އިންޑިއާ އިން ނަގާފައިވާ ދަރަންޏަށް ލުއި ދިނުމާ ގުޅޭ ގޮތުން ރާއްޖެއާއި އިންޑިއާއާ ދެމެދު މަޝްވަރާކޮށްފިއެވެ.

އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގެ ތެރެއިން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރުއާ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ބައިނަލްއަގުވާމީ މައިދާނުގައިވެސް އިންޑިއާއާއި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެ ބައްދަލުވުމުގައި ޖައިޝަންކަރު ވަނީ، ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެ އާއެކު ގުޅުން ބަދަހިކުރަން އިންޑިއާ އިން ބޭނުންވާ ކަމަށްވެސް ވިދާޅުވެފައެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން އިންޑިއާގެ "ވިއޯން" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އިއްޔެ ޒަމީރު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ދަރަންޏަކީ 60 ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އެ ވެރިކަން ނިމުނުއިރު ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

"އެ ދަރަނީގެ ބޮޑު ބައެއް ދައްކަން ޖެހެނީ އިންޑިއާއަށް. ވަރަށް ބޮޑު ބައެއް ދައްކަންޖެހޭ އިންޑިއާއަށް. އެހެންވެ ދަރަންޏަށް ލުއި ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު" ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ މިހާރުގެ ސަރުކާރުން ގެންގުޅެނީ "ޕްރޯ މޯލްޑިވްސް" ހާރިޖީ ސިޔާސަތެއް ކަމަށާއި ރާއްޖައަކީ އިންޑިއާ އަދި ޗައިނާއަކީވެސް އެކުވެރި ގައުމެއް ކަމަށެވެ. ޗައިނާއަކީ ފާއިތުވި 10 އަހަރުން ފެށިފެން ރާއްޖޭގެ ތަރައްގީއެއް ބައިވެރިއެއް ކަމަށާއި ޗައިނާގެ އިންވެސްޓުމެންޓް ރާއްޖެއަށް މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.

ޒަމީރު އިތުރަށް ވިދާޅުވީ އިންޑިއާއަކީ 1965 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއް ކަމަށާއި ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި އެންމެ ފުރަތަމަ ބަލައިގަތީވެސް އިންޑިއާ އިން ކަމަށެވެ.

"ރާއްޖޭގެ ތަރައްގީގައި އިންޑިއާއަކީ މުހިންމު ދައުރެއް އަދާކުރާ ގައުމެއް. އިންޑިއާގެ ޕްރޮޖެކްޓުތައް މިހާރުވެސް ރާއްޖޭގައި އެބަ ކުރިއަށް ގެންދާ. ދެ ގައުމުން މިހާރު މަސައްކަތް ކުރަނީ އެ ޕްރޮޖެކްޓުތަކުގެ މަސައްކަތް އަވަސް ކުރެވޭނެ ގޮތެއް ހޯދުމަށް" ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޒަމީރު ވިދާޅުވީ ރާއްޖެއާއި އެންމެ ކައިރި ގައުމަކީ އިންޑިއާ ކަމަށާއި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިވެ، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުނީ އިންޑިއާގެ އެހީތެރިކަމާއެކު ކަމަށެވެ.