އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް އިން ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ކައިރިން ބަލިވި އިރު، ޗެލްސީން ބްރައިޓަން ބަލިކޮށްފިއެވެ.
ރޭ ޗެލްސީން ރަށުން ބޭރުގައި ބްރައިޓަން ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. އަދި ޔުނައިޓެޑުން ނިއުކާސަލް، އަމިއްލަ ދަނޑުގައި ބަލިކުރީ 3-2ގެ ނަތީޖާއަކުންނެވެ. ރޭގެ ނަތީޖާ ތަކާއެކު ޗެމްޕިއަންސް ލީގު ޖާގަތަކުގެ ތިރިން، ޔޫރަޕްގެ އަނެއް މުބާރާތްތަކަށް ވާދަކުރާ ޓީމުތަކަށް މިހާރު ވަނީ ބަދަލުތަކެއް އައިސްފައެވެ.
ޓޮޓެންހަމް މި ވަގުތު ފަސްވަނައިގައި 37 މެޗު 63 ޕޮއިންޓާއެކު އޮތް އިރު، ޗެލްސީ ހަވަނައަށް މިރޭ ޖެހިލީ 37 މެޗުން 60 ޕޮއިންޓާއެކުގައެވެ. ޗެލްސީ އަތުގައި ފައިދާ 13 ގޯލު އޮތް އިރު، ޓޮޓެންހަމް އަތުގައި އޮތީ ފައިދާ 10 ގޯލެވެ. ހަތްވަނައިގައި އޮތް ނިއުކާސަލްއަށް 37 މެޗުން 57 ޕޮއިންޓާއެކު ފައިދާ 21 ގޯލު ލިބިފައި އޮތް އިރު، އަށްވަނައިގައި ޔުނައިޓެޑް އޮތީ 37 މެޗުން 57 ޕޮއިންޓާއެކު، ގެއްލުން ތިން ގޯލާއެކުގައެވެ.
އެ ހުރިހާ ޓީމަކަށްވެސް ލީގުގައި ބާކީ އެންމެ މެޗެއް އޮތް އިރު، އަމިއްލަ ބާރުގައި ޔޫރޮޕާ ލީގުގެ ފުރުސަތު އޮތީ ޓޮޓެންހަމްއަށެވެ. އެ ޓީމުން ފަހު މެޗުގައި ޝެފީލްޑް ބަލިކޮށްފިނަމަ، އަންނަ ސީޒަނުގެ ޔޫރޮޕާގައި ކުޅެވޭނެއެވެ. ޗެލްސީ ކޮންފަރެންސް ލީގު މަގާމުގައި އޮތްއިރު، އެ ޓީމަށް އަމިއްލަ ބާރުގައި އެ ޖާގަ ހޯދެން އެބަ އޮތެވެ. އޭގެ އިތުރުން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިގެންވެސް ޔުނައިޓެޑަށް ޔޫރޮޕާ ލީގުގެ ފުރުސަތެއް ހޯދެން އެބަ އޮތެވެ.
ރޭ ޔުނައިޓެޑުން ނިއުކާސަލްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނީ ފޯރިގަދަ މެޗެކެވެ. އަންނަ ސީޒަނުގެ ޔޫރަޕް ފުޓުބޯޅައަށް ފޯކަސްކޮށް، ދެ ޓީމުންވެސް އެ އުންމީދުގައި ކުޅުނު މެޗުގެ 31 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ކޯބީ މައިނޫ ވަނީ ލީޑު ނަގައިދީފައެވެ. އެ ގޯލާއެކު ފުރަތަމަ ހާފު ލީޑުގައި ޔުނައިޓެޑުން ނިންމާލި ނަމަވެސް، ދެވަނަ ހާފު ފެށިގެން ކުޑައިރުކޮޅެއް ތެރޭގައި އެންތަނީ ގޯޑަން ވަނީ ނިއުކާސަލްއަށް އެއްވަރު ކޮށްދީފައެވެ.
އޭގެ އިރުކޮޅެއް ފަހުން އެލެކްސެންޑްރާ އިސާކަށް ނަތީޖާ އަނބުރާލަން ރަނގަޅު ފުރުސަތެއް ލިބި، ބޭކާރުވެގެން ގޮސްފައިވާ އިރު، އަމަދު ޑިއާލޯ ޖެހި ގޯލުން ޔުނައިޓެޑް ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. އެ ލީޑާއެކު ޔުނައިޓެޑް ހަމަޖެހިލީ ރަސްމުސް ހޮއިލުން ޖެހި އިތުރު ގޯލަކާއެކުގައެވެ. މެޗުގައި ނިއުކާސަލް އިން ޖެހި ދެވަނަ ގޯލު، މެޗު ނިމިނިމި އޮއްވާ ޖަހައިދިނީ ލެވިސް ހޯލްއެވެ.
ޗެލްސީން ރޭ ބްރައިޓަން ކައިރީ ރަނގަޅަށް ފަށައި، ފުރަތަމަ ހާފު އެއްކޮށް ކޮށްޓްރޯލް ކުރިއެވެ. އަދި އެ ހާފު ޗެލްސީން ނިންމާލީ ފޯމުގައި ހުރި ކޯލް ޕާމާގެ ގޯލަކާއެކުގައެވެ. އެ ޓީމުން ދެވަނަ ހާފަށް ނުކުމެ، ލީޑު އިތުރަށް ފުޅާކުރީ ކްރިސްޓޮފާ އެންކުންކޫ ޖެހި ގޯލުންނެވެ. އަރިމަތިން ތަނަވަސްކުރި ހިތްގައިމު ފުރުސަތުގައި މާލޯ ގުސްޓޯ ނަގައިދިން ބޯޅަ، އެންކުންކޫ ނިންމާލީ ފަސޭހަ ކޮށެވެ.
ޗެލްސީން ހަމަޖެހިލައިގެން މެޗު ނިންމާލަން ދަނިކޮށް، ރީސް ޖޭމްސް ބޯޅަ ނެތި، ޖާއޯ ޕެޑްރޯ ގައިގައި ޖެހުމުން ރެފްރީ އޭނާއަށް ރަތް ކާޑު ދެއްކިއެވެ. އެ ހިސާބުން ޗެލްސީ ޕްރެޝަރުވެ، އުނދަގޫތަކާ ކުރިމަތިލިއެވެ. ޑެނީ ވެލްބެކް ޖެހި ގޯލުން ބްރައިޓަން ހިތްވަރު ހޯދި ނަމަވެސް، އެ ޓީމަށް އިތުރު ގޯލެއް ޖެހުނަ ނުދީ ޗެލްސީން ހިފަހައްޓާލިއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު