ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ލައިންސްމަން މައާފަށް އެދުނު ކަމަށާއި ނަމަވެސް އޭގެން ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި ހައިރާން ކުރުވަނިވި ގޮތަކަށް ނަތީޖާ އަނބުރާލައިގެން ބަޔާން މިއުނިކް ބަލިކޮށް، ރެއާލް މެޑްރިޑުން ރޭ ފައިނަލަށް ދަތުރުކުރީ އެގްރިގޭޓް 4-3 ގެ ނަތީޖާއަކުންނެވެ.

މިހާތަނަށް ރެކޯޑު 14 ފަހަރު ޗެމްޕިއަންސް ލީގު ހޯދާފައިވާ ރެއާލުން ރޭ ފައިނަލް ޔަގީންކުރި މެޗުގެ ފަހު މިނެޓުގައި ރެފްރީގެ ގޯހެއް ފެނިގެން ގޮސްފައިވެއެވެ. އިތުރު ވަގުތު ނިމެން ދަނިކޮށް ބަޔާނުން ކުރިއަށް އެއްލި ބޯޅައަކަށް އެޓީމުގެ ދެ ކުޅުންތެރިން މަސައްކަތްކޮށް ތަނަވަސްކުރި ފުރުސަތުގައި ބަޔާންގެ ޑިފެންޑަރު މަތެއަސް ޑެ ލިޓް ޖެހި ބޯޅަ ގޯލަށް ވަނެވެ. އެ ބޯޅަ ގޯލަށް ވަނީ ރެފްރީ އޮފްސައިޑް ކަމަށް ކަށިގަނޑު ފުމުނު ފަހުންނެވެ. އެކަހަލަ ހަނި ފުރުސަތުތަކުގައި މިހާރު އާންމުކޮށް އޮފްސައިޑަށް ދިދަ ނުނަގައި، ވީއޭއާރް އެހީ ބޭނުންކުރަން ރެފްފީންނަށް އަންގާފައި އޮތް ނަމަވެސް، ރޭގެ މެޗުގެ ލައިންސްމަން ދިދަ ނެގީ އަވަހަށެވެ.

ފަހުން ވީޑިއޯއަށް ބަލާއިރު ފެންނަ މަންޒަރުގައި އެ ބޯޅައަށް މަސައްކަތްކޮށް ބޯޅަ ހޯދި ބަޔާންގެ ކުޅުންތެރިޔާ އޮތީ އޮފްސައިޑް މަގާމެއްގައެއް ނޫނެވެ. އެ ނިންމުމާއެކު ރޭގެ މެޗަށްފަހު ބަޔާންގެ ކުޅުންތެރިންނާއި ކޯޗު ތޯމަސް ޓުޗެލް ވަނީ ވަރަށް ބޮޑަށް ރެފްރީއަށް ޝަކުވާ ކޮށްފައެވެ.

"އެއީ ވަރަށް ވަރަށް ވަރަށް ވަރަށް ބޮޑަށް ގޯސް ނިންމުމެއް. އެއީ ގަވާއިދާ ހިލާފު ނިންމުމެއް. ލައިސްމަނާއި ރެފްރީ ނިންމި ނިންމުމުން އިހުސާސްކުރެވެނީ ބޭއިންސާފު. ލައިސްމަން އަހަރެން ގާތު މައާފަށް އެދުނު. އެކަމަކު ދެން އެކަމުން ވާނެ ފައިދާއެއް ނޯންނާނެ. ރެފްރީއަށްވެސް ހަމަ ރަނގަޅަށް މަންޒަރު ފެނި ގޮއްވަން ނުޖެހޭ ބޯޅައަކަށް ކަށިގަނޑު ގޮއްވި،" ޓުޗެލް ރޭގެ މެޗަށްފަހު ބުންޏެވެ.

ޗެމްޕިއަންސް ލީގުންވެސް ބަޔާން ކަޓާފައިވާ އިރު، އެޓީމު މި ސީޒަން ނިންމާލީ ހުސް އަތާއެވެ. ޓުޗެލް ވަނީ މި ސީޒަނަށްފަހު ބަޔާން ދޫކޮށްލަން މާކުރިން ނިންމައިފައެވެ.