ކޮލިފިކޭޝަނުން ހޯދި ޖާގައެއްގައި އޮލިމްޕިކްސްއަށް ދާ ފުރަތަމަ ދިވެހި އެތުލީޓް، ފާތިމަތު ދީމާ އަލީ އެ ހޯދި ކާމިޔާބީން މިސާލު ނަގަން ޖެހޭ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) ވިދާޅުވެއްޖެއެވެ.

އުމުރުން އެންމެ 16 އަހަރުގައި ރާއްޖޭގެ ޓީޓީ ކުޅުންތެރިޔާ އޮލިމްޕިކްސް ކޮލިފިކޭޝަން ޔަގީންކުރީ ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދިޔަ ޕެރިސް އޮލިމްޕިކްސް 2024ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. އެ މުބާރާތުގެ ފައިނަލުގައި ދީމާ ވަނީ ސްރީ ލަންކާގެ ބިމާންޑީ ބަންޑާރާ 4-1 ސެޓުން ބަލިކޮށްފައެވެ.

ދީމާގެ އެ ކާމިޔާބީ ފާހަގަކުރުމަށް މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި އިވެންޓުގައި އެމްއޯސީގެ ރައީސް ސައްތާރު ވިދާޅުވީ، ދީމާ ގިރާކުރި ހަރުފަތް ގިރާކުރަން ހުރިހާ އެތުލީޓުންވެސް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށެވެ.

"ދީމާ އެ ގިރާކުރި ހަރުފަތް ގިރާކުރަން ހުރިހާ އެތުލީޓުންވެސް އަޒުމު ކަނޑައަޅަންވީ. ދީމާ ކައިރީ އަހަންވީ ކިހިނެއްތޯ އެކަން ކުރީ. އަހައިގެން އެކަން ހާސިލުކުރަން މަސައްކަތްކުރަންވީ،" ސައްތާރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެން ވަރަށް ބޭނުންވެގެން އުޅުނު ދުވަހެއް މިއަދު މިއައީ. އަޅުގަނޑުމެން ކުރިން ހީކުރީ އޮލިމްޕިކްސް އަޅުގަނޑުމެންނަށް އަތުނުވާނެ ކަމަށް. އެކަމަކު ދީމާ މި ދައްކައިދިނީ އެއީ ކުރެވޭނެ ކަމެއްކަން، ވާނެ ކަމެއްކަން. އެންމެ 16 އަހަރުގެ އެތުލީޓަކު ފަހުރުވެރިކަމާއެކު ރާއްޖޭގެ ކުޅިވަރަށް އެ ދައްކުވައިދިނީ ކުރެވޭނެކަން. (އެ ބުނަނީ) ތިކުދިންވެސް ކުރާށޭ. ދީމާ އެ ދައްކުވައިދިނީ ވަރަށް ލާމަސީލު މިސާލެއް. އެ މިސާލުގައި ހިފަހައްޓައިގެން ކުރިއަށް ގޮސްފިއްޔާ އޭގެ ފޮނި ނަތީޖާތައް ކުޅިވަރަށް ލިބޭނެ،" ސައްތާރު މިއަދުގެ އިވެންޓުގައި އިތުރަށް ވިދާޅުވިއެވެ.

ސައްތާރު ފާހަގަކުރެއްވީ ދީމާގެ މަސައްކަތަކީ ކުޑަ މަސައްކަތެއް ނޫން ކަމަށާއި، އެއީ އެތައް ގުރުބާނީއެއް، އެތައް ވަގުތެއް، އެތައް ގޮތަކުން ހިތްވަރު ހޯދައިގެން ހޯދި ކާމިޔާބީއެއް ކަމަށެވެ.

"ދިހަ ވަރަކަށް އަހަރު ދީމާ އެކުރީ ވަރަށް ބުރަ މަސައްކަތެއް. ހާޑްވޯކް، ޑެޑިކޭޝަން، ޑިޓާމިނޭޝަން، ސެކްރިފައިސް މި ހުރިހާ އެއްޗެއް ލައިގެން ނޫނީ މިކަންކަމެއް ހާސިލެއް ނުވާނެ. އެއަށް ފޯކަސް ކޮށްގެން ދީމާ ކުރި މަސައްކަތް އެ ހާސިލުވީ. އެ ލަނޑުދަނޑިއަށް ދީމާ ކުރި މަސައްކަތް މި ފެނުނީ. ދީމާ ވީ ގުރުބާނީއަކީ އަޅުގަނޑުމެންނަށް އިހުސާސްވެސް ނުކުރެވޭނެ ފަދަ މަސައްކަތެއް،" ސައްތާރު ވިދާޅުވިއެވެ.

ސައްތާރު ވަނީ ދީމާގެ ކާމިޔާބީގައި ދީމާގެ މަންމައާއި ބައްޕަގެ ގުރުބާނީއަށްވެސް ޝުކުރު އަދާކުރައްވައިފައެވެ. އޭގެ އިތުރުން ޔޫތު މިނިސްޓްރީއާއި ޓީޓީ އެސޯސިއޭޝަނުންވެސް ދީމާގެ ކާމިޔާބުގައި އަދާކުރި ދައުރު ސައްތާރު ވަނީ ފާހަގަކުރައްވައިފައެވެ.

ސައްތާރުގެ ވާހަކައިގައި ވިދާޅުވީ "ވައިލްޑްކާޑް" އިން އޮލިމްޕިކްސްއިން ލިބޭ ފުރުސަތުތައް "ބްރޭކް" ކުރަން ހުރިހާ ކުޅިވަރަކުންވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން އޭނާ ވަނީ މިއަހަރުގެ އޮލިމްޕިކްސްއަށް ދާ ކޮންޓިޖެންޓަކީ މިހާތަނަށް އޮލިމްޕިކްސްއަކަށް ދާނެ އެންމެ ބޮޑު ކޮންޓިޖެންޓްކަން ފާހަގަކުރައްވައިފައެވެ.

މިފަހަރު ރާއްޖެއިން ސްވިމިންއާއި އެތުލެޓިކްސްގެ އިތުރުން ބެޑްމިންޓް އަދި ޓީޓީން ޕެރިސް އޮލިމްޕިކްސްގައި ވާދަކުރާނެއެވެ.

މިއަދުގެ އިވެންޓުގައި ސައްތާރު އިތުރަށް ވިދާޅުވީ ދެން އޮތީ ސަރަހައްދީ މުބާރާތުން ކާމިޔާބު ހޯދައި އޮލިމްޕިކްސްއިންވެސް ކާމިޔާބީއެއް ހޯދުން ކަމަށެވެ. އޮލިމްޕިކްސްއިން ކާމިޔާބެއް ހޯދިއްޖެނަމަ "ވާނެ ގޮތެއްވެސް" ނޭނގޭ ކަމަށް ޖަޒުބާތުގައި ސައްތާރު މިއަދު ވިދާޅުވިއެވެ.