެވެ.

  • ރިސޯޓް ޕާޓްނަރުން: ޝެރެޓަން، މަލަހިނި
  • ވެނިއު ޕާޓްނަރު: ކުރުނބާ މޯލްޑިވްސް
  • ޑިޖިޓަލް ޕާޓްނަރު: ދިރާގު
  • ސީޕްލޭން ޕާޓްނަރު: ޓީއެމްއޭ
  • އެއާލައިން ޕާޓްނަރު: އެމިރޭޓްސް
  • އޭވިއޭޝަން ޕާޓްނަރު: މޯލްޑިވިއަން
  • މީޑިއާ ޕާޓްނަރުން: އައިލެންޑް ޗީފް، އޯރްކާ މީޑިއާ، ހޮޓެލިއާ މޯލްޑިވްސް، ދަ އެރައިވަލް، ޓްރެވެލިއުޝަން މީޑިއާ
  • އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ އެންޑޯސްމަންޓް ޕާޓްނަރުން: ޓޫރިޒަމް މިނިސްޓްރީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން (މޮޓްކާ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)

އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 އަކީ އޭވިއޭޝަން ދާއިރާގެ މުސްތަގުބަލާ ބެހޭގޮތުން ފޭސް ޓު ފޭސް މަޝްވަރާތަކަށް ބައިނަލްއަގުވާމީ މަންދޫބުން އެއްތަނަކަށް އެއްވެ ރާއްޖޭގައި ބާއްވާ ފުރަތަމަ އޭވިއޭޝަން ރޫޓް ޑިވެލޮޕްމަންޓް އިވެންޓެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރުނބާ މޯލްޑިވްސްގައެވެ.

މި ހަރަކާތުގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުން 300 މަންދޫބުން ބައިވެރިވާނެ ކަމަށް އެމްއޭސީއެލުން ލަފާކުރެއެވެ. އޭގެ ތެރޭގައި އެއާޕޯޓް އެންޑް ރޫޓް ޑިވެލޮޕްމަންޓް އެގްޒެކެޓިވްސް އާއި އެއާލައިން އެގްޒެކެޓިވްސް އާއި އެއާލައިން ނެޓްވޯކިން ޕްލޭނަރުންނާއި އޭވިއޭޝަން ސަޕްލަޔަރުންގެ އިތުރުން އޭވިއޭޝަން އަދި ޓޫރިޒަމް އިދާރާތަކުގެ މަންދޫބުން ހިމެނެއެވެ.