އެކިއެކި ގައުމުތަކުގެ ލީގު މެޗުތައް އެ ގައުމަކުން ބޭރުގައި ކުޅުމުން ކޮށްފާނެ އަސަރު ބަލައި، އެކަން ދިރާސާ ކުރަމުން އަންނަ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

ޔޫރަޕްގެ ވަރުގަދަ ލީގުތަކުގެ މެޗުތައް އެހެން ގައުމުތަކުގައި ހޯސްޓް ކުރުމަށް ދޮރުތައް ހުޅުވިފައިވާ ކަމަށް ދާދިފަހުން ވަނީ ވާހަކަދެކެވެފިއެވެ. މީގެ ކުރިންވެސް 2019 ވަނަ އަހަރު ލަލީގާ އިން އެކަން ކުރަން މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން އެ ފަހަރު ބާސެލޯނާއާއި ޖިރޯނާ ކުޅެން އޮތް މެޗެއް އެމެރިކާގެ މިއާމީގައި ހޯސްޓް ކުރަން އުޅެ، އެކަން ކާމިޔާބު ނުވިއެވެ. ލީގު ޕްރޮމޯޓްކޮށް، ފައިދާ އިތުރު ކުރުމުގެ މަގުސަދުގައި މިހާރު އަނެއްކާވެސް ލަލީގާ އިން އެކަމަށް ޕްލޭނެއް ހަދާފައިވާ އިރު، އިނގިރޭސި ލީގުން އަދި ތިބީ އެކަން ނުކުރާށެވެ. އެހެން ނަމަވެސް ޕްރިމިއާ ލީގުގެ ޗީފް، ރިޗާޑް މާސްޓާސް ދާދިފަހުން ވިދާޅުވީ އެކަމަށްވެސް ވާހަކަ ދެކެވިދާނެ ކަމަށެވެ.

ލީގު މެޗުތައް އެހެން ގައުމުތަކުގައި ހޯސްޓް ކުރުމާ މީގެ ކުރިން ފީފާ އިން ދެކޮޅެވެ. ނަމަވެސް ބެންކޮކްގައި އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި އެ މަޝްވަރާ ކޮށްފައިވެއެވެ. އަދި އެކަމުގެ ސަބަބުން ފުޓުބޯޅައިގެ ހާލަތަށް އަންނާނެ ބަދަލު، ހުރިހާ ދާއިރާއަކުން ދިރާސާކުރުމަށް ހާއްސަ ވޯކިން ގްރޫޕެއްވެސް އެކުލަވާލާފައިވެއެވެ.

ފީފާ އިން ބުނެފައި ވަނީ އެކަމަށް ގޮތެއް ނިންމުމުގެ ކުރިން، އެހެން ގައުމުތަކުގައި ލީގު ހޯސްޓް ކުރުމުން ލީގު ޝެޑިއުލަށް ގެންނަންޖެހޭ ބަދަލުތަކާއި އޭގެ ސަބަބުން ފުޓުބޯޅަ ކަލަންޑަރަށް ދިމާވާ މައްސަލަތަކާއި އެ ހޯސްޓް ގައުމަށް ލިބޭނެ ކުރިއެރުމެއް އޮތްތޯވެސް ބަލާނެ ކަމަށެވެ.

ފީފާ އިން ކުރަން ތައްޔާރުވެފައިވާ ދިރާސާ ޕްރި ސީޒަނުގައި ކުރަން ފަށާނެއެވެ. އެއީ މިހާރުވެސް އެމެރިކާ ފަދަ ގައުމުތަކުން ޔޫރަޕްގެ ބޮޑެތި ޓީމުތައް ހިމެނޭ ޕްރި ސީޒަން މުބާރްތައް ހޯސްޓް ކުރަން ރާވާފައިވާތީއެވެ.