އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ޓޮޓެންހަމް ބަލިކޮށްފިއެވެ.
ލީގުގައި ބާކީ އެއް މެޗު އޮއްވައި ސިޓީން ތާވަލުގެ އެއްވަނައަށް ރޭ ޖެހިލީ 2-0 އިން ޓޮޓެންހަމް ބަލިކޮށްގެންނެވެ. މި ވަގުތު ސިޓީ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 37 މެޗުން 88 ޕޮއިންޓާއެކުގައެވެ. އެ ޓީމާ އެންމެ ގާތުން ލީގު ތައްޓަށް ވާދަކުރަމުންދާ އާސެނަލް ދެވަނައިގައި އޮތީ 37 މެޗުން 86 ޕޮއިންޓާއެކުގައެވެ. ލީގުގައި ދެ ޓީމަށްވެސް ބާކީ މެޗެއް އޮތް އިރު، ލީގު ރޭހުގެ ކޮންޓްރޯލް އޮތީ ސިޓީ އަތުގައެވެ. ސިޓީން ލީގުގައި ކުޅޭ ފަހު މެޗުގައި ވެސްޓް ހަމް ބަލިކޮށްފި ނަމަ، އެ ޓީމަށް ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ތަށި ޔަގީންވާނެއެވެ.
އާސެނަލަށް ދެން ތަށި ލިބެން އޮތީ ސިޓީ ބަލިވެގެންނެވެ. އެ ޓީމުން ލީގުގައި ކުޅޭ ފަހު މެޗުގައި ނުކުންނަން ޖެހޭނީ އެވަޓަންއާ ދެކޮޅަށެވެ.
ރޭ ސިޓީއާއި ޓޮޓެންހަމް ވާދަކުރި މެޗަކީ ލީގު ތަށި ލިބޭނެ ޓީމެއް ކަނޑައެޅިގެންދާ މެޗުގެ ގޮތުގައި ގިނަ ބަޔަކު ވަނީ މާކުރިންވެސް ސިފަކޮށްފައެވެ. މެޗަށް ނުުކުތްއިރު ސިޓީއަށް އެ ޕްރެޝަރު ބޮޑުކޮށް އޮތް ނަމަވެސް، އެ ޓީމުން ދެއްކީ ތަފާތު ވިސްނުމެކެވެ. ލީގު ނެގުމަށް ބޭނުންވެފައިވާ މިންވަރު ސިޓީގެ ފަރާތުން މެޗުގައި ވަރަށް ރަނގަޅަށް ފެނިގެން ދިޔައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމް އިން ނުރައްކާކޮށް، ސިޓީގެ ގޯލަށް ހަމަލާތައް އުފެއްދި ނަމަވެސް، ގޯލްކީޕަރު އެޑަސަން ވަނީ މުހިންމު ސޭވް ތަކަކާއެކު މެޗުގެ ނަތީޖާ ދަމަހައްޓައި ދީފައެވެ. ވާދަވެރި އާސެނަލަށް ފައިދާވާނެ ކަން އެނގިތިބެވެސް ޓޮޓެންހަމް އިން މެޗުން މޮޅުވާން ބުރަ މަސައްކަތްތަކެއް ކުރިތަން ފުރަތަމަ ހާފުގައިވެސް ފެނިގެން ގޮސްފައިވީ ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ކުރީކޮޅުގައި ސިޓީ ލީޑު ނެގިއެވެ.
ކެވިން ޑި ބްރޭނާގެ ޕާހަކުން އާލިން ބްރައުޓް ހާލަންޑް މެޗުގެ ލީޑު ނެގީ ފަސޭހަ ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ. އަނިޔާގެ ސަބަބުން ސިޓީން ދެވަނަ ހާފަށް އެޑަސަންގެ ބަދަލުގައި ސްޓެފަން އޮރިޓޭގާ ކުޅެން ނެރެފައިވާ އިރު، އޭނާ ވެގެންދިޔައީ މެޗުގެ ހީރޯއަށްވެސް މެއެވެ. ދެވަނަ ހާފުގައި ޓޮޓެންހަމް އިން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތަށް އެންމެ ބޮޑަށް ހުރަސް އެޅީ އޭނާއެވެ.
ޑިޖާކް ކްލުސެވްސްކީ އަރައި ޖެހި ބޯޅައެއް މަތަކުރުމުގެ އިތުރުން ހިއުން މިން ސޮން މުޅިން ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަވެސް އޮރިޓޭގާ މޮޅަށް މަތަކުރިއެވެ. ސިޓީން މެޗުގައި ދެވަނަ ގޯލެއް ޖެހީ ފަހުވަގުތުއެވެ. އެ ގޯލަކީ ޖެރެމީ ޑޮކޫއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީގައި ހާލަންޑް ޖެހި ގޯލެކެވެ.
ރޭގެ ނަތީޖާއާއެކު ޓޮޓެންހަމްއަށް ގަދަ ހަތަރެއް ގެއްލި، އެ ޖާގަ ޔަގީންވީ އެސްޓަން ވިލާއަށެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު