އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން އޮތީ އިންޑިއާ ކަނޑުގެ ގައުމުތަކަށް ކަމަށާއި އެކަމުގެ ތެރެއަށް ޗައިނާ ވަންނާކަށް ނުޖެހޭނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސްރީ ލަންކާގެ "ދަ މޯނިން" ނޫހަށް ދެއްވި ސުވާލާއި ޖަވާބުގެ އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މި ސަރުކާރުން އިންޑިއާ ދުރުކޮށްލައި، ޗައިނާ ގާތްކޮށްލުމުން ރާއްޖެ މިއަދު ވަނީ ހީނަރު ކަމެއްގެ ތެރޭގައެވެ. އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ޖެހޭނީ އިންޑިއާ ކަނޑުގައި ހިމެނޭ ގައުމުތަކުން ކަމަށާއި އެއީ އެ ގައުމުތަކުގެ މަސްއޫލިއްޔަތެއް ކަމަށްވެސް ވިދާޅުވިއެވެ.

"ވަކިން ހާއްސަކޮށް މިކަމުގައި ޗައިނާގެ ދައުރެއް ނެތް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ ޒަމާންވީ އެކުވެރިއެއް ކަމަށާއި އިންޑިއާއަށް ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިންޑިއާ އާއެކު މަސައްކަތްކުރަން ދަސްކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ނަޝީދު ވަނީ ޗައިނާ އިން މަސައްކަތްކުރީ ރާއްޖެ، ދަރަނީގެ ދަންތުރައަކަށް ވައްޓާލުމަށް ކަމަށެވެ. އެގޮތުން އެ ގައުމުން، ގަސްތުގައި މަޝްރޫއުތަކުގެ އަގުބޮޑުކޮށް، ވިޔަފާރީގެ ޕްލޭންތައް ހަދަނީވެސް ފެއިލްވާ ގޮތަށް ކަމަށް ވިދާޅުވިއެވެ.