މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "އެއާޕޯޓް އިމަޖެންސީ އެންޑް ރެސިލިއެންސް"ގެ ނަމުގައި ފޯރަމެއް ފަށައިފިއެވެ.
ކްރޮސްރޯޑްސްގައި ކުރިއަށްގެންދާ އެ ފޯރަމް މިއަދު ފައްޓަވައިދެއްވީ، ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒް ހަލީމެވެ.
އެމްއޭސީއެލުން ބުނީ މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ އެ ފޯރަމްގެ މައިގަނޑު މަގުސަދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމާއި، ދިމާވެދާނެ ކުއްލި ހާލަތަކަށް އިޖާބާދިނުމުގައި މިހާރަށްވުރެ ބޮޑަށް ތައްޔާރުވެ އެކަމަށް ހުރިހާ ސްޓޭކްހޯލްޑަރުން އެކުގައި މަސައްކަތްކުރުން ހަރުދަނާކުރުން ކަމަށާއި އެ ފޯރަމްގައި ސެކިއުރިޓީއާއި އެމަޖެންސީ ހާލަތްތަކުގައި އެކި މުއައްސަސާތަކުން އަދާކުރާނެ ދައުރާ ގުޅޭ މައުލޫމާތު ހުށަހަޅައިދޭނެ ކަމަށެވެ.
އެ ފޯރަމްގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނާއި އެ ކުންފުނީގެ އިސްވެރިންނާއި އެއާޕޯޓުގެ އިމަޖެންސީގެ ހާލަތުގައި ޝާމިލުވާ ހުރިހާ ސްޓޭކް ހޯލްޑަރުން ބައިވެރިވެއެވެ.
އެ ފޯރަމްގައި ވަހާކަދައްކަވަމުން ސްޓޭޓް މިނިސްޓަރު މުއާޒު ވިދާޅުވީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަކީ ގައުމުގެ އެންމެ މުހިއްމު އިމާރާތްތައް ގާއިމުކުރެވިފައިވާ ތަން ކަމުގައިވާ އިރު، އެއާޕޯޓަށް ހާއްސަ ސަލާމަތާއި ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތައް އެޅިފައި ހުރުން މުހިއްމު ކަމަށެވެ. އަދި އެއާޕޯޓުގެ އޮޕަރޭޝަންތަކުގައި އަވަސް އިމަޖެންސީ ރެސްޕޮންސް ކަށަވަރުކުރުމަށާއި، ވިލުންވެރިކަން ދެމެހެއްޓުމަށްޓަކައި ސްޓޭކްހޯލްޑަރުންގެ ދެމެދުގައި ކޯޑިނޭޝަން ވަރަށް މުހިއްމު ކަމަށް ވިދާޅުވިއެވެ.
ފޯރަމްގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ ފަސިންޖަރު ޓްރެފިކް އިތުރުވެ، މުޅި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެއާޕޯޓުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ އިރު، އެ މަޝްރޫއުތަކުގެ ހުރިހާ މަރުހަލާތަކެއްގައި ވެސް ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.
އެމްއޭސީއެލުން ބުނީ ސެކިއުރިޓީ އިމަޖެންސީ ޓޭބަލްޓޮޕް އެކްސަސައިޒެއް ވެސް ކުރިއަށްގެންދާނެ ކަމަށާއި އެއީ ހުރިހާ މުއައްސަސާތައް ގުޅިގެން އަސްލު އިމަޖެންސީ ހާލަތެއްގައި އަމަލުކުރާ ގޮތަށް ކުރިއަށްދާ އެކްސަސައިޒެއް ކަމަށެވެ.
"އެއާޕޯޓް އިމަޖެންސީ އެންޑް ރެސިލިއަންސް ފޯރަމް 2024" އަކީ، ވީއައިއޭގެ ސަލަމަތާއި ރައްކާތެރިކަން ހަރުދަނާކޮށް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަށް އެމްއޭސީއެލުން ބާއްވާ އެފަދަ ފުރަތަމަ ފޯރަމެވެ.
ޚަބަރު
ޚަބަރު
ޚަބަރު