ޓާގެޓަކީ ނަތީޖާ އަނބުރާލުން ނަމަވެސް، އެކަން 90 މިނެޓް ތެރޭގައި ކުރެވޭނެ ކަމަށް ނުވިސްނާ ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރިކޭ ބުނެފިއެވެ.

ޕީއެސްޖީ އާއި ބްރޫޝިއާ ޑޯޓްމަންޑުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ކުޅުނު މެޗު، ޑޯޓްމަންޑުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ނިކްލަސް ފުލްކްރަގް ޖެހި ގޯލުން ޑޯޓްމަންޑުން އަމިއްލަ ދަނޑުގައި ޕީއެސްޖީ ބަލިކޮށްފައި އޮތް އިރު، ޕެނަލްޓީއަށް ނުގޮސް ނަތީޖާ އަނބުރާލާ ނަމަ، ޕީއެސްޖީއަށް ދެ ގޯލުގެ ފަރަގަކުން މޮޅުވާން ޖެހެއެވެ.

މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު އެންރިކޭ ބުނީ ވާދަވެރި ޗެމްޕިއަންސް ލީގު ސެމީ ފައިނަލެއް 90 މިނެޓް ތެރޭގައި ނިންމާލަން ފޯކަސް ނުކުރާ ކަމަށާއި 90 މިނެޓުގައި ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލަން ވިސްނުމަކީ ފޯކަސް ގެއްލޭނެ ކަމެއް ކަމަށެވެ.

"ދެ ގޯލުން 90 މިނެޓުގައި މޮޅުވާން ނުވިސްނަން. ފުރަތަމަ ވިސްނާނީ ދެވަނަ ލެގުން މޮޅުވާން. ދެ ގޯލު ޖަހަން ވިސްނައިގެން ކުޅެފިނަމަ، އެއީ ވަރަށް ބޮޑު ޕްރެޝަރެއް. އަދި ހާސިލްކުރަން އުނދަގޫ ޓާގެޓެއްވެސް މެ. އެހެންވީމާ 90 މިނެޓް ތެރޭގައި ދެ ގޯލު ޖަހައި، ޑޯޓްމަންޑަށް ގޯލެއް ޖެހިޔަ ނުދީ މެޗު ނިންމާލަން ވިސްނުމަކީ މޮޔަކަމެއް. އެހާ ފަސޭހައެއް ނުވާނެ" އެންރިކޭ ބުންޏެވެ.

އެންރިކޭ އިތުރަށް ބުނީ ދެ ގޯލު ޖެހުމުގެ ވިސްމުގައި މާ ބޮޑަށް ޖެހިގެން ޑިފެންސް ދޫކޮށްލެވެން ނޯންނާނެ ކަމަށާއި އެޓޭކާއި ޑިފެންސަށްވެސް 100 ޕަސެންޓް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އެއީ ދެ މިނެޓް ތެރޭ ދެ ގޯލު ޖެހޭނެ ކަމަށް ގަބޫލުކުރާހެން، އެހާ ވަގުތުކޮޅެއްގެ ތެރޭގައި ކޮޅަށް ދެ ގޯލު ވަދެދާނެ ކަމަށް ވިސްނަން ޖެހޭނެ ކަމަށްވެސް އެންރިކޭ ބުނެފައިވެއެވެ.

ޕީއެސްޖީ އާއި ޑޯޓްމަންޑް ފްރާންސްގައި ކުޅޭ ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ދެވަނަ ލެގު އޮންނާނީ މިރޭ މެންދަމު 12:00 ގައެވެ.